ޔޫރަޕިއަން ޔޫނިއަންއިން ރިކޯޑު އަދަދެއް ކަމަށްވާ 5 ބިލިޔަން ޑޮލަރުން މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ގޫގުލް ޖޫރިމަނާކޮށްފިއެވެ.
މިފަދަ ބޮޑު އަދަދަކުން ގޫގުލް ޖޫރިމަނާ ކުރަންޖެހުނު ސަބަބަކަށް ވެފައިވަނީ އެކުންފުނީގެ އެންޑްރޮއިޑް އޮޕަރޭޓިންގް ސިސްޓަމް ބޭނުންކުރާ އެހެން ކުންފުނިތަކުގެ ފޯނުތަކުގައި ގޫގުލްގެ އަމިއްލަ އެޕްލިކޭޝަންތައް ބޭނުންކުރަން މަޖުބޫރު ކުރުވާފައިވާތީއެވެ.
އީޔޫގެ ކޮމްޕެޓިޝަން ކޮމިޝަނާ މާގަރެތް ވެސްޓޭޖަރ ބުނި ގޮތުގައި ގޫގުލް ވަނީ އީޔޫގެ ގަވާއިދު ތަކާ ހިލާފުވެފައެވެ. އެގޮތުން ގޫގުލް ގެ ޕްލޭސްޓޯރ ހިމެނުމުގެ ލައިސަން ދިނުމުގެ ޝަރުތަކަށް ގޫގުލް ސާޗް ފޯނު ތަކުގައި ހިމެނުން ވަނީ އީޔޫގެ ގަވާއިދުތަކުގެ ބޭރުން ކޮށްފައިވާ އަމަލެއްގެ ގޮތުގައި ސިފަކޮށްފަައެވެ. އަދި މީގެ އިތުރުން ގޫގުލް ސާޗް އެކްސްކްލޫސިވްކޮށް ޕްރޮޑަކްޓުތަކުގައި ހިމެނުމަށް ގިނަ އަދަދެއްގެ ފައިސާ ޓެކްނޮލޮޖީ އުފައްދާ ބޮޑެތި ކުންފުނިތަކަށް ހުށަހަޅާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގައިވެސް ގޫގުލް އިން ސާޗު ލިސްޓުތަކުގައި ގިނަ އަދަދަކަށް ވިޔަފާރީގެ އިޝްތިހާރުތައް ހިމަނާފައިވާތީ ރެގިއުލޭޓަރުން ވަނީ ގޫގުލް 2.8 ބިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.
އީޔޫއިން ގޫގުލްއާ ދެކޮޅަށް އެޅި ފިޔަވަޅު އައިސްްފައިވަނީ އެމެރިކާއާއި އީޔޫ އާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ގޫގުލް އަކީ އެމެރިކާގެ ކުންފުންޏެއްކަމުން މި ފިޔަވަޅު ވެގެންދާނީ އީޔޫ އާ އެމެރިކާއާ ދެމެދު އޮތް ގުޅުމަށް އިތުރު ހީނަރުކަމެއް އަންނާނެކަމަކަށެވެ.
އެމެރިކާއިން ވަނީ އީޔޫ އިން އެމެރިކާގެ ކުންފުނިތަކާ ޖައްސާލައިގެން އުޅޭކަމުގެ ޝަކުވާވެސް ކޮށްފައެވެ. އެގޮތުން މީގެކުރިން އީޔޫއިން ވަނީ އެމެރިކާގެ ޓެކްނޮލޮޖީގެ ބޮޑުން ކަމުގައިވާ މައިކްރޯސޮފްޓާއި އެޕަލް އާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާފައެވެ.
އީޔޫއިން ގޫގުލްއާ ދެކޮޅަށް މި އެޅި ހަރުކަށި ފިޔަވަޅަކީ ކުންފުންޏަކާ ކުރި އެބާވަތުގެ އެންމެ ބޮޑު ޖޫރީމަނާކަމުގައިވެސް ހަބަރުތަކުން ރިޕޯޓުކުރެއެވެ.
ތީ މިއުޅޭ ޣައްދާރު އެމް. ޑީ. ޕީ ގެ ކެމްޕެއިނަށް ހޯދައިދޭ ލާރިގަނޑެއް ކަމަށް ލަފާ ކުރެވޭ!