އައިފޯނުން 7000 ފޮޓޯގެ އިތުރުން 500 އަށްވުރެ ގިނަ ވީޑީއޯ ޑިލީޓްވި މައްސަލައިގައި އުތުރު ބެންގަލްގެ މަޖިލިސް މެމްބަރު މިމީ ޗަކްރަބޯތީ ކަންބޮޑުވެއްޖެއެވެ.

އިންޑިއާގެ ޓްރިނަމޫލް ކޮންގްރެސް ޕާޓީގެ އެމްޕީ އެކަމާއި ކަންބޮޑުވުމުން ވަނީ މީސްމީޑިއާގައި އެކަން ހިއްސާ ކޮށްފައެވެ. އެގޮތުން ޓުވިޓާގައި އޭނާ ވަނީ އެޕަލް ކުންފުނި ޓެގް ކޮށްފައެވެ.

"7000 ފޮޓޯ އާއި 500 ވީޑިއޯ އެ ހުރިހާ އެއްޗެއް ގެލެރީން ޑިލީޓްވީ. ނޭނގެ ހަދަންވީ ގޮތެއް. ރޯންވީ ކަމެއް ނޫން ކަމެއް" އޭނާ ޓުވިޓާގައި ހިއްސާކޮށްފައިވެއެވެ.

އޭނާ ބުނީ ފޮޓޯތައް ޑިލީޓްވުމުން އެފޮޓޯތައް އަނބުރާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ފޮޓޯއެއް ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓުވިތާގައި އެކަން އާއްމު ކުރުމުން ގިނަ ބަޔަކު ވަނީ އޭނާ އަށް އެހީތެރިވުމަށް ގޮވާލާފައެވެ. އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ މަޖިލީހުގެ މެމްބަރަކު ކަންބޮޑުވެގެން ވާހަކަ ދައްކަނީ ފޮޓޯތަކެއް ޑިލިޓްވެގެން ކަމަށާއި އިންޑިއާގައި ހުރި މައްސަލަތަކާއި ގުޅިގެން ވާހަކައެއް ނުދެއްކޭ ކަމަށެވެ.

"ހާހަކަށްވުރެ ގިނަ މީހުންނަށް ވަނީ މަޖުބޫރު ކޮށްފައި ސްކޫލުން ކެނޑެން. ވަޒީފާތައް ގެއްލިއްޖެ. އެހެން ނަމަވެސް އެމްޕީ ކަންބޮޑުވަނީ ފޮޓޯތަކެއް ގެއްލިގެން" އޭނާ ހިއްސާ ކުރި ޕޯސްޓަކާއި ގުޅިގެން އެގައުމުގެ އާއްމު ރައްޔިތަކު ބުންޏެވެ.

ޓުވިޓާގައި ވާހަކަ ދެއްކި އިތުރު މީހަކު ބުނީ، މޫސުމަށް އަންނަ ބަދަލުތަކާއި އެގައުމަށް ކުރާ ވިއްސާރާގައި އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ފަރާތްތަކަށް ހިތްވަރު ދިންތަނެއް ނުފެންނަ ކަމަށެވެ.