ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ރަންވީރު ސިންގް އަދި ދީޕިކާ ކައިވެނިކުރަން އުޅޭ ކަމަށް އަޑު ފެތުރެން ފަށައިފި އެވެ.

ބޮލީވުޑްގެ ހަބަރު ފަތުރާ ފިލްމު ފެއާގެ ރިޕޯޓްތައް ބުނާގޮތުގައި ރަންވީރު އަދި ދީޕިކާގެ ކައިވެނި ހަފްލާ އިޓަލީގައި ބޭއްވުމަށް އަންނަނީ ރާވަމުންނެވެ.

އަދި އިޓަލީގައި އޮންނަ ކައިވެނީގެ ހަފްލާގައި ބައިވެރި ވާނީ އާއިލާ މެންބަރުންގެ އިތުރުން ދެމީހުންގެ ވަރަށް ގާތް ރަހުމަތްތެރިން ކަމަށާއި އެގޮތުން ރަންވީރުގެ ގާތް ރަހުމަތްތެރިޔާ އަރްޖުން ކަޕޫރް ބައިވެރިވާއިރު ދީޕިކާގެ އެންމެ ގާތް ފަރާތް ކަމަށްވާ ޝާހުރުކް ހާން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ދެމީހުންގެ ކުޑަ ހަފްލާއެއް މުމްބައީގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ހަފްލާއަކީ އިޓަލީއަށް ނުދެވޭ ފަރާތްތަކަށާއި ރައްޓެހިންނަށް ހާއްސަ ކޮށްފައިވާ ހަފްލާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ދެމީހުން ލޯބީގެ ގޮތުން ގުޅުނީ 2014 ވަނަ އަހަރު ކަމަށާއި 2016 ވަނަ އަހަރުވެސް ކައިވެނި ކުރަން އުޅޭ ކަމަށް އަޑު ފެތުރުނު ކަމަށެވެ. އަދި މީގެ ކުރިންވެސް ކައިވެނި ކުރާނެ ގިނަ ދުވަސްތަކެއް އެކި ގޮތްގޮތުން ދެކެވިގެން ދިޔަ ކަމަށެވެ.

އެ ދެމީހުންގެ ގުޅުމުގެ ވާހަކަތައް ވަރަށް މަދުމަދުން މީސްމީޑިޔާގައި އިވެމުންދާއިރު ދެމީހުންގެ ފޭނުންނަށް ވަނީ މިކަމުން ބޮޑު ހައިރާންކަމެއް ލިބިފައި އެވެ. އަދި މިއީ ތެދު ވާހަކަތަކެއް ކަމަށް ޝައްކު ކުރެވޭ ކަމަށް ގިނަ ސަޕޯޓަރުން ބުނަމުންދާއިރު ކައިވެނި ހަފްލާއަށް އިޓަލީއަށް ދާނެ ކަމަށްވެސް ބައެއް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.