އިންޑޮނޭޝިއާގެ އަންހެނަކު ކީރިތި ޤުރުއާން ކިޔަވަމުން ދަނިކޮށް އޭނާ ނިޔާވެއްޖެއެވެ.

އަންހެން މީހާގެ ގިނަ މައުލޫމާތުތަކެއް އަދި މީޑިއާތަކަށް ވެސް ކަށަވަރު ވެފައެއް ނުވެއެވެ. ނަމަވެސް އަންހެން މީހާ ޤުރުއާން ކިޔަވަން އިން މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ މީސް މީޑިއާގައި އާއްމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާ ޤުރުއާން ކިޔަވަމުން ދަނިކޮށް އޭނާ ވެއްޓުނީއެވެ. އެ މަންޒަރު ފެންނަ ވީޑިއޯ އިންޓަނެޓްގައި މިހާރު ވަނީ ވައިރަލް ވެފައެވެ.

"ގަލްފް ޓްޑޭ" ގައި ބުނެފައި ވަނީ އަންހެން މީހާ ވެއްޓުމާއިއެކު އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް އޭރު ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމުގައި ޑޮކްޓަރުން ވަނީ ބުނެފައެވެ.

އަންހެން މީހާ ނިޔާވި މަންޒަރު ފެންނަ ވީޑިއޯ ބެލި ވަރަށް ގިނަ ބަޔަކު ވަނީ އޭނާ އަށް ހެޔޮ ދުއާކޮށް ތަފާތު ކޮމެންޓްތައް ކޮށްފައެވެ. ގިނަ މީހުން ބުނި ގޮތުގައި އަންހެން މީހާގެ މަރުގެ ގެންދަވާފައި އެވަނީ އޭނާ އަށް އެންމެ ރަނގަޅު ގޮތުގައެވެ. އެހެންކަމުން އެކަމަށް ޝުކުރުވެރިވާން ޖެހެއެވެ.

މިދިޔަ އަހަރު ޕާކިސްތާންގެ އިލްމުވެރިޔަކު ވެސް ކީރިތި ޤުރުއާން ކިޔަވަން އިންނަވަނިކޮށް ނިޔާވެފައި ވެއެވެ. ޕާކިސްތާންގެ އިލްމުވެރިޔާ ޝައިހް އަބްދުލްމަތީން އަސްޣަރު ނިޔާވީ އަލް ހުޖުރާތު ސޫރަތުގެ ތިންވަނަ އާޔަތް ކިޔައި ނިމުނު ތަނުންނެވެ. އެއާޔަތުގެ މާނައިގައި އޮންނަނީ "ހަމަކަށަވަރުން، اللَّه ގެ رسول އާގެ އަރިހުގައި އެއުރެންގެ އަޑު މަޑުކުރާ މީހުންނީ އެއުރެންގެ ހިތްތައް اللَّه، امتحان ކުރައްވައި، تقوى ވެރިވުމަށް ފަހިކޮށްދެއްވި މީހުންނެވެ. އެއުރެންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއްހުށްޓެވެ."

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މަރްޙޫމަށް ހެޔޮ ރަޙްމަތް ލައްވާން ދޭވޭ. އާމީން ހެޔޮމަރަކުން މަރުވަން އެދޭ މީހާ ހެޔޮ ޢަމަލުތަކުގެ މަތީގައި އަބަދުވެސް ތިބެންވީ. ޢަލަމްގިރި ކުޅޭ މީހުން އަދި މިނޫންވެސް ނުބައި ޢަމަލު ކުރުމުގައި އުޅޭމީހުން، ނިކަން ވިސްނަބަލަ.
    އަޅަމެންގެ މަރުވެސް ރިވެތިގޮތުގައި ގެންދަވާންދޭވެ. އާމީން

    40
  2. Anonymous

    އެ ދައްތަ ކިޔަވަން އިނީ ބަޤަރާ ސޫރަތުގެ 5 ވަނަ އާޔަތް. ވެއްޓިގެން ދިޔަ ވަގުތު ކިޔެވީ ހަމަ އެ ސޫރަތުގެ 163 ވަނަ އާޔަތް....

    އެ އާޔަތުގެ މާނަ:
    "އަދި ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. އެއީ رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ."

    10