ދާދި ފަހުން ފޭސްބުކް އާއި ދެކޮޅަށް ތުހުމަތުކޮށް ދައްކާފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ބުނެފިއެވެ.

ޒަކަބާގް ބުނީ އެވާހަކަތައް ދައްކާފައިވަނީ އެ ކުންފުނީގެ އަގު ވައްޓާލުމަށް ކަމަށެވެ. ކުންފުނީގެ ދިފާއުގައި ވާހަކަ ދައްކައި، އޭނާގެ ސްޓާފުން ހޯދާފައިވާ ކުރިއެރުމާ މެދު ފަހުރުވެރިވާ ކަމަށް ޒަކަބާގް ބުނެފައިވެއެވެ.

ޒަކަބާގް މިފަދައިން ބުނެފައިވަނީ ފޭސްބުކް އަކީ ކުޑަކުދިންނަށް ހުރި ނުރައްކަލެއް ކަމަށާއި، ފޭސްބުކް އިސްލާހު ކުރަންޖެހޭ ކަމަށް އެކުންފުނީގެ ކުރީގެ ވެރިއެއް ކަމަށްވާ ފްރާންސިސް ހޯގެން ވިދާޅުވުމާއި ގުޅިގެންނެވެ.

ހޯގަން ވިދާޅުވީ، އާންމުންގެ އެއްބައިވަންތަކަމާއި، ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވުރެ ބޮޑަށް ފޭސްބުކްއިން ސަމާލުކަމެއް ދެމުން ގެންދަނީ އެ ކުންފުންޏަށް ލިބޭނެ މާލީ ފައިދާތަކަށް ކަމަަށެވެ. މި މޭރުމުން އެ ޕްލެޓްފޯމް ސިފަކުރައްވާ، ހޯގެން ވަނީ 13 އަހަރުން ދަށުގެ ކުޑަކުދިން އިޝްތިހާރުތަކުގައި ބޭނުންކޮށްގެން ފޭސްބުކް އިން އެތަށް ބިލިޔަން ޑޮލަރެއްގެ ފައިދާ ނެގުންފަދަ އަހްލާގީގޮތުން ފެންވަރު ދަށްކަންކަން ފޭސްބުކް އިން ކުރާކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.

ޒަކަބާގް އޭނާގެ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ގަބޫލުކުރާ ގޮތުގައި ބޮޑެތި ޖަމިއްޔާތަކުގެ އަމަލުތައް ރަނގަޅަށް ބެލެން ޖެހޭނެ ކަމަށެވެ. އޭނާގެ ކުންފުންޏާއި ދެކޮޅަށް ދޮގު ތުހުމަތުތަކެއް ކޮށްފައިވާކަން ފާހަގަކޮށް ޒަކަބާގް ބުނީީ މިހާރުގެ މުޖުތަމައުއަށް ބަލާއިރު ފެނިގެން ދަނީ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ.

ފޭސްބުކްގެ މައްސަލަ އެމެރިކާގެ ސެނެޓްގެ ސަމާލުކަމަށް އައީ ފޭސްބުކްގެ ޚިދުމަތް މި މަހުގެ ކުރީކޮޅު 6 ގަޑިއިރަށް މެދުކެނޑުމާ ގުޅިގެންނެވެ. ފޭސްބުކްގެ އިތުރުން ވަޓްސްއަޕް އަދި އިންސްޓަގްރާމްގެ ޚިދުމަތްތައްވެސް މިދިޔަ ހޯމަދުވަހު ހަ ގަޑިއިރަށް މެދުކެނޑިގެން ދިޔައެވެ. ފޭސްބުކްގެ ކުރީގެ ވެރިޔަކު ކުރި ތުހުމަތުތައް ވެސް ސެނެޓުން މިހާރު އަންނަނީ ބަލަމުންނެވެ.