އިންޑިޔާގެ ވިޔަފާރީގެ މައި މަރުކަޒު، މުމްބާއީ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވަމުންދިޔަ ދެ ކުއްޖަކު ސަލާމަތްކޮށްދިނުމަށް މަސައްކަތް ކުރި މީހަކު މަރުވެއްޖެއެވެ.

ޕްރަކާޝް ބާލޫ ޕަޓިލް ނަމަކަށް ކިޔާ މި މީހާއަކީ ސްކޫލު ކުދިންނަށް ބަހުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާ ޑްރައިވަރެކެވެ.

އިންޑިޔާގެ މަޝްހޫރު ނޫހެއްކަމުގައިވާ "މިޑް ޑޭ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ޕްރަކާޝް ދުއްވާ ބަސް އޮތީ ބޮޑު ވަޅުގަނޑެއްގެ ކައިރިއަށް ގެންގޮސްފައެވެ. އޭނާގެ ބަހުގައި ހަތެއް ނޫނީ އަށް ކުދިން ތިބިއިރު، އޭގެތެރެއިން ދެ ކުއްޖަކުވަނީ ފެންގަނޑުގެ ތެރެއަށް ވެއްޓިފައެވެ.

މި ކުޑަ ދެ ކުދިން ފެނުގެ ތެރެއަށް ގެނބި މަރުވުމުގެ ބިރު އޮތުމުން، ޕްރަކާޝްވަނީ އޭނާގެ އަމިއްލަ ސަލާމަތަށް ބެލުމެއް ނެތި، މި ކުދިން ސަލާމަތްކުރަން ފެންގަނޑުގެ ތެރެއަށް ވަނީ ފުންމާލާފައެވެ. ފެނުގެ ތެރޭގައި އޮވެގެން އޭނާ، އެކުދިން ގެނބުނަ ނުދިނުމަށް ދިޔައީ އެތައް މަސައްކަތެއް ކުރަމުންނެވެ.

އެހެންނަމަވެސް، ބާރަށް ބޮޑުވަމުންދިޔަ ފެންގަނޑާއި އޮއެގެ ސަބަބުން އޭނާވަނީ ފެންގަނޑަށް ގެނބި، ދުރަށް ގެންގޮސްފައެވެ. މިކަމުގެ ސަބަބުން އޭނާ މަރުވިކަމުގައިވިޔަސް، ބަހުގައި ތިބި ދެ ކުދިން ސަލާމަތްވިއެވެ. އޭނާ ފެންގަނޑުގެ ތެރޭގައި އޮތް ސަރަޙައްދާ، އެތައް ތަނެއް ދުރުން ޕްރަކާޝްގެ ހަށިގަނޑު ފެނިފައިވަނީ ފަޔަރ ފައިޓަރުން ތަކަކަށެވެ.

އޭނާ މަރުވިއިރު، އަނތްބަކާއި ތިން ދަރިން ތިބިކަމަށްވެސް، މިޑް ޑޭ ނޫހުގައި ބުނެފައިވެއެވެ.