އިންޑިއާގައި މިހާރު އެންމެ ހަލުވި ކަމާއި އެކީ ދެކެވެމުން އަންނަ އެއް ވާހަކަ އަކީ 18 އަހަރު ނުވާ ކުޑަ ދެ އަންހެން ކުދިން ރޭޕްކޮށް މަރާލުމަށްފަހު، ދަންޖައްސާފައި ތިބި ވާހަކައެވެ. މި ވާހަކައާއި ގުޅިގެން މީޑިއާތަކުން އެކި ގޮތް ގޮތަށް ހަބަރުތައް ގެނެސްދީފައިވާއިރު، އެގައުމުގެ ވެރިކަން ކުރާ މައި ޕާޓީ, ބީޖޭޕީގެ ލީޑަރުން ބުނީ އެފަދަ ކަންކަން ހިނގަނީ އަންހެނުންނާއި ހެދި ކަމަށް ސިފަކޮށް ވާހަކަ ދައްކާފައެވެ.

އެގޮތުން އެންޑީޓީވީން ގެނެސްދިން ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ބީޖޭޕީ ލީޑަރެއް ކަމަށްވާ އަޝޮކް ވެޓްސް ބުނެފައިވަނީ ހަގު އުމުރުގެ އަންހެން ކުދިންގެ ތެރެއިން ފޯނު ގެންގުޅޭ ކުދިން އާއިލާ ކައިރިން ފިލަން ނުވަތަ ގެއިން ފިލަން ޕްލޭން ހަދާ ކަމަށާއި، މީހުންނާއި ބައްދަލުވުމަށް ޕްލޭން ކުރާ ކަމަށެވެ. މީގެ އިތުރުން ބޭރަށް ގޮސް ރޭޕް ވުމަށް ވެސް އެކުދިން ޕްލޭން ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިއީ ބީޖޭޕީގެ ލީޑަރަކު ރޭޕް ކުރާ ފިރިހެނުންގެ ދިފާއުގައި ވާހަކަ ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އެގައުމުގެ ހިނގާފައިވާ ރޭޕް ހާދިސާތަކުގައި އަންހެން ކުދިން މަރުވި ނަމަވެސް އެކަން އަޅުވާފައިވަނީ އަންހެނުން ބޮލުގައެވެ.

އެގޮތުން އެގައުމުގެ ސިޓީއެއް ކަމަށްވާ ހަތްރާސްގައި މީގެ ކުރިން ގްރޫޕަކުން ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި ހާދިސާގައި ބީޖޭޕީގެ ލީޑަރެއް ކަމަށްވާ ރަޖީވް ސްރިވަސްޓްވާ އަށް ގޯސްވެފައިވަނީ އެކުއްޖާއެވެ.

ބީޖޭޕީގެ ލީޑަރުން ރޭޕްގެ ވޭދަނަތަކުގައި ފިރިހެނުންގެ ދިފާއުގައި ވާހަކަ ދައްކާތީ އެގައުމުގައި އުޅޭ އަންހެނުން ވަނީ އެމީހުންނަށް ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ބުނެފައެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ރޭޕް ކުރުން އިތުރުވާކަން ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.