ޖިމްގައި ހުއްޓާ ހާޓް އެޓޭކެއް ޖެހި ދިއްލީގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވުނު ކޮމެޑިއަން އެކްޓަރ ރާޖޫ ސްރިވާސްތަވާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.

މި ހަފުތާގެ ބުދަ ދުވަހު ޖިމްގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން ރާޖޫ ވަނީ ދިއްލީގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައެވެ. ރާޖޫއަށް ފަރުވާ ދެވެމުންދާ ކަމަށާއި ރާޖޫގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށް އޭނާގެ ދަރިފުޅު މީޑިއާއަށް މައުލޫމާތު ދީފައިވަނީ ބުދަ ދުވަހުގެ ރޭއެވެ.

އުމުރުން 58 އަހަރުގެ ރާޖޫ އެމެޖެންސީކޮށް ހޮސްޕިޓަލަށް ގެންދެވިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10 ޖަހާކަށް ހާއިރުއެވެ.

ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު ރާޖޫގެ ހާލު ރަނގަޅު ކަމަށް ބުނި ނަމަވެސް ފަހން ރާޖޫގެ ހާލަތު އިތުރަށް ގޯސްވެ އަނެއްކާ ވެސް ކްރޯނަރީ ކެއަރ ޔުނިޓް (ސީސީޔޫ) ގައި ފަރުވާދެވުނެވެ.

މި މަހުގެ 16 ވަނަ ދުވަހު ރާޖޫގެ މެނޭޖާ ނަޔާން ސޯނީ ރާޖޫގެ މިހާރުގެ ހާލަތާއި ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާރު ރާޖޫގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. މިހާރު ހަށިގަނޑުގެ ބައެއް ގުނަވަންތައް ހަރަކާތްކުރާ ކަމަށާއި ނަމަވެސް ރާޖޫއަށް އަދި ވެސް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.

ރާޖޫއަކީ ބޮލީވުޑު ފިލުމު އިންޑަސްޓްރީގައި ކާމިޔާބު ގިނަ ފިލުމުތަކެއްގައި މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. މިގޮތުން ''މެއިނޭ ޕިޔާރު ކިޔާ''، ''ބާޒީގަރް''، ''ބޮމްބޭ ޓު ގޯއާ''، ''އާމްދަނީ އަތާނީ ކަރްޗޭ ރުޕައްޔާ'' ފަދަ ފިލުމުތައް ފާހަގަ ކޮށްލެވެއެވެ.

މީގެއިތުރުން ރާޖޫ ވަނީ ބިގްބޮސްގެ 3 ވަނަ ސީޒަންގައި ބައިވެރިވެފައެވެ. އަދި ''ގްރޭޓް އިންޑިއަން ލާފްޓާ ޗެލެންޖް'' ގެ އެއްވަނަ ސީޒަންގައި ވެސް ބައިވެރި ވެފައިވެއެވެ.

ރާޖޫއަކީ މިހާރު އުއްތަރު ޕްރަދޭސްގެ ''ފިލުމު ޑިވެލޮޕްމަންޓް ކައުންސިލް'' ގެ ޗެއާރމަންއެވެ.

ކިޔުންތެރިންގެ ހިޔާލު