ރާމާމަކުނަކީ ވަރަށް ވިސްނުން ތޫނު ޖަނަވާރެކެވެ. މަޖާ އެތައް ކަމެއް ކުރާ ރާމާމަކުނުގެ އެތައް ވާހަކައެއް އަބަދުވެސް ދެކެވެއެވެ. މިފަހަރުވެސް މިވަނީ އެފަދަ ކަމެއް ވެފައެވެ.

އަވަށްޓެރި އިންޑިއާގައި ހިނގި މި ހާދިސާގައި ރާމާމަކުނު މީހެއްގެ އައިނެއް ނަގާ އެ އައިނު ނުދޭން މަސައްކަތް ކުރާތަން ފެންނަ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ.

އިންޑިއާގެ ފުލުހަކު އާންމު ކުރި މި ވީޑިއޯގައި ރާމާމަކުނު އަތުން އައިނު ހޯދުމަށް އައިނުގެ ވެރިމީހާ ކުރާކަމަކީ ރާމާމަކުނަށް ޖޫސްޕެކެޓެއް ދިނުމެވެ. މީހުން ކުރާކަންކަން ވަރަށް އަވަހަށް ކޮޕީ ކުރާ ޖަނަވާރެއްގެ ގޮތުގައި ރާމާމަކުނު ބެލެވިފައިވާއިރު މިފަހަރު އެސޮރު އަތުން އައިނު ހޯދީވެސް މިފަދަ ކަމެއް ކޮށްގެންނެވެ.

ރާމާމަކުނަށް ޖޫސްޕެކެޓް ދޭން ޖޫސްޕެކެޓް ދިއްކުރުމުން އެސޮރު ޖޫސްޕެކެޓްގައި ހިފިއެވެ. ނަމަވެސް އެމީހާ ޖޫސްޕެކެޓްގައި ބާރަށް ހިފައިގެން ހުރުމުން މަކުނަށް ވިސްނުނީ އެ ޖޫސްޕެކެޓް ލިބޭނީ އޭގެ ބަދަލަށް އެހެން އެއްޗެއް ދިނުމުން ކަމެވެ. އެހެންވެ އެސޮރު އަތުގައި އޮތް އައިނު ދިނެވެ. އަދި އެމީހާ މަކުނަށް ޖޫސްޕެކެޓް ދިނެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި އެތައް ވައްތަރެއްގެ ރާމާމަކުނުތައް އުޅޭއިރު ބައެއް ފަރާތްތަކުން އޮޅުކޮށްގެންވެސް މަކުނުތައް ގެންގުޅެއެވެ. އަދި އެކި ކަންކަމުގައި އެސޮރުމެންގެންގެ އެހީހޯދާ ފަރާތްތައްވެސް ގިނައެވެ. އެއީ އެސޮރުމެންނަށް ވަކި ކަންކަން ދަސްކޮށްދީގެން އިންސާނުންނަށް ފަސޭހައަކަށް ގެންގުޅެނީއެވެ.

ރާމާމަކުނުތައް ބެލުމަށް އިންޑިއާއަށް ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ދަތުރުކުރާކަން ފާހަގަ ކުރެވެއެވެ. ބައެއް ފަހަރު ފަތުރުވެރިންގެ އަގުބޮޑު ފޯނާއި ކެމެރާތައްވެސް ރާމާމަކުނުތައް ނަގައިގެން ފިލައެވެ.

ކިޔުންތެރިންގެ ހިޔާލު