މީސް މީޑިޔާގެ އެންމެ ހިނގާ، އެއް ބާވަތްކަމަށްވާ ޓުވިޓާގެ މައްސަލައިގައި، ބޮލީވުޑުގެ ބަތަލާ ކަންގަނާ ރަނައުތު އާއި ދެކޮޅަށް ދުވާލެއްގެ މައްޗަށް 200 މައްސަލަ ފުލުހަށް ހުށަހަޅާ ކަމަށް ކަންގަނާ ބުނެފިއެވެ.

ބޮލީވުޑުގެ ފަންނާނުންގެ ތެރެއިން މީސް މީޑިޔާގައި އެންމެ ހަރަކާތްތެރި އެއް ފަންނާނަކީ ކަންގަނާއެވެ. ފިލުމު އިންޑަސްޓްރީގެ ކަންތައްތަކުގެ އިތުރުން އިންޑިޔާ އަދި އެހެން ގައުމުތަކާއި ބެހޭގޮތުން ވެސް ކަންގަނާ ވަނީ މީސް މީޑިޔާގައި ވާހަކަ ދައްކާފައެވެ.

ކަންގަނާ އެންމެ އާއްމުކޮށް ބޭނުން ކުރާ މީސް މީޑޔާގެ ބާވަތް ކަމަށްވާ ޓުވިޓާގައި އޭނާގެ ޚިޔާލު ފާޅު ކުރުމުގެ އިތުރަށް ކަންތައް އޮންނަ ގޮތާއި ތެދު ދިޔައީ ހާމަކުރަމުންނެވެ.

ޓުވިޓާގައި ކަންގަނާގެ ފާޑުކިޔުންތައް ގިނަވެ، ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށިއެވެ. އަދި ކަންގަނާއާއި ދެކޮޅަށް ފުލުހަށް އެތައް މައްސަލައެއް ހުށަހަޅާފައިވެއެވެ.

ކަންގަނާގެ އެންމެ ފަހު ފިލުމު ''ތަލައިވީ'' ގެ ޕްރޮމޯޝަންގައި ކަޕިލް ޝަރުމާގެ ކޮމެޑީ ޝޯގައި ވާހަކަ ދައްކަމުން ކަންގަނާ ބުނެފައިވަނީ ދުވާލެއްގެ މައްޗަށް އޭނާޔާ ދެކޮޅަށް 200 މައްސަލަ ފުލުހަށް ހުށަހެޅޭ ކަމަށެވެ.

ކަންގަނާގެ ޓުވިޓާ އެކައުންޓާއި ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ މީގެ ކުރިން އޭނާގެ ޓުވިޓާ އެކައުންޓް ބެލެހެއްޓީ އޭނާަގެ ޓީމުން ކަމަށާއި، ނަމަވެސް މިދިޔަ އަހަރު ލޮކްޑައުންގައި ހުންނަން ޖެހުމުން، ކުރާނެ މަސައްކަތެއް ނެތި ހުސްވަގުތު ލިބޭތީ ކަންގަނާގެ އެކައުންޓް އޭނާ އަމިއްލައަށް ހިންގަން ފެށި ކަމަށެވެ.

ޓުވިޓާ އެކައުންޓް ބޭނުން ކުރަން ފެށީ ލޮކްޑައުން ފެށުމުން ކަމަށާއި ލޮކްޑައުން ނިމުނުއިރު ޓުވިޓާއިން ވަނީ ކަންގަނާ ބޭން ކޮށްފައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.