ޕާކިސްތާންގެ މިނިވަން ދުވަސް ފާހަގަކުރުމަށް މަގުމައްޗަށް ނުކުމެ އުޅުނު އަންހެން ޓިކްޓޮކް ތަރިއަކަށް ޖިންސީ އަނިޔާ އާ ފުރައްސާރަ ކުރި 400 އެއްހާ މީހެއްގެ މައްސަލަ ބަލަން ނިންމައިފިއެވެ.

ފުލުހުން އެ މައްސަލަ ބަލަން ނިންމާފައި ބަނީ، އެ އަންހެން ޓިކްޓޮކް ތަރިއަށް އަނިޔާކޮށް، ޖިންސީ ގޯނާ އާ ފުރައްސާރަ ކުރާ ވީޑިއޯ މީސް މީޑިއާގައި އާއްމުވުމުންނެވެ. މިއާއެކު ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން އާއި ޕަންޖާބްގެ ޗީފް މިނިސްޓަރ އުސްމާން ބުޒްޑަރް ވަނީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅަާނެ ކަން ކަށަވަރުކޮށްދީފައެވެ.

އޮގަސްޓް 14 ވަނަ ދުވަހު މި ހާދިސާ ހިނގާފައި ވަނީ އެތައް ސަތޭކަ ޒުވާނުން ލާހޫރްގެ މިނާރް-އައި-ޕާކިސްތާން ކައިރިއަށް އެއްވެ މިނިވަން ދުވަސް ފާހަގަކުރަމުން ދަނިކޮށެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެނިގެން ދަނީ މަޖަލަަކަށް ޒުވާނުން އެ އަންހެން ކުއްޖާ އުފުލައިގެން މައްޗަށް އެއްލާ މަންޒަރެވެ. އަދި އެ ކުއްޖާގެ ހެދުން ވީދާލައި އެ ކުއްޖާއަށް އަނިޔާ ކުރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ.

އެ ވީޑިއޯ ވައިރަލްވުމާއެކު ފުލުހުން ވަނީ އެ ކުއްޖާ އާ ބައްދަލުކޮށްފައެވެ. އަދި އެ މީހުންނާއި ދެކޮޅަށް މައްސަލަ ފައިލްކޮށްފައި ވެއެވެ.

ފުލުހުންގެ ސީނިއާ އޮފިސަރަކު ބުނެފައިވާގޮތުގައި، އެ ވާހަކަތައް އެ ކުއްޖާ ކިޔާދެމުން ދިޔައީ ކަރުނަ އަޅާ ހާލުގައެވެ.

އޭނާ ބުނެފައި ވަނީ، އޭނާއާ އަދި އޭނާ ހިންގާ ޔޫޓިއުބް ޗެނަލްގައި މަސައްކަތް ކުރާ އިތުރު ހަ މީހަކު ދިޔައީ އަޒާދީ ޗައުކްއަށް މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ވީޑިއޯ ނެގުމަށް ކަމަށެވެ.

"އަހަރުމެން ތިބީ ޝޫޓް ކުރަން ތިއްބާ، އެތަނުގައި ތިބި މީހުން އަހަރެންނަށް ޖެއްސުން ކުރަން ފެށީ، އެކަމުގައި އިތުރު މީހުންވެސް ބައިވެރިވި،އެ މަންޒަރު ފެނިގެން ޕާކްގައި ހުރި ސެކިއުރިޓީ ގާޑް ސެންޓްރަލް ގޭޓް ހުޅުވައި އަހަރެން އެތަނަށް ވެއްދި އަނެއްކާ އެ މީހުންވެސް އެތަނަށް ވަނީ އަހަރެންގެ ފަހަތުން ވަދެގެން އަހަރެން އުފުލައިގެން މައްޗަށް އެއްލައި އަހަރެންގެ ހެދުން ހަލާކުކޮށް، އަހަރެންގެ ޓީމްގެ މެންބަރުންނަށް އަނިޔާކޮށް، ހަޑިހުތުރު ބަހުން ވާހަކަދެއްކި".

އޭނާ ބުނީ، ސަލާމަތްވީ އެގޮތަށް އަނިޔާ ކުރަމުންދާތާ އެތައް އިރެއް ފަހުން ކަމަށެވެ.

އަދި އޭނާއަށް އަނިޔާ ކުރި މީހުން އޭނާގެ ފޯނާއި، ރަން އަނގޮޓީ އާއި ފައިސާވެސް ޖަހައިގެނެގެން ގެންދިޔަ ކަަމަށް ބުންޏެވެ.

ފުލުހުން ބުނީ، އެ ވީޑިއޯއިން ފެނިގެންދާ މީހުން ވަރަށް އަވަހަށް ހައްޔަރުކުރާނެ ކަމަށެވެ.