ބޮލީވުޑު ފިލުމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް އެކްޓަރ އާމިރު ޚާނާއި އޭނާގެ އެއްބަނޑު އެއްބަފާ ކުދިންގެ ސުކޫލު ފީ ނުދެއްކުނު ދުވަސްވަރެއް އައިކަމަށް އޭނާ ބުނެފިއެވެ.

ފިލުމު ޕްރޮޑިއުސަރ ތާހިރު ހުސެއިންއާއި ޒީނަތު ހުސެއިންގެ ހަތަރު ކުދިން ކަމަށްވާ އާމިރު ޚާން، ފައިސަލް ޚާން، ފަރްހަތު ޚާން އަދި ނިކަތު ޚާންގެ ސުކޫލު ފީ ނުދެއްކޭ ކަމަށާއި ސުކޫލު ފީ އަބަދުވެސް ދެއްކެނީ ޕްރިންސިޕަލްގެ އެތައް އިންޒާރަކަށް ފަހުގައި ކަމަށް ވެސް އާމިރު ބުނެފައިވެއެވެ.

''މާލީގޮތުން ހާލަތު ގޯސްވެ އަށް އަހަރު ވަންދެން ވަރަށް ހާލުގައި އުޅޭން ޖެހުނު. އެއިރު ސުކޫލު ފީ ދައްކަން ޖެހޭގޮތަކީ ގުރޭޑް 6 އަކަށް 6 ރުޕީސް، 7 އަކަށް 7 ރުޕީސްގެ އުސޫލުން. އަހަރެންނާއި އަހަރެންގެ ކޮއްކޮމެންގެ ސުކޫލު ފީ ދެއްކުން އަބަދުވެސް އޮންނާނީ ލަސްވެފައި. ޕްރިންސިޕަލް ދެ ފަހަރަކު އިންޒާރު ދިނުމަށް ފަހު ފީ ނުދައްކާ ކަމަށް އެސެމްބްލީގައި ހުރިހާ ކުދިންގެ ކުރިމަތީގައި އަހަރެމެންގެ ނަން އިއުލާން ކުރާނެ'' ފެންކަޅިވެފައި އިނދެ އާމިރު ކިޔައިދިނެވެ.

''ހިއުމަންސް އޮފް ބޮމްބޭ'' އަށް ދިން އިންޓަވިއުއެއްގައި އާމިރުވަނީ އޭނާގެ ކުޑަކުއިރުގެ ވާހަކަތަކާއި ސުކޫލު ދައުރުގެ ވާހަކަތަކާއި އާއިލާއާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

ނަމަވެސް އާމިރު ބޮލީވުޑު ފިލުމު ''ގަޔާމަތު ސޭ ގަޔާމަތު'' އަށް ފަހު ގިނަ ފިލުމުތަކެއްގައި މަސައްކަތްކޮށް އާމިރު ވަނީ ބޮލީވުޑުގެ އެންމެ ކާމިޔާބު މީހުންގެ ލިސްޓުގައި ހިމެނިފައެވެ.

އާމިރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލުމު ''ލާލް ސިންގް ޗައްޑާ'' އިން ކަރީނާ ކަޕޫރު ޚާނާއި އެކުގައެވެ.