ބޮލީވުޑުގެ ބަތަލާ ސުޝްމިތާ ސެންއާއި އޭނާގެ ދަރިންނާއި އެކު ކޮންމެ އަހަރަކު ވެސް މަދުވެގެން އެއް ފަހަރު ރާއްޖެ އަންނަ ކަމަށް އޭނާ ބުނެފިއެވެ.

ސުޝްމިތާގެ އިންސްޓަގުރާމު އެކައުންޓުގައި ކަނޑުއަޑީގެ ވީޑިއޯއެއް ހިއްސާކޮށް ސުޝްމިތާ ބުނެފައިވަނީ ސުކޫބާ ޑައިވް އަދި ސްނޯކްލިންއަށް ކޮންމެ އަހަރަކު ވެސް މަދުވެގެން އެއް ފަހަރު ދަރިންނާއި އެކު ރާއްޖެ އަންނަ ކަމަށެވެ.

ކަނޑުއަޑީގައި މަސްތަކާއި އެކު ސުޝްމިތާ ނަގާފައިވާ މި ވީޑިއޯ ހިއްސާކޮށް ކެޕްޝަންގައި އޭނާ ލިޔެފައިވަނީ ކޮންމެ އަހަރަކު ވެސް ދަރީންނާއި އެކު ރާއްޖެ އަންނަ ކަމަށާއި އަދި މި އަހަރު ވަކީން ހާއްސަ ވެގެން ދިޔައީ މި އަހަރުގެ ދަތުރުގައި ސުޝްމިތާގެ ބައްޕަ ސުބްރާ ސެން ބައިވެރިވުމުން ކަމަށެވެ.

ސުޝްމިތާގެ ދަރި ރެނޭ ސެންއަށް ޓެގް ކޮށްފައިވާ މި ޕޯސްޓުގައި މިއީ އުމުރު ދުވަހަށް ވެސް ރައްކާކުރާނެ ވަރަށް ލޯބި ހަނދާންތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.

ސުޝްމީތާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް

ގިނަ ބަޔަކަށް ކަމުދިޔަ މި ޕޯސްޓަށް ސުޝްމިތާގެ ދަރި ރެނޭ ކޮމެންޓްކޮށް ބުނެފައިވަނީ އެ ކުރެވުނު ތަޖުރިބާއަކީ އެތައް ހަނދާންތަކެއް އެކުލޭ ކަމެއް ކަމަށާއި އަބަދުވެސް ހަނދާނުގައި ހުންނާނެ ދަތުރުތަކެއް ކަމަށެވެ.

ކަނޑު އަޑީގެ ހިތްގައިމުކަން ރެނޭއަށް ތަޢާރަފް ކޮށްދީ އެކަމުގެ ތެރެއަށް ގެންގޮސްދިނީތީ މަންމަ ސުޝްމިތާއަށް ޝުކުރު އަދާކޮށްފައިވެއެވެ.

ރެނޭގެ މި ޕޯސްޓުގައި ސުޝްމިތާ ދެކެ ވަރަށް ލޯބިވާކަމަށް ވެސް ލިޔެފައިވެއެވެ.

މީގެއިތުރުން ވެސް ކޮމެންޓް ކޮށްފައިވާ ފަރާތްތަކުން ސުޝްމިތާގެ މި ވީޑިއޯއަކީ ވަރަށް ރީތި އަދި ''ކޫލް'' ވީޑިއޯއެއް ކަމަށް ބުނެފައިވެއެވެ.