ތަމަޅަ ފިލުމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރވިޖޭ ދެވަރަކޮންޑާ އިންޑިއާގެ ކުރިކެޓް ޓީމުގެ މޮޅު ކުޅުންތެރިޔާ ވިރާޓް ކޯލީގެ ބަޔޯޕިކް ކުޅުމަށް ޝައުގުވެރިވާ ކަމަށް ބުނެފިއެވެ.

ދުބާއީގައި އޮތް ''ބްލޮކްބަސްޓާ އޭސިޔާ ކަޕް'' ގައި އިންޑިއާއާއި ޕާކިސްތާނު ވާދަކުރާ މެޗު ބަލައިލުމަށް ދުބާއީގައި ހުރި ވިޖޭ މި ބަޔޯޕިކް ކުޅެން ބޭނުންވާ ކަމަށް ބުނެފައި ވަނީ ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެމުންނެވެ.

މެޗު ފެށުމުގެ ކުރިން މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ވިޖޭ ބުނެފައިވަނީ އޭނާ އެންމެ އުއްމީދު ކުރަނީ އެ މެޗުގައި ވިރާޓް މަދުވެގެން 50 ރަންސް ހަމަކުރާނެ ކަމަށާއި މި މެޗުން އިންޑިއާ މޮޅު ވާނެ ކަމަށެވެ.

އިންޑިއާގެ ކުރިކެޓް ކުޅުންތެރިންގެ ތެރެއިން ވިޖޭ އެންމެ ބޭނުން ވަނީ ކޮން ކުޅުންތެރިއެއްގެ ބަޔޯޕިކް ކުޅެން ތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ވިޖޭ ބުނެފައިވަނީ އެއީ ވިރާޓް ކޯލީ ކަމަށެވެ.

''ސުޝާންތު ސިންގް ރާޖުޕޫތު ވަނީ އެމްއެސް ދޯނީގެ ބަޔޯޕިކް ކުޅެފަ. އަހަރެން އެންމެ ޝައުގުވެރިވަނީ ވިރާޓްގެ ބަޔޯޕިކް ކުޅުމަށް'' ވިޖޭ ބުނެފައިވެއެވެ.

މި މެޗުގައި ވިރާޓް އައުޓްވުމުން ވިޖޭ ދެރަވެފައި އިން މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ވަނީ މީސް މީޑިއާގައި އާއްމުވެފައެވެ.

ވިޖޭގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ އެންމެ އަނަންޔާ ޕާންޑޭއާއި އެކު ކުޅުނު ފިލުމު ''ލައިގާ'' އަކީ ހިންދީ ބަހުން ކުޅޭ ފުރަތަމަ ފިލުމެވެ.

ވިޖޭ ވަނީ ކާމިޔާބު އެތައް ތަމަޅަ ފިލުމެއް ކުޅެފައެވެ. އޭގެތެރޭގައި ''އަރުޖުން ރެޑީ'' އާއި ''ޑިއާ ކޮމްރާޑް'' ފަދަ ފިލުމުތައް ހިމެނެއެވެ.