ޗައިނާއަކީ ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށި ގައުމެވެ. އެގައުމުން އެންމެ ފުރަތަމަ ބަލި ފެނުނު ނަމަވެސް ފަހުން ވަނީ ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އަނެއްކާ ވެސް މިވަނީ ބަލި ޖެހޭ މީހުންގެ އިންސައްތަ އިތުރުވެ، ބައްޔަށް ޓެސްޓް ކުރުން ވެސް އިތުރުވެފައެވެ.

އެގައުމުގައި ގިނަ އަދަދެއްގެ މީހުން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޓެސްޓް ކުރާއިރު، މިހާރު މީސްމީޑިއާގައި އެންމެ ހަލުވި ކަމާއި އެކީ ދެކެވެމުން އަންނަ އެއް ވާހަކަ އަކީ އެގައުމުން ކަނޑުގެ ދިރުންތައް މި ބައްޔަށް ޓެސްޓް ކުރި ވާހަކައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެގޮތަށް ކަނޑުގެ ދިރުންތައް ވެސް މިބައްޔަށް ޓެސްޓް ކުރަމުން އަންނަނީ އެސޮރުމެންގެ ގައިން ވެސް ބަލި އިންސާނުންނަށް އަރާފާނެ ކަމަށް ބެލެވިގެންނެވެ.

މީޑިއާތަކުގައި މިހާރު އާންމުވެފައިވާ ވީޑިއޯތަކުން މަސްތަކެއް ކޮވިޑަށް ޓެސްޓް ކުރާ މަންޒަރު ފެނެއެވެ. އެގޮތުން އާންމުކޮށް މިބައްޔަށް ޓެސްޓް ކުރަނަ ބޭނުން ކުރާ ކިޓު މަހުގެ އަނގައިގެ ތެރެއަށް ލައްވައި ސުންކު ނަގާތަން ވެސް ވީޑިއޯއިން ފެނެއެވެ.

މަހުގެ އިތުރުން ކަކުނުތައް ވެސް މި ބައްޔަށް ޓެސްޓް ކުރާ މަންޒަރު ވީޑިއޯއިން ފެނިގެންދެއެވެ.

ވީޑިއޯ މީސްމީޑިއާގައި އާންމުވުމާއި އެކީ ގިނަ ބައެއްގެ ސަމާލުކަން ވީޑިއޯއަށް ވަނީ ލިބިފައެވެ. އެގޮތުން ވީޑިއޯ އާއްމުވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަން އެގޮތަށް ކުރަން ހުއްދަ ދިން އެގައުމުގެ ސަރުކާރުގެ އިދާރާއަށް މަލާމާތް ކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެފަރާތްތަކުން އެކަން ކޮށްފައިވަނީ އެހެން މީހުންގެ ވެސް ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު