ސްރީ ލަންކާގެ ކޮލަމްބޯގެ ފިރިހެން ކުދިންގެ ސްކޫލެއްގެ ކުއްޖެއްގެ ބޫޓުގެ ތެރެއިން ކޯބްރާ އެއް އޮއްވާ ފެނިއްޖެއެވެ. އެކަމާއި ގުޅިގެން އެ ކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮލަމްބޯގެ އަވަށަކަށް ނިސްބަތްވާ އެ 13 އަހަރުގެ ކުއްޖާ، އިއްޔެގެ ސްކޫލް ވޭނެއްގައި ދަތުރުކުރަމުން ދިޔައިރު، ފައިގައި އެއްޗެއް ޖެހޭހެން ހީވީއެވެ.

އެ ކުއްޖާ ގެއިން ބޫޓަށް އަރައިގެން ވަރަށް އަވަސް އަވަހަށް ނުކުރީ ފަތިހު 5:50 ހާއިރު ކަމަށް ވެއެވެ.

ސްކޫލަށް ދިޔަ މަގުމަތީގައި ގްރޭޑް އަށެއްގައި ކިޔަވަމުންދާ އެ ދަރިވަރަށް އޭނާގެ ބޫޓުގެ އެތެރޭގައި ދިރޭ އެއްޗެއް އުޅޭ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. އެކަން އެއިރު މާބޮޑުކަމަކަށް އޭނާ ނަހަދައެވެ. ނަމަވެސް ބައިގަޑިއެއްހާ އިރު ފަހުން ސްކޫލަށް އައިސް ބޫޓުގެ އެތެރެ އޭނާ ބެލިއެވެ. ބެލިއިރު ބޫޓު ތެރޭގައި އޮތީ ކޯބްރާއެކެވެ.

ވަގުތުން އެކަން ސްކޫލްގެ ސަމާލުކަމަށް ގެނައިއިރު، އެ ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މެޑިކަލް އެގްޒެމިނޭޝަނުން އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ފައިގައި ހަރުފަ ދަތް އަޅާފައެއް ނުވެއެވެ. އަދި ލޭ ޓެސްޓު ކުރިއިރު، ވިހަ ނެތް ކަމަށް ޑޮކްޓަރު ބުނެފައި ވެއެވެ.

އެެއީ ހަތް އިންޗި ދިގު މިނުގައި ހުރި ހަރުފައެކެވެ.

އެ ކުއްޖާއަށް ހޮސްޕިޓަލްގައި 24 ގަޑިިއިރު ވަންދެން ބާއްވާފައިވާއިރު، އޭނާގެ ހާލުވެސް ރަނގަޅު ކަަމަށް ވެއެވެ.