ބައެއް އެންޑްރޮއިޑް ފޯނުތަކުގައި ބޭނުން ކުރާ "ޔޫޓިއުބް ގޯ" އެޕްލިކޭޝަން ބޭނުން ނުކުރެވޭ ގޮތް ހަދަން ގޫގުލް އިން ނިންމައިފިއެވެ.

ގޫގުލް އިން ވަނީ ފާއިތުވި އަހަރުތަކުގައި އެންޑްރޮއިޑް ފޯނުތަކަށް ވަރަށް ގިނަ އެޕްލިކޭޝަންތަކެއް އުފައްދާފައެ ވެ. އޭގެ ތެރޭގައި މުނިފޫހިފުލުވުމަށް ބޭނުން ކުރާ އެޕްލިކޭޝަންތައް ވެސް ހިމެނެއެވެ. ގޫގަލް އިން އެންޑްރޮއިޑަށް ހާއްސަކޮށްގެން އެޕްލިކޭޝަންތައް އުފައްދަނީ އެ ފޯނުތަކަކީ އެއީ ރެމް އަދި ޕްރޮސެސަރތައް އެހާ ވަރުގަދަ ފޯނުތަކަށް ނުވާތީއެވެ.

ގިނަ އެޕްލިކޭޝަންތަކެއް ގޫގުލް އިން އެންޑްރޮއިޑަށް އުފެއްދި ނަމަވެސް ގޫގުލްއިން މިހާރު ވަނީ އެންމެ މުހިންމު އަދި ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ "ޔޫޓިއުބް ގޯ" އެޕްލިކޭޝަން ބޭނުން ނުކުރެވޭ ގޮތަށް ހަދަން ނިންމާފައެވެ. އެގޮތުން އެކުންފުނިން ބުނީ މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން "ޔޫޓިއުބް ގޯ" އެޕްލިކޭޝަން އެންޑްރޮއިޑަށް ބަންދު ކުރާނެ ކަމަށެވެ.

2016 ވަނަ އަހަރު އުފައްދާފައިވާ "ޔޫޓިއުބް ގޯ" އެޕްލިކޭޝަނަކީ ޑޭޓާ އަގުބޮޑު، އަދި ދެރަ އެންޑްރޮއިޑް ފޯނުތައް ގެންގުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެޕްލިކޭޝަނެކެވެ. މިއެޕްލިކޭޝަނުގެ ސަބަބުން ޔޫޓިއުބްގެ އަސްލު އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކުގެ އަދަދު ވެސް ބޮޑު ތަނުން އިތުރުވެފައިވާ ކަމަށް ޔޫޓިއުބުން ވަނީ ބުނެފައެވެ.

"ޔޫޓިއުބް ގޯ" ބަންދު ކުރުމާއި އެކީ ދެން އެންޑްރޮއިޑް ގެންގުޅޭ ފަރާތްތަކުން ބޭނުން ކުރަން ޖެހޭނީ ޔޫޓިއުބްގެ އަސްލު އެޕްލިކޭޝަން ނުވަތަ ވެބްސައިޓް ކަމަށް ޔޫޓިއުބުން ވަނީ ބުނެފައެވެ.