އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއަކީ ދުނިޔޭގެ ގިނަ ސަރަހައްދުތަކެއްގައި އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ދާއިރާއެކެވެ.

ހިންދީ ފިލުމުތަކާއި ވެބް ސީރީޒްތަކާއި ޑުރާމާތަކާއި ވަކީން ހާއްސަކޮޮށް ލަވަތަކަކީ އެންމެ ފާހަގަ ކޮށްލެވޭ އެކެއްޗެވެ.

މި ފިލުމުތަކާއި ވެބް ސީރީޒްތަކުގެ ތެރެއިން މި ހަފުތާގެ ތެރޭގައި ބެލުންތެރިންނާއި ހަމައަށް އަންނާނެ ފިލުމު ތަކަކީ މިއީއެވެ.

ޑޮކްޓަރ ޖީ

އަޔުޝްމާން ކުރާނާ، ރަކޫލް ޕްރީތު ސިންގް އަދި ޝެފާލީ ޝާހް ފެނިގެންދާ ބޮލީވުޑުގެ މި ފިލުމު ސިނަމާ ތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ފިރިހެން ގައިނޯކޮލޮޖިސްޓެއްގެ ކަންތައްތަކެއް ދައްކުވައިދޭ މި ފިލުމަކީ މަޖާ ފިލުމެކެވެ. ފިލުމުގެ ޓްރެއިލާ ވަރަށް ގިނަ ބަޔަކަށް ކަމުދިޔައެވެ.

ކޯޑް: ނޭމް ތިރާންގާ

ފިލުމާއި ބެހޭގޮތުން މާގިނަ ވާހަކަތަކެއް ދެކެވިފައިނުވާ މި ފިލުމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ޕަރިނީތީ ޗޯޕްރާ، ޑިބޭންދޫ ބަޓަޗަރްޔާ އަދި ސަބްޔާޝީ ޗަކްރަބޯތީ ފެނިގެންދާ މި ފިލުމަކީ ތުރިލާ ފިލުމެކެވެ. މި ފިލުމު ޑައިރެކްޓް ކޮށްފައިވަނީ ރިބޫ ދަސްގުޕްތާއެވެ.

މިސްމެޗްޑް ސީޒަން 2

ޕްރަޖަކްތާ ކޯލީއާއި ރޯހިތު ޝަރަފް ފެނިގެން ދިޔަ ވެބް ސީރީޒް ''މިސްމެޗްޑް ސީޒަން 1'' އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ސީރީޒެކެވެ. މި ސީރީޒްގެ ދެވަނަ ބަޔަކަށް އިންތިޒާރު ކުރަމުން އައި މީހުންގެ އިންތިޒާރުގެ ނިމުން މި މަހުގެ 14 ވަނަ ދުވަހު އަންނާނެއެވެ. މި ސީރީޒް ދައްކާނީ ނެޓްފްލިކްސްއިންނެވެ.

މީގެއިތުރުން ޓީވީ ޑުރާމާއެއް ކަމުގައިވާ ''ގުޑް ބޭޑް ގަރލް'' ޑުރާމާ ވެސް އޮކްޓޫބަރ 14 ވަނަ ދުވަހުން ފެށިގެން ސޮނީ ލައިވްއިން ދައްކަން ފަށާނެއެވެ.