ބިގްބޮސް އޯޓީޓީ ފެށިގެން ކުރިއަށް ދާއިރު ކުރިއަށް ވުރެ ގާތުން ބެލުންތެރިން ދަނީ ބިގްބޮސްގެ ކަންކަން ބަލަމުންނެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ބިގްބޮސްގައި ކޮންމެ ދުވަހަކު ވެސް އާއްމުންގެ ރިޕޯޓްކާޑެއް ވެސް ދެއެވެ. އެއީ އެދުވަހެއްގެ ބިގް ބޮސްގެ ގޭގެ މުނިފުހިފިލުވުމާއި މެދު ހިތްހަމަޖެހޭ މިންވަރު ކަނޑައަޅައިދޭ ރިޕޯޓްކާޑެކެވެ. އެ ދުވަހެއްގެ ކަންކަމާއި މެދު އާއްމުން ހިތްހަމަ ނުޖެހޭ ނަމަ ޖެހިގެން އަންނަ ދުވަހުގެ ކެއިން ބުއިމާއި ކެއްކުމަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ.

މި ސީޒަންގައި މި ނޫނަސް ތަފާތު ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން މިފަހަރު ގޭގައި މީހުން ތިބީ ކަނެކްޝަންގެ ނަމުން ނަން ދިނުމަށް ފަހު ޖޯޑުތަކަކަށް ބަހާލާފައެވެ. މި ފަހަރުގެ ކޮންޓެސްޓެންޓުންގެ މެދުގައި އެހެން ފަހަރުތަކަށް ވުރެ ޒުވާބު ގިނަ އިރު މިފަހަރުގެ ސީޒަން މިހާތަނަށް ތަފާތުކޮށްދޭ ކަމަކީ ޝޯގެ ހޮސްޓެވެ. ޝޯ އޮންލައިންކޮށް ދައްކަމުން ދާއިރު މަޝްހޫރު ބަތަލް ސަލްމާން ޚާންގެ ބަދަލުގައި އެ ޝޯ ހުށަހަޅައިދެމުން އަންނަނީ އެކްޓަރ، ޕްރޮޑިއުސަރ ޑައިރެކްޓަރ ކަރަން ޖޯހަރުއެވެ.

ކަރަން ޖޯހަރުގެ ހުށަހެޅުމަށް އައި ފާޑު ކިޔުންތަކަށް ވުރެ ބޮޑަށް އޭނާ އަށް ފާޑުކިޔުންތައް އަމާޒުވީ އޭނާ ތަފާތުކުރާ ކަމަށް ބުނެއެވެ. އެގޮތުން މިފަހަރު ބިގްބޮސްގައި ބައިވެރިވާ ބައިވެރިއެއް ކަމަށްވާ ބަތަލާ ޝަމީތާ ޝެޓީ އާއި އެހެން މީހުންނާއި ކަރަން ވަރަށް ބޮޑަށް ތަފާތު ކުރާ ކަމަށް އާއްމުން ތުހުމަތުކުރެއެވެ. މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ އަކީ ކަރަން އާއި އެކު މީގެ ކުރިން މަސައްކަތް ކުރުމުގެ އިތުރުން އޭނާ އާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ. މީގެ އިތުރުން ޝޯގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ނޭހާ ބާސިން އަކީ ވެސް ކަރަންގެ ރަހުމަތްތެރިއެކެވެ.

ޝޯ ކުރިއަށްދާ ގޮތަށް ބަލާ އިރު ޝޯ އޮންނަނީ ޓާސްކުތަކަކަށް ބެހިފައެވެ. އެ ޓާސްކުތަކަށް ބިނާކޮށް ގޭގެ ކެޕްޓަނުން ހޮވައެވެ. މިފަހަރު ކެޕްޓަނުންގެ ބަދަލުގައި ހޮވަނީ ބޮސް ލޭޑީ އާއި ބޮސް މޭންއެވެ. މީގެ އިތުރުން އެ ޓާސްކުތަކަށް ބިނާކޮށް މީހުން ނޮމިނޭޓް ކުރެއެވެ. ޝޯ ދޫކޮށް ދާން ޖެހޭ ބައިވެރިން ނިންމަނީ މި ޓާސްކުތަކާއި އާއްމުންގެ ޥޯޓަށް ބަރޯސާވެގެންނެވެ. އޭގެ ތެރެއިން ފަހުގެ ނިންމުން ނިންމަނީ ބެލުންތެރިންނެވެ.

ކޮންމެ ހަފްތާއަކުވެސް ހަފްތާ ބަންދުގައި ޝޯގެ ހޮސްޓް ހަފްތާ ތެރޭގައި ބިގްބޮސްގެ ގޭގައި ހިނގި ކަންކަމަށް ފާޑުކިޔައެވެ އަދި ބައިވެރިންގެ ތެރޭގައި ހިނގާ ނޭދެވޭ ކަންކަމަށް އަލިއަޅުވާލާ ބައެއް ފަހަރު ހަރުކަށިކޮށް ބައިވެރިންނާއި ވާހަކަދައްކައެވެ. މިއީ ސަލްމާން މި ޝޯ ހޮސްޓް ކުރި އިރުވެސް ކަން ހިނގި ގޮތެވެ.

ނަމަވެސް މިފަހަރުގެ ޝޯގައި ފުރަތަމަ ހަފްތާ ބަންދުގައި ޝޯގެ ބައިވެރިޔާ ދިވްޔާ އަގަރްވާލް ދޭތެރެ ޖައްސާ ކަމަށާއި ޝަމީތާ އާއި އޭނާގެ ކަނެކްޝަން ރާކޭޝް ބަޕަތް އާއި ދޭތެރެއަށް ވަންނަ ކަމަށް ބުނެ ކަރަން އޭނާ އަށް ފާޑުކީ ގޮތް ބެލުންތެރިންނަށް އެހާ ބޮޑަށް ކަމަކު ނުދެއެވެ. އެހެން ބައިވެރިންނަށް ވުރެ ބޮޑަށް ދިވްޔާ އަށް ކަރަންގެ ނުރުހުން އޮތްކަން ހާމަވާ ކަމަށް ވެސް ބެލުންތެރިންނާއި ދިވްޔާގެ ފޭނުން އައީ ބުނަމުންނެވެ.

މައްސަލަ ގޯސްވީ މި ފަހަރުގެ ހަފްތާ ބަންދު ޝޯގައި ވެސް ދިވްޔާ އަށް ކަރަންގެ ބަހގެ ހަމަލާތައް އަމާޒުވުމުންނެވެ. ދިވްޔާ ވެސް ވަނީ ހަފްތާ ތެރޭގައި ކަރަން އަށް ކެނޑި ނޭޅި މަލާމާތުގެ ބަސްތައް ރައްދުކޮށްފައެވެ. ހަފްތާ ބަންދު ޝޯގައި ކަރަންގެ ބައެއް ވާހަކަތަކާއި މެދު ހިތްހަމަނުޖެހިގެން ދިވްޔާ އަޑުގަދަ ކުރުމުން ކަރަން ވަނީ އެ ޒާތަށް އޭނާ އާއި ވާހަކަ ނުދެއްކުމަށް ދިވްޔާ އަށް އިންޒާރު ދީފައެވެ. އެ ހިސާބުން ބޮލީވުޑްގެ ތަރިން ހިމެނޭ ގޮތަށް ކަރަން އަށް ފާޑުކިޔުން އަމާޒުކުރަން ވަނީ ފަށާފައެވެ
. އޭގެ ތެރޭގައި ޓީވީ ޝޯތަކުގައި މަސައްކަތް ކުރާ ބައެއް ފަންނާނުން ހިމެނެއެވެ. ދިވްޔާ އަގަރްވާލް އަކީ ސްޕްލިޓްސްވިލާ އާއި އޭސް އޮފް ސްޕޭސް ފަދަ ޝޯތައް ކާމިޔާބުކޮށްފައިވާ ކާމިޔާބު ރިއަލިޓީ ޓީވީ ޝޯތަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ކަރަން ޖޯހަރު ތީ ރިހަގަނޑެއް! ވަރަށް ރަނޑުވާނެ!

  2. ބޮލީވުޑް

    ތިއީ ކަރަން ބޯހަރުގެ ވައްތަރު އެގޮލާ ބޮލީވުޑްގައިވެސް އެގޮތަށް ބައެއް މީހުންނާއި ޖައްސާލާ، ކެރިއަރު ހަލާކުކޮށްލާފައި އެބަހުރި. ސުޝާންތުގެ މަރަކީ ވެސް މީނަ ގެ ކަމެކޭވެސް ބައެއް މީހުން ކިޔާ