ދިރިއުޅުމުގައި ތަފާތު ކަންތައްތައް ކުރަން ބޭނުންވާ މީހުން އުޅެއެވެ. އާކަންތައްތައް ތަޖުރިބާ ކޮށްލަން ބޭނުންވާ މީހުން ވެސް ތިބެއެވެ. އެހެން ނަމަވެސް ގިނަ މީހުން އެކަމުން އޮތީ ކޮން ފައިދާއެއް ކަމާއި ކޮން ގެއްލުމެއްކަން ބަލާނެކަން ހަމަ ޔަގީނެވެ.

އެފަދަ ކަންތައްތަށް ކޮށްގެން ބައެއް ފަހަރު ހީވެސް ނުކުރާހާ ކަހަލަ އުފާވެރި ކަމެއް ނުވަތަ ހަނދާނުން ފޮހެލަން އުނދަގޫ ކަންތައްތައް ވެސް ހިނގާފައި އެބަ ހުއްޓެވެ.

މިއީ ވެސް އެފަދަ ގޮތަކަށް ކަމެއް ކުރި މީހަކަށް ދިމާވި ހާދިސާއެކެވެ.

އުމުރުން 54 އަހަރުގެ ބްރެޓް ޗެމްބަލައިން ނަމަކަށް ކިޔާ އިންގްލޭންޑުގެ ފިރިހެނަކު އޭނާ ދުއްވާ ކާރަށް ޕެޓްރޯލް އަޅަން ގޮސް 60 ޕައުންޑަށް ވާ ވަރަށް ޕެޓްރޯލް އަޅައި ފައިސާ ދައްކަން އުޅުނީ ވަކި ލާރިންނެވެ. އެހެން ނަމަވެސް އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ އޭނާގެ އަތުން އެގޮތަށް ފައިސާ ނުނަގާނެ ކަމަށް ބުނެފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގައި ހިނގާދިޔަ މި ހާދިސާއާއި ގުޅިގެން ފުލުހުން ވަނީ އޭނާ ހައްޔަރު ވެސް ކޮށްފައެވެ. އޭރު އޭނާ ހައްޔަރު ކޮށްފައިވަނީ ފައިސާ ދައްކަން ދެކޮޅު ހަދި ކަމަށް ބުނެއެވެ.

އޭނާގެ ހައްޔަރަށް ފަހު ފުލުހުން ވަނީ ހަތަރު ވަރަކަށް ގަޑިއިރުވަންދެން އޭނާ ބަހައްޓައިގެން ސުވާލުކޮށް އެކަން ތަހުގީގު ކޮށްފައެވެ. އެންމެ ފަހުން އޭނާ ދޫކޮށްލީ އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރު ނުކުރެވޭނެ ކަމަށް ބުނެއެވެ. އޭނާ ދޫކުރި ނަމަވެސް މައްސަލަ ފުލުހުންގެ އިދާރާގައި އޮންނާނެ ކަން އެނގުމުން އޭނާ ވަނީ އެކަމަށް މާފަށް އެދުމަށް އެކަމުގައި ޝާމިލުވި އެންމެންގެ ފަރާތުން އެދިފައެވެ. އެހެން ނަމަވެސް އެގޮތަށް އެކަން ނުދިއުމުން އޭނާ ވަނީ މައްސަލަ ކޯޓަށް ވައްދައި ބަދަލު ހޯދާފައެވެ.

އެގޮތުން އޭނާ އަށް ބަދަލެއްގެ ގޮތުން ލިބިފައިވަނީ 5000 ޕައުންޑް ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެމައްސަލައާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާ ވަނީ އަބަދު ވެސް ޕެޓްރޯލް އަޅަނީ ވަކި ލާރި ދީގެން ކަމަށާއި އެހެން ނަމަވެސް ފަހުން ދިޔަ ތަނަކީ އެގޮތަށް ވަކި ލާރި ނުހޯދަން މަސައްކަތް ކުރާ ބައެއް ކަމަށެވެ.