ދުނިޔޭގެ މޫސުމާއި ބެހޭ އިދާރާ (ޑަބްލިއުއެމްއޯ) އަކީ 193 އަށް ވުރެ ގިނަ ގައުމާއި ސަރަހައްދު ހިމެނޭ ބޮޑު ޖަމިއްޔާއެކެވެ. ކޮންމެ އަހަރަކު ވެސް އެ ޖަމިއްޔާއިން ބާއްވާ މުބާރާތެއްގެ ޒަރިއްޔާއިން ހޮވާ ފޮޓޯތަކާއި އެކު ކަލަންޑަރެއް އެކުލަވާލައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަގާފައިވާ ގުދުރަތީ ރީތި އެތައް ފޮޓޯތަކެއްގެ ހުށަހެޅުމުގެ ތެރެއިން ހޮވާލާ މި ފޮޓޯތަކަކީ އާއްމުންގެ ވޯޓާއި އެކު ހޮވާ ފޮޓޯތަކެވެ.

ޑަބްލިއުއެމްއޯގެ 2021 ވަނަ އަހަރުގެ ކަލަންޑަރ ފޮޓޯ މުބާރާތް މިހާރު ފެށިގެން ކުރިއަށް ދާއިރު އޮކްޓޯބަރ 1 އިން ފެށިގެން މި މުބާރާތުގެ ވޯޓުލުމުގެ މަރުހަލާ ވަނީ އާއްމުންނަށް ހުޅުވާލާފައެވެ. މުޅިއެކު ޖުމުލަ 1100 ހުށަހެޅުން ލިބުނު މި މުބާރާތގައި ހިމަނާފައިވާ ފޮޓޯތަކަކީ އާދަޔާއި ހިލާފަށް ރީތި ފުރިހަމަ ފޮޓޯތަކެއްކަން މުބާރާތް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.

ފޭސްބުކް މެދުވެރިކޮށް ކުރިއަށްދާ މި މުބާރާތުގެ ފައިނަލް އަށް ދަތުރުކުރި ފޮޓޯތައް މިހާރު ޑަބްލިއުއެމްއޯގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވަނީ ޝާއިއުކޮށްފައެވެ. މި މުބާރާތުގެ ފައިނަލް އަށް ހޮވިފައިވާ 60 ފޮޓޯ ހޮވާފައި ވަނީ މޫސުމާއި ބެހޭ ތަޖުރިބާކާރުންނާއި، ފޮޓޯގްރާފަރުން އަދި މުވާސަލާތާއި ގުޅުން ހުރި ތަޖުރިބާކާރުން ހިމެނޭ ހާއްސަ ޕެނަލްއަކުންނެވެ.

މި މުބާރާތަކީ އެހެން ފަހަރުތަކާއި ހިލާފަށް ދިވެހިންނަށް ހާއްސަ ފަހަރެކެވެ. ސަބަބަކީ މި މުބާރާތުގައި މިފަހަރު ދިވެއްސެއް ނަގާފައިވާ ފޮޓޯ އެއްވެސް ހިމެނުމެވެ. ގދ.ތިނަދޫ އަށް އުފަން އުމުރުން 33 އަހަރުގެ ނަސްރުﷲ އަހުމަދު ނަގާފައިވާ އެ ފޮޓޯ އަކީ 2019 ވަނަ އަހަރު ކ.ކާށިދޫގައި ނަގާފައިވާ ފޮޓޯއެކެވެ.

 

"މީގެ މަހެއް ކުރިން ހުށަހެޅީ. މޫސުމާއި ބެހޭ އިދާރާގައި އުޅޭތީ ހިތަށް އެރީ ހުށަޙަޅާނީއޭ. އެއީ ރަސްމީ ދަތުރެއްގައި ގޮސްފައި ނެގި ފޮޓޯއެއް. " އޭނާ "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

އޮކްޓޯބަރގެ 31 އާއި ހަމައަށް މުބާރާތުގެ ވޯޓުލުން ކުރިއަށް ދާއިރު މި ފޮޓޯ އަށް ލިބޭ ކޮންމެ ލައިކަކީ އެއް ވޯޓެވެ. ޑަބްލިއުއެމްއޯގެ ކަލަންޑަރގައި ހިމެނޭނީ އެންމެ ގިނަ ވޯޓު ލިބޭ ފޮޓޯތަކެވެ.

ނަސްހުﷲ އަކީ މޫސުމާއި ބެހޭ އިދާރާގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. 11 ވަރަކަށް އަހަރު ގްރެފިކްސް ޑިޒައިނިންގެ ދާއިރާގައި އޭނާ މަސައްކަތް ކޮށްފައިވެއެވެ.