ދޮން އުނބަރާ ނައިޓްގެ ނަމުގައި ހުޅުމީދޫގައި މިއުޒިކް ޝޯއެއް ބާއްވަން އުޅޭ ޚަބަރު ލިބުނު ނަމަވެސް އެއީ ތަފާތު މިއުޒިކް ޝޯއަކަށް ވެދާނެ ކަމަކަށް ރަށުގެ އެއްވެސް މީހަކު އުއްމީދެއް ނުކުރެއެވެ. އެންމެން ވެސް ހީކޮށްގެން ތިބީ ފަންނާނުންތަކެއް ރަށަށް އައިސް މިއުޒިކް ކުޅެލާފައި ދާނީ ކަމަށެވެ. ތަފާތު، ނުވަތަ އާދަޔާއި ހިލާފު، އާއްމުކޮށް މިއުޒިކް ޝޯއެއްގައި ނުހިނގާ ހަރަކާތްތަކެއް މިހަރަކާތުން ފެނިގެން ހިނގައިދާނެ ކަމަކަށް ހިއެއް ނުކުރެވެއެވެ.

ނަމަވެސް ކަންތައްތައް ވެގެން ދިޔައީ އެހެންނެއް ނޫނެވެ. ދޮން އުނބަރާ ނައިޓް ވެގެން ދިޔައީ ހަމައެކަނި ކާމިޔާބު މިއުޒިކް ޝޯއަކަށް ނޫނެވެ. އައިޝަތު ޝަހުދާ (ބަހޫ) ގެ އިސްނެންގެވުމުގެ މަތިން އިންތިޒާމް ކުރި ހަރަކާތުގައި ތަފާތު ގިނަ އިޖްތީމާއި ކަންތައްތަކަށް އެހީތެރިވުންވެސް ކުރިއަށް ދިޔައެވެ.

މިއުޒިކް ޝޯވްގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އިފްތިތާހު ކުރެވގެން ދިޔައީ މިއުޒީޝަނުންނާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް އެހީތެރިވުމަށް ސްޓޫޑިއޯއެއް ހުޅުވަން ހަމަޖެއްސުމެވެ. "ކީތު ރެކޯޑިންގ ސްޓޫޑިއޯ" ގެ ނަމުގައި ސްޓޫޑިއޯގެ ހަރަކާތްތަށް އިފްތިތާހުކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރެވެ.

މިއުޒިކް ޝޯވގެ އިތުރުން ރަށުގެ އިޖްތިމާއީ އުމުރާނީ ތަރައްގީގެ ކަންތައްތަކަށްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރަށު ސްކޫލަށް އަލަށް އިތުރު ކުރެވުނު ހަތް ކުލާސް ރޫމަށް ބޭނުންވާ ކޮމްޕިއުޓަރ ވަނީ ހަދީޔާ ކޮށްފައެވެ.

ހުޅުމީދޫގައި ފުލުހުން ބޭއްވީ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަށްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މެޑަލްއާއި އެނޫންވެސް އެހީތެރިކަމަށް އެދުނު ކަންތައްތައް ފުރިހަމަކޮށް، ފަތަން ދަސްކުރުމުގައި ބައިވެރިވި ކުދިންގެ ނިންމުމުގެ ރަސްމިއްޔާތު އިތުރަށް ވަނީ ކުލަގަދަ ކޮށްދީފއެވެ.

ހުޅުމީދޫގައި ކުޑަކުދިންނާއި އާއްމުން ބޭނުން ކުރުމަށް ޕާކެއް ހެދުމަށް ނިންމާފައިވެއެވެ. މި ގޮތުން މި މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކޮށް ވީހާވެސް އަވަހަށް މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ބަހޫ ވިދާޅުވީ އަބަދުވެސް ރަށަށް ކޮންމެވެސް ކަމެއް ކޮށްދޭން ވިސްނާ ކަމަށާއި ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ރަށަށް އަންނަން ހަމަ ޖެހުމުން ފިރިމީހާއި އާއިލާއާ މަޝްވަރާކޮށް މި ކަހަލަ ކަންތައްތަކެއް ކުރަން ވިސްނީ ކަމަށެވެ. ބަހޫ ވިދާޅުވީ ޒުވާނުންނާއި ރަށު ރައްޔިތުން މުނިފޫހި ފިލުވުމުގެ ބޮޑު ހަރަކާތެއްގައި ބައިވެރިކުރުވުމުގެ ގޮތުން ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީ އިބްރާހިމާއި އަލަށް އަރަމުން އަންނަ ޒުވާން ރެޕް ފަންނާނުން ކަމަށްވާ ޑެވިން އާއި ޓޯއީ ފަދަ ތަރިން ބައިވެރިކުރީ އެކި އުމުރު ފުރާއަށް ގުޅޭ ގޮތަށް ޝޯވއެއް ބޭއްވުމުގެ ގޮތުން ކަމަށެވެ.

ރަށުގެ އިޖްތީމާއި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާނީވެސް އެ ފަރާތްތަކާ މަޝްވަރާކުރެވިގެން ކޮންމެހެން އެންމެ މުހިއްމު ކަމެއްގެ ތަރުތީބުން އިސްކަންދީގެން ކަމަށެވެ. ބަހޫ ފާހަގަ ކުރެއްވި ގޮތުގައި މި ވަރުގެ އިވެންޓެއް ބޭއްވުމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ފިރިކަލުން ހަސަން މަމްދޫހު (މަންޑޭގެ) އެއްބާރުލުމާއި އެހީތެރިކަމެވެ. އަދި ކުރިޔަށް އޮތްތަނުގައި މި ފަދަ ކަންތައްތައް ބޭއްވުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައީ މި ފަހަރު ރަށު ރައްޔިތުންގެ ފަރާތުން މެހެމާނުންނަށް ދިން ލޯތްބާއި، ފަންނާނުން ރަށަށް އައުމުން މަރުހަބާ ދެންނެވުމަށް ދިން ތަރުހީބެވެ.

މި އިވެންޓު މި ވަރުގެ ކާމިޔާބު އިވެންޓަކަށް ވުމުގައި ރަށުގެ ރައްޔިތުންނާ ހާއްސަކޮށް މަންޑޭގެ ޓީމާއި، ހުޅުމީދޫއިން އަލީ ނޫރައްދީނާއި، ސަމާ އަދި ކުރީގެ މެމްބަރު ޝާޑުގެ ނަން ޝުކުރުވެރިކަމާ އެކު ބަހޫ ފާހަގަކުރެއެވެ. މޫސުން ގޯސްވެ ވިއްސާރައިގައި ވެސް މި ފަދަ ކަމެއް ކުރެވުނީތީ ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އަދި ކުރިއަށްވެސް މި ފަދަ އިވެންޓުތަކެއް ރަށުގައި ބޭއްވުމަށް ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.