މި މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮލީވުޑްގެ ވިކީ ކޯޝަލްއާއި ކެޓްރީނާ ކައިފްގެ ކައިވެނީގެ ހަފުލާއަށް ދެ ބައިވެރިންގެ ކުރީގެ ލޯބިވެރިންނަށް ދައުވަތު ނުދޭ ކަން ހާމަވެއްޖެއެވެ.

ވަރަށް ޕްރައިވެޓްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފުލާއަށް ދަޢުވަތު ދީފައިވާ މީހުންގެ ލިސްޓު ހާމަ ކޮށްފައި ނެތް ނަމަވެސް މި ދެބައިވެރިންގެ ކުރީގެ ލޯބިވެރިންނަށް ދަޢުވަތު ނުލިބޭ ކަމަށް ފަހުގެ ރިޕޯޓްތައް ބުނެއެވެ.

ކެޓްރީނާ ކުރިން ލޯބީގެ ގޮތުން ގުޅިފައިވާ ބޮލީވުޑުގެ އެކްޓަރުންގެ ތެރޭގޢި ސަލްމާން ޚާނާއި ރަންބީރު ކަޕޫރް ހިމެނެއެވެ. މި ކައިވެނި ހަފުލާއަށް ދަޢުވަތު ނުލިބެއެވެ.

އަދި ވިކީ ކޯޝަލްގެ ކުރީގެ ލޯބިވެރިޔާ ހަރްލީން ސޭތީއަށް ވެސް ދަޢުވަތު ނުދެއެވެ.

މީގެއިތުރުން ކެޓްރީނާގެ ވަރަށް ގާތް ބޮލީވުޑުގެ ރަހުމަތްތެރިއެއް ކަމުގައިވާ، ރަންބީރުގެ މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓްއަށް ވެސް މި ކައިވެނި ހަފުލާގައި ބައިވެރިވުމަށް ދަޢުވަތު ނުލިބެއެވެ.

ވިކީ ކޯޝަލްގެ ކުރީގެ ލޯބިވެރިޔާ ހަރްލީން ވިކީއާއި ވަކިވުމާއި ގުޅޭގޮތުން ބުނެފައިވަނީ ފިލުމު ''އުރީ'' ގެ ކާމިޔާބަށް ފަހު ވިކީ ހަރްލީންއާއި އެކު އުޅެން ބޭނުން ނުވީ ކަމަށެވެ.

ފަހުގެ ރިޕޯޓް ތަކުގައިވާ ގޮތުން ވިކީއާއި ކެޓްރީނާގެ މި ކައިވެނި ހަފުލާގައި ކުރީގެ ލޯބިވެރިޔާ ރަންބީރުގެ އެއްވެސް ލަވައެއް ވެސް ނުޖަހާ ގޮތަށް ވަނީ ނިންމާފައެވެ.

ކައިވެނީގެ ކުރިން ބާއްވާ ހަފުލާތައް މިހާރު ވަނީ ފަށާފައެވެ. އެގޮތުން މެހެންދީ ހަފުލާ ނިމި ހަލްދީ ހަފުލާ ވަނީ ފަށާފައެވެ.