ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޓްރިސްޓަން ތެރަރޯޓުއާ ރާއްޖެއިން ބޭނި މަހަކަށް ދުނިޔޭގެ ރެކޯޑެއް ލިބިއްޖެއެވެ.

ތެރަރޯޓްއާ ރާއްޖެ އައިސް ބޭނި މަސްތަކުގެ ތެރެއިން ދުނިޔޭގެ ރެކޯޑެއް ލިބުނީ އޭނާ ބޭނި "ބްލެކް ސްނޯކް" އަކަށެވެ. މިއީ ތޮޅީގެ ބާވަތެކެވެ. މިބާވަތުގެ މަސް މީގެ ކުރިން ވެސް ރާއްޖެ އިން ބާނާފައިވެއެވެ. ނަމަވެސް ތެރަރޯޓްއާ އައްޑޫ ސިޓީ ކައިރިން މާޗް 15 ވަނަ ދުވަހު ބޭނި ބްލެކް ސްނޯކް އަކީ މިހާތަނަށް ބޭނި މިބާވަތުގެ އެންމެ ބޮޑު މަހެވެ.

ތެރަރޯޓްއާ ބޭނި މަހުގެ ބަރުދަނުގައި 14 ކިލޯ އަދި ދިގު މިނުގައި 68.5 އިންޗި ހުއްޓެވެ.

ނުވަ ދުވަސް ވަންދެން ރާއްޖޭގައި ހޭދަކުރި ޗުއްޓީގައި ލިބުނު ދުނިޔޭގެ ރެކޯޑާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ތެރަރޯޓްއާ ބުނީ މިއީ އޭނާ ކުރިން އުއްމީދު ކުރި ކަމެއް ނޫން ކަމަށެވެ. "އަހަރެން ކުރިން ވެސް އަޑުއަހަން ބްލެކް ސްނޯކް ކިޔާ މަހެއްގެ ވާހަކަ. އެއީ އިންޑިއާ ކަނޑުން އާއްމުކޮށް ބޭނޭ މަހެއް ކަން ވެސް އަހަރެންނަށް އެނގޭ. އެކަމަކު އަހަރެން ހިއެއް ނުކުރަން މިފަދަ ކަމެއް ވެދާނެ ކަމަކަށް. މިލިބުނީ އުއްމީދު ނުކުރާ ޝަރަފެއް." ތެރަރޯޓްއާ ބުންޏެވެ.

ތެރަރޯޓްއާ އެމެރިކާގެ ނޫހަކަށް ކިޔައިދިން ގޮތުގައި އައްޑޫ "ސްޕޯޓްސް ފިޝިން މޯލްޑިވްސް" ގައި މަސައްކަތް ކުރާ އަބްދުﷲ އާނިފް އާއިއެކު އޭނާ މަހަށް ދިޔައީ އެރޭ 19:30 ކަންހާއިރުއެވެ. ނަނު އެއްލުމާއިއެކު މަހެއް ޖެހުނު ކަމަށާއި ނަމަވެސް ފުރަތަމަ އެއީ މަހެއް ކަމަށް ހީނުކުރާ ކަމަށް ތެރަރޯޓްއާ ބުންޏެވެ. "ކުޑައިރުކޮޅެއް ފަހުން މަޑުމަޑުން މަސް ދުވަސް ފެށީ. މަސް ނަގަން އުޅުމުން ވަރަށް ބާރުކުރި. އަހަރެމެން ފުރަތަމަ ހީކުރީ އެއީ މިޔަރެއް ކަމަށް." ތެރަރޯޓްއާ ބުންޏެވެ.

ތެރަރޯޓްއާ ބުނީ އެމަސް ނަގަން 25 މިނެޓް ހޭދަވި ކަމަށެވެ. "އެމަސް ލޯންޗަށް ނެގުމާއިއެކު އެންމެނަށް ވެސް ލިބުނީ ހައިރާންކަމެއް. އެވަގުތު ވެސް އަހަރެންގެ ގައިޑަށް އެނގިއްޖެ މިއީ ދުނިޔޭގެ ރެކޯޑަކަށް ވެދާނެ ބޮޑު މަހެއް ކަން." ތެރަރޯޓްއާ ކިޔައިދިނެވެ.

ތެރަރޯޓްއާ ރާއްޖެ އިން ބޭނި މަސް ދުނިޔޭގެ ރެކޯޑް ބަރުދަން ހުރި މަހެއްގެ ގޮތުގައި ސެޓްފިކެޓް ދީފައި ވަނީ އިންޓަނޭޝަނަލް ގޭމް ފިޝިން އެސޯސިއޭޝަން (އައިޖީއެފްއޭ) އިންނެވެ.

ތެރަރޯޓްއާ ބުނީ އޭނާ ބޮޑު މަސް ބާނައިގެން އެނބުރި ރަށަށް ދިޔައިރު އައްޑޫގެ ގިނަ ބަޔަކު ބަނދަރު މައްޗަށް އެއްވެފައި ތިބި ކަމަށެވެ.

މީގެ ކުރިން ދުނިޔޭގެ އެންމެ ބަރު ބްލެކް ސްނޯކްގެ ރެކޯޑް އޮތީ ޖަޕާނުން 2017 ވަނަ އަހަރު ބޭނި 12.50 ކިލޯ ހުރި މަހެއްގައެވެ. ނަމަވެސް އަދި އައިޖީއެފްއޭ އިން އެމަސް ރެކޯޑެއްގެ ގޮތުގައި ރަސްމީކޮށް ލިސްޓެއް ނުކުރެއެވެ. އެއީ އެމަސް ބޭނި ގޮތާއި ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން އަދިވެސް ނުނިމޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސެން

    ކަމާބެހޭ ފަރާތްތަކުން އެއްބާރުލުުން ލިބޭނަމަ ތިކަހަލަ ކިތަންމެ ރޭކޯޑެއް ރާއްޖެއިން ހަދާނެ، މިއަހަރު ނެއްލައިދޫގަ ބަކައްޓެއް 7ދަރި ވިހައިފި، އެއީ ދުނިޔޭގެ ރެކޯޑެއް، ކޮން މުއައްސަސާ އަކަށް އެކަން ދެނަހުރީ

    41
    2
    • ހަސަނާ

      އެކަން އެނގެނީ އެބަކަރި ގެންގުޅުނު ބަކަރިއަށް އެކަނި

  2. ކޮރަލް

    މެރިން ރިސާޗް އިން ކުރާ ކަންކަން އާއްމުންނާ ހިއްސާ ނުކުރެ އެވެ.