މާލެ ބަދަލުވީ ފޮނި އުއްމީދުތަކާ އެކުގައެވެ. ގިނަ ބައެއްގެ ލޯތައް އަމާޒުވާ ރީތި މި އަންހެން ޒުވާނާ ބޭނުންވީ ދިރިއުޅުމުގައި ގިނަ ކަންކަން ހާސިލް ކުރެވޭ ތޯއެވެ. އުމުރުން 19 އަހަރުގައި މާލެ ބަދަލުވެ، ވަޒީފާއަކަށް ދާން ފެށިއެވެ. މާލެ ސަރަހައްދުގެ ހޮޓަލެއްގައި ރިސެޕްޝަނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށައި، މަސައްކަތުގެ މާހައުލަށް ފަރިތަ ވެއްޖައީމެވެ. އަލަތު ވަޒިފާ ނަމަވެސް، ގިނަ ކަންކަން ދަސްކޮށްފީމެވެ. މަސައްކަތަށް ވަރަށް ބޮޑަށް ޝައުގުވެރިވުމާއެކު، އިތުރަށް އެތަނުގައި ކުރިއަށްދާން ނިންމާ، އިސް މީހެއްގެ މަގާމަށް ވާސިލް ވުމަށް އަޒުމް ކަނޑައަޅައި، ގަދަ އަޅާ މަސައްކަތް ކުރަން ފެށީމެވެ.

ދުވަސްތައް މާޒީވަމުން ގޮސް، އޭނާގެ ހަޔާތަށް ވެސް އުފާވެރިކަމުގެ ދުވަސްތައް އަންނަން ފަށައިފިއެވެ. ހޮސްޕިޓަލިޓީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް ފުރުސަތު ލިބިއްޖެއެވެ. ވަޒީފާގައި އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވުމުން އިތުރަށް އޭނާއަށް މަގާމުގެ ކުރިއެރުން ވެސް ލިބިއްޖެއެވެ. އޭ\ކައިވެނީގެ ގޮށް ޖަހާލާނެ ވަރުގެ ފިރިހެނެއް ވެސް ލިބިއްޖެއެވެ.

އުޝާ (އަސްލު ނަމެއް ނޫން)އަށް ގިނަބައެއްގެ ލޯތައް އަމާޒުވާ ރީތި ޒުވާން އަންހެނެއް ކަމުން، އަބަދުވެސް ފާރަލާ މީހުން ތިބެއެވެ. އޭނާ ގެއިން ނުކުމޭތޯ ބަލައެވެ. މަސައްކަތުގެ މާހައުލުގައި އުޅޭއިރުވެސް ތަފާތު މީހުންގެ ފަރާތުން ތައުރީފާއި ލޯބީގެ ބަސްތައް ލިބެއެވެ. އެކަމަކު އޭނާއަކީ މީހެއްގެ "ބިޓެއް" ކަމަށް ބުނެ އެ ވާހަކަތަކަށް މާބޮޑު ޝައުގުވެރިކަމެއް ނުހުރެއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަފްސަރު (އަސްލު ނަމެއް ނޫން) ހުރިހާ އުއްމީދުތަކާ ގުޅިފައިވާ ޒުވާނެއް ކަމަށް ހިތާ، ކައިވެންޏަށް ހުރިހާ ތައްޔާރެއް ވިއެވެ. ދެ ފަރާތުގެ އާއިލާ މީހުންނާއި ރަހުމަތްތެރިންނާއި، އެންމެންނާއެކު ބޮޑު ކައިވެނީގެ ހަފްލާއެއް ބާއްވާ ދެ މީހުންގެ ކައިވެނީގެ ގޮށް ޖަހާލީ، ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ މަސް ނުވަނީހެއެވެ. އޭނާއަށް ހީކުރެވުނީ އެއީ "އެންމެ ފުރިހަމަ" ފިރިމީހާ ކަމަށެވެ. އެ ހުރިހާ ދަޅައެއް ދެއްކިއެވެ. އޭނާގެ އާއިލާއިންވެސް ދެއްކީ އެފަދަ މަންޒަރުތަކެވެ. އުޝާއަށް އޭރު ފެންނަމުން ދިޔައީވެސް ފިރިއެއްގެ ފަރާތުން އޭނާއަށް ފެންނަން ޖެހޭ ކަހަލަ ސިފަތަކެކެވެ. ކައިވެނީގެ ކުރިން މިފަދަ ސިފަތަކެއް އޭނާގެ ފަރާތުން ފެންނާތީ، ހީކުރެވުނީ މި ލިބުނީ ޖަވާހިރެއް ކަމުގައެވެ.

ކައިވެނީގެ ގޮށް ޖަހާލެވިއްޖެއެވެ. ހަނީމޫނަށް ދުބާއީއަށް ވެސް ގޮސްލީމެވެ. އުފާވެރި އެތައް ވަގުތުތަކެއް ހޭދަކުރިއެވެ. އެނބުރި މާލެ އައިސް ދެ މީހުން ވަކިން އެޕާޓްމަންޓަކަށް ބަދަލުވީއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް، ދިރިއުޅުމުގެ އަސްލު ރަހަ ލާން ފަށައިފިއެވެ. އުފާވެރިކަމުގެ ކުލަވަރުތަކާ އެކުގައެވެ. ކައިވެންޏަށްފަހު އަސްލު ދިރިއުޅުމުގެ ތެރެއަށް ވަދެވުނީއެވެ.

ކައިވެންޏަށް އަހަރެއް ވީތަނުން، އުޝާ ބަނޑުބޮޑުކަން އެނގުނެވެ. އެއީ އޭނާއަށް ލިބުނު އެންމެ އުފާވެރި "ހަބަރެވެ". މިއީ އަފްސަރުއަށް ލިބުނު ބޮޑު "ބަލާއާފަތަކަށް" ވި ކަހަލައެވެ.

އެއީ ދުވަސްތަކެއް ކުރިއެވެ. އުޝާ މަސައްކަތުގެ މާހައުލުގެ ތެރެއިން ދިމާވި ބައެއް ރަހުމަތްތެރިންނާއެކު ކޮފީއަކަށް ދިޔައެވެ. އެ ރަހުމަތްތެރިންގެ ތެރޭގައި ގިނައީ ފިރިހެނުން ކަމުން އަފްސަރު ކައިރިން ހުއްދަވެސް ހޯދިއެވެ. އޭނާގެ ޖަވާބަކަށް ބެލުމެއް ނެތި، މައްސަލަ ނުޖެހޭނެ ކަމަށް ބަލައިގެން ދިޔައީއެވެ. އަދި ދިޔަ ވާހަކަވެސް އޭނާއަށް މެސެޖް ކުރީމެވެ. އެނބުރި ގެއަށް އަންނަންވެސް މެސެޖް ކުރީމެވެ. ބަލާ އަންނާނެ ކަމަށްވެސް މަޑު ކުރީމެވެ. އޭރު ރޭގަނޑު 11:30 ވީމާއާވެސް އެކުގައެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. އުޝާ ބަލާވެސް ނައެވެ. އުޝާއަށް ހީކުރެވުނީ އޮފީސް މަސައްކަތުގައި ބިޒީކޮށް އުޅުނީ ކަމަށެވެ. އެހެންވެ އޮފީސް ފިރިހެނެއްގެ ސައިކަލުގައި ގެއަށް ދިޔައީމެވެ. އެ މަންޒަރު ފިރިމީހާއަށް ފެނުނެވެ.

އެއީ މާބޮޑު މައްސަލައަކަށް ވެދާނެ ކަމަށް ކުރިން ހީވެފައި ނެތުމުން ހާސްކަމެއް ނެތި ގެއަށް ވަނީމެވެ. އެކަމަކު ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. ފިރިމީހާގެ މޫނު މަތިން ފެންނަމުންދިޔައީ ރުޅިވެރިކަމާއި ނުތަނަވަސް ކަން ފެނުނީ ގޭތެރެއަށް ވަނުމުންނެވެ. މިއީ އޭނާގެ ފަރާތުން މިފަދަ މަންޒަރެއް ފެނުނު ފުރަތަމަ ފަހަރު ކަމުން އުޝާ ބިރުވެސް ގަތެވެ. ގޭތެރެއަށް ވަދެ ފިރިމީހާގެ ގައިގައި ބައްދާލަން އުޅުނު ތަނުން ދުރަށް ކޮށްޕާލިއެވެ. އުޝާ ގޮސް ޖެހުނީ ކާ މޭޒުގައެވެ. މޭޒުގައި ބުރަކަށި ޖެހުނު ބާރުކަމުން ހުރި ތަނަށް ވެއްޓުނެވެ. ދެން ވީގޮތެއްވެސް ނޭނގުނެވެ. ހޭއެރީ އޭގެ ގަޑިއިރުތަކެއް ފަހުންނެވެ. އުޝާ އޮތީ ހަމަ އެތަނުގައެވެ. ފިރިމީހާ އޭނާ އެތަނަށް ކޮށްޕާލުމަށްފަހު އެއްވެސް އަޅާލުމެއް ނެތި ދިޔައީތާއެވެ.... އެކަމަކު ސީދާ ވީގޮތެއް އުޝާއަށް ނޭނގުނެވެ. ފިރިމިހާ ނުރުހުންވީ ކީއްވެގެންކަން ނޭނގުނެވެ. އެހެންވެ އުޝާ ހިތްވަރުކޮށްފައި ތެދުވެގެން ގޮސް ކޮޓަރިއަށް ވަތްއިރު، ފިރިމީހާ އޮތީ ނިދާފައެވެ.

އުޝާވެސް އެއީ ނުވާ ކަމެއް ކަމަށް ހަދާލައި، ގޮސް ނިދަން އޮށޯތެވެ. އެކަމަކު އުޝާއަށް އެރޭ ނުނިދުނެވެ. ދެކޮޅަށް ފުރޮޅި ފުރޮޅިލާ އޮތީއެވެ.

... ފަހުން އެކަމާ ދެ މީހުންވެސް ވާހަކަ ނުދައްކައެވެ. އެކަމަކު އުޝާގެ ބުރަކަށީގައި އަދިވެސް ރިހުން އެބަހުއްޓެވެ.

އަފްސަރުވެސް ފަހުން އުޝާއާއިގެން މާބޮޑަށް ނޫޅޭހެން ހީވާން ފެށިއެވެ. އެކަމާ ޝަކުވާ ކުރިޔަސް ޖަވާބެއް ނާދެއެވެ. ވާހަކަ ދައްކަން އުޅުނަސް ޖަވާބެއް ނުލިބެއެވެ. "އާން... ހޫން" ނޫނީ ނުކިޔައެވެ.

ކުރިން އެހާ ލޯބިކޮށް އުޅުނު އަފްސަރު މުޅިން ބަދަލުވީ ފިރިހެނެއްގެ ފަހަތުގައި އުޝާ އިންތަން ފެނުމުން ހެއްޔެވެ؟. ނޫނީ އެހެން ކަމެއް ދިމާވީ ހެއްޔެވެ؟.

މިއީ ވެދާނެ ކަމެއް ކަމަށް ބަލައި، އުޝާ އޭނާ ކައިރިން މާފަށް އެދުނެވެ. އެކަމަކުވެސް ވީ ކަމެއް ނެތެވެ. ފިރިމީހާގެ ފަރާތުން ޖަވާބެއް ނުލިބެއެވެ. މިހެން ގޮސް އެ ގުޅުން ވަރަށް ބޮޑަށް ހީނަރުވާން ފެށިއެވެ. އުޝާ އޭނާއަށް ބޮޑު ކުށެއް ކުރެވިއްޖެ ކަމަށް ހިތާ، މުޅި ދުވަސް ހޭދަކުރަނީ ހިތާމަ އާއި ރުއިމުގައެވެ. ދެ މީހުންގެ ދެމެދުގައި ގުޅުމެއް ނުހިނގާތަކު، އެއް އެނދެއްގައި ނިދުންވެސް ފޫހިކަމަށްވިއެވެ.

ކައިވެންޏަށް އަހަރެއްވާން އުޅެނިކޮށް، އުޝާ މާބޮޑަށް ބަލިވާން ފެށިއެވެ. މިއީ ކަންކަމާ ވިސްނާތީ އާއި، މާބޮޑަށް ހިތާމަ ކުރާތީ ވާގޮތެއްކަމެއް ނޭނގެއެވެ. އުޝާ މަސައްކަތަށް ދަނީ މި މަންޒަރުތައް ފޮރުވާ، ރަނގަޅަށް މޭކަޕްކޮށް، މީހާ ހަމަޖެހިލައިގެންނެވެ. އެކަމަކު އެނބުރި މަސައްކަތުން އައިސް ރުއިމާއި، ހިތާމަ ނޫން ކަމެއް އޭނާ ނުކުރެއެވެ.

ދިމާވި އެ މައްސަލަގަނޑު ތެރެއިން އަފްސަރު ގެއިން ކައިބޮއި ނަހަދައެވެ. ބައެއް ފަހަރު ގެއަށް އައިސް ވެސް ނޫޅެއެވެ. ގެއަށް ނިދަން ނާންނަ ފަހަރުވެސް އާދެއެވެ. އެކަމާ ވާހަކަ ދެއްކިޔަސް ޖަވާބެއް ނާދެއެވެ. އެ ހިތްދަތިކަމުގެ ތެރޭގައި ދުވަސްތައް ފާއިތުވަމުން ދިޔަ ނަމަވެސް، ދެ މީހުންގެ އާއިލާއަށްވެސް މިކަން ރޭކާ ނުލައެވެ. އުޝާ އަފްސަރުގެ އާއިލާ ގެއަށް ދިޔަ ނަމަވެސް، އަފްސަރު އޮފީސް ކަންކަމުގައި މާ ބިޒީ ކަމަށް ބުނެ ވާހަކަ ހަދާލައެވެ.

........

އުޝާ ބަލިވެ އުޅޭތާ ދުވަސްކޮޅެއް ވުމާއެކު އޭނާ ބޭނުންވީ ޓެސްޓުތަކެއް ހަދާލަށެވެ. އެހެންވެ އޭނާ އައިޖީއެމްއެޗްއަށް ގޮސް ޑޮކްޓަރަށް ޓެސްޓުތައް ހެދިއެވެ. އޭގެން އޭނާ ބަނޑުބޮޑުކަމަށް ދައްކައެވެ. އެކަމަކު ދެ މީހުންގެ ދެމެދުގައި ގުޅުމެއް ނުހިނގާތާ މަހެއް ވާން ކައިރިވުމުން، މިއީ ވެދާނެ ކަމެއް ތޯވެސް ސުވާލު އުފެދޭތީ އޭނާ ބޭނުންވީ، ކަށަވަރު ކުރާށެވެ. އެހެންވެ ސްކޭން ހެދިއެވެ. އާނއެކެވެ. ބަނޑުބޮޑުކަން ކަށަވަރު ވިއެވެ. ބަނޑަށް މަހެއް ވެއްޖެއެވެ. ބަލިވެ މި އުޅުނީ މިކަމާކަން ރޭކާލީއެވެ.

މިއީ އުޝާގެ ހަޔާތަށް އުފާވެރިކަން ގެނުވާނެ ކަމެއް ކަމަށް އޭނާއަށް ހީކުރެވުނެވެ. އަދި އަފްސަރުގެ އުޅުން ބަދަލުވެދާނެ ކަމަށްވެސް ހީކުރެވުނެވެ. އެކަމަކު އަފްސަރަށް މެސެޖްކޮށް،އެ ވާހަކަ ބުނީ ގެއަށް އައިހެވެ. އެކަމަކު އަފްސަރުގެ ފަރާތުން ލިބުނީ ހީކުރި ކަހަލަ ޖަވާބެއް ނޫނެވެ. އެއީ ތިމަންނަގެ ދަރިއަކަށް ނުވާނެ ކަމަށް އަފްސަރު ބުންޏެވެ. "އެއީ ކަލޭ އޮފީސް....... ދަރިއެއް" މިއީ އަފްސަރުގެ މެސެޖް އައި ގޮތެވެ. އުޝާ ގަބު ވިއެވެ. ޒިނޭގެ ތުހުމަތު ބޮލުގައި އެޅުވުމާއެކު، އުޝާއަށް ވީގޮތެއްވެސް ނޭނގުނެވެ.

މި ގުޅުން ރަނގަޅަށް ނިމުނީކަން އެނގިއްޖެއެވެ. އެރޭ އަފްސަރު ގެއަށްވެސް ނާދެއެވެ. އުޝާ ހުރީ ހަދާނެ ގޮތް ހުސްވެ ބޯ ގޮވާފައެވެ. އޮފީހުން ޗުއްޓީއެއް ނަގާ، ހުރިހާ ކަމަކާ އުޝާ ދުރުވެލަން ބޭނުންވެއްޖެއެވެ. އެކަމަކު ގޭގައި ހުންނަ ނަމަ ވިސްނޭނީ މާބޮޑަށެވެ. އަފްސަރުގެ ފަރާތުން ފެންނަން ބޭނުން ނުވާ މަންޒަރުތައް ފެންނާތީ މާބޮޑަށް މީހާ ހިތް ނުތަނަވަސް ކުރުވައެވެ.

އުޝާއަށް ލިބުނު އެއްވެސް އުފަލެއް ނެތެވެ. ބަނޑުބޮޑުވުމުން މީހާއަށް އަންނަ ބަދަލުތަކުގެ ތެރޭގައި އަޅާލުމާއި ލޯބި އިތުރަށް ބޭނުންވިޔަސް، އުޝާއަށް ޝަކުވާ ވެސް ކުރެވެން ނެތެވެ. އަފްސަރު ގެއަށް އަންނަ ކޮންމެ ފަހަރަކު އުޝާ ޝަކުވާ ކުރާތީ އާއި އެނޫންވެސް ކުދިކުދި ކަންކަމާ އަފްސަރު ރުޅިގަދަވެ އުޝާއަށް އަނިޔާ ކުރެއެވެ. އުޝާ އެކަމާ ކިތަންމެ ރުއިއައި ކަމުގައިވިޔަސް ދަރިފުޅު ދުނިޔެއަށް އުފަން ކުރަން ބޭނުންވާތީ މާބޮޑު ކަމަކަށް ހަދާ ނުލާ، އަޅާވެސް ނުލައެވެ. އެކަމަކު ފަހުން އޭނާއަށް ލިބެމުންދިޔަ އަނިޔާތައް މާބޮޑެވެ. ޖިންސީ އަނިޔާ އާއި ޖިސްމާނީ ގޮތުންވެސް އެތައް އަނިޔާއެއް ލިބެމުން ދިޔައެވެ. އެކަމަކުވެސް އުޝާ ކެތް ކުރިއެވެ.

ހަފްތާތަކެއް ފަހެވެ. އުޝާގެ ބަނޑު ނުކުންނަން ފަށައިފިއެވެ. ހޮޑުލާ ހަދައެވެ. އެކަމަކުވެސް އަފްސަރުގެ ފަރާތުން ލިބުނު އަޅާލުމެއް ނެތެވެ. އެ އުފާވެރިކަމުގެ ތެރޭގައި ފިރިމީހާގެ ބައިވެރިވުމެއް ނެތެވެ. އަފްސަރު ގޭގައިވެސް ނޫޅެއެވެ. ބައެއް ފަހަރު ލޮލަށް ނުފެނި ތިން ދުވަސްވެސް ދެއެވެ. ފިރިމީހާ އުޅޭ ނޫޅޭ ގޮތް އޭނާ ބަލަންވެސް ބޭނުން ވެއެވެ. އެކަމަކު އެ ހިތްވަރެއް ނެތެވެ. އެއީ މިހާރު ނެތް މީހެއް ކަހަލަ ވީމެވެ.

....

އުޝާއަށް 22 އަހަރު ފުރުނު ދުވަހެވެ. ފިރިމީހާގެ ފަރާތުން އެއްޗެއް ލިބޭނެ ކަމަށް އުއްމީދުވެސް ނުކުރެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކުރިން ދިން ލޯތްބާއި އަޅާލުން ފިރިމީހާގެ ފާރާތުން ނުލިބޭތީއާ ވެސް އެކުގައެވެ. އަދި ކައިވެންޏަށް އަހަރުވީއިރު، ލިބުނު ވަކި އެއްޗެއް ނެތީމައާ ވެސް އެކުގައެވެ. ކުރިން އެހާ ލޯބިން އުޅުނު މި ދެމަފިރިންގެ ދިރިއުޅުން ހިމޭންވެ، އާއިލާއަށްވެސް އެނގުންވެއްޖެއެވެ. އެނިވާސަރީތައް ފާހަގަ ނުކުރުމާއި، އުފަން ދުވަސްތައް ފާހަގަ ނުކުރުމާއި ލޯބީގެ ސްޓޭޓަސްތައް ނުފެނުން ފަދަ ކަންކަންވެއްޖެއެވެ. އަފްސަރުގެ އާއިލާއިން އެކަންކަމުގެ ތެރެއަށް ނުވަނީ، އޭނާ ކުރީގެ ދިރިއުޅުމުގެ ތެރެއަށް ވަނީކަން ކަށަވަރު ވުމުންނެވެ.

އަފްސަރު އަކީ މަސްތުވާތަކެއްޗަށް ގޮސް ހުސްވެފައި ހުރި ޒުވާނެކެވެ. އޭގެން އެއްވެސް އެއްޗެއް ކުރިން އެއްގޮތަކަށްވެސް އުޝާއަށް ނޭނގެއެވެ. އަފްސަރު އަވަހަށް މީހަކާ ކައިވެނި ކުރުވަން އާއިލާއިން ބޭނުންވީވެސް އެހެންވެއެވެ. އަފްސަރު އެފަދަ ކަންކަމުން ދުރުވޭތޯއެވެ.

އަފްސަރުގެ މި އުޅުން އުޝާއަށް ނޭނގޭތީ އާއިލާވެސް ތިބީ ހައިރާން ވެފައެވެ. އެކަމަކު އަފްސަރު އެ އުޅެނީ މިކަމުގެ ތެރޭގައެވެ. އަފްސަރު އުޝާއަށް އަނިޔާދިން ދުވަހަކީ މަސްތު ހާލަތުގައި ހުރި ދުވަހެކެވެ. އުޝާގެ ބަނޑުގައި އޮތް ދަރިއަކީ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނެ މެސެޖް ކުރި ދުވަހަކީ ހިލޭ އަންހެނަކާއި އެކީ ގުޅުން ހިންގަން އޮތް ދުވަހެކެވެ.

އަފްސަރުގެ މި އުޅުން އުޝާއަށް ރޭކާ ނުލަނީ ކީއްވެ ހެއްޔެވެ؟.. ރޭކާ ނުލަނީ ނޫނެވެ. އޭނާ އެކަންކަން ގަބޫލު ކުރަން ބޭނުން ނުވަނީއެވެ. އަފްސަރު ފާހަނަ ތެރޭގައި ފާޑު ފާޑު އެއްޗެހި ބޭނުން ކުރާކަން އުޝާއަށް އެނގެއެވެ. އެއީ ޑްރަގް އާއި އިންޖެކްޝަން ކަންވެސް އެނގެއެވެ. އެކަންކަން އެނގެން ފެށީވެސް ލިބުނު އަނިޔާއަށް ފަހު ގޭގައި މަޑު ޖެހިލުމުންނެވެ. ގޭތެރެއިން ފެންނަން ނުޖެހޭ އެއްޗެހި ފެންނަން ފެށީވެސް އެއިރުގައެވެ. ގޭގައި ލައްކައިން ފައިސާ ހުންނަ ކަމާއި، ކޮންޑަމް އާއި އެނޫންވެސް އެއްޗެހި ގޭގައި ފޮރުވާފައި ހުންނަކަން އޭނާއަށް އެނގެން ފެށީއެވެ.

ހައްޕު ކިޔައިގެން ހުރީ ބިރުންނެވެ. ފިރިމީހާ އަނިޔާކޮށްފާނެތީ ބިރުންނެވެ.

....

އުޝާގެ ބަނޑަށް ހަތަރު މަސް ފުރިއްޖެއެވެ. މަސައްކަތުގައި މާބޮޑަށް އުޝާ އުޅެން ފެށިއެވެ. ގެއަށް ދާ ވަގުތުވެސް މަދުކޮށް އޭނާ ބޭނުންވީ ހުރިހާ ކަމަކުން ދުރުވެލާށެވެ. އޭނާ ބަނޑުބޮޑުކަން ފިރިމީހާ ނޫން އެއްވެސް މީހަކަށް ނާނގައެވެ. އެއީ ފިރިމީހާގެ ފަރާތުން ލިބުނު ހިތްދަތި މެސެޖާވެސް އެކުގައެވެ.

އުޝާގެ ދިރިއުޅުން ވަރަށް ހިތްދައްޗެވެ. ލޯތްބާއި އަޅާލުމެއް ނެތެވެ. ފިރިމީހާގެ އަނިޔާވެރިކަން އެހާ ބޮޑެވެ. އަނިޔާކުރާއިރު ބަނޑުގައިވާ ދަރިފުޅަށް ލިބިދާނެ ގެއްލުމަކަށްވެސް އަފްސަރުގެ އެއްވެސް ފަރުވާލެއް ނުހުރެއެވެ. މިހެން އުޅެނިކޮށް އުޝާއަށް މާބޮޑު ހިތްދަތިކަމަކާ ކުރިމަތިލާން ޖެހުނެވެ. ބަނޑަށް ތަދުވެ ލޭ ފައިބަން ފެށީއެވެ. ގަތްބިރާއެކު އުޝާ އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. ހިތާމަތަކުގެ މައްޗަށް ހިތާމައެވެ. އުޝާގެ ދަރިފުޅު ބައިގެން ދިޔައީއެވެ. އުޝާގެ ދުނިޔެ ހުއްޓުމަކަށް އައި ކަހަލައެވެ. މިހަބަރު ވަކިދޭނީ ކާކަށް ހެއްޔެވެ.؟ ބަނޑުގައި އޮތީ އަމިއްލަ ދަރިއެއް ނޫންކަމަށް ގަބޫލުކުރާ އަނިޔާވެރި ފިރިމީހާއަށް ހެއްޔެވެ؟

އުޝާއަށް ވިސްނާލަން މަޖުބޫރުވިއެވެ. އެފަދަ ފިރިއެއްގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ދިރިއުޅުމުގައި އަފްސަރު ނެތް އިރު އުޝާ އުޅުނީ މާ އުފަލަކު ނޫން ހެއްޔެވެ؟ އޭނާއަކީ ތައުލީމީ ޒުވާނެކެވެ. ވީއިރު މިފަދަ ދިރިއުޅުމެއްގައި ގަނަތެޅުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟ އެހިސާބުން އުޝާ ބޮޑު ނިންމުމެއް ނިންމިއެވެ. އަފްސަރު ކައިރިން ވަރިވުމަށް ނިންމި ނިންމުމެވެ. އެފަދަ އަނިޔާވެރި ފިރިއެއްގެ ވަކިތަކުން މިންޖުވެ އަމިއްލަ ދިރިއުޅުން އަމިއްލައަށް ހޯދުމަށް ނިންމި ނިންމުމެވެ.

އެދުވަހު އެނިންމުން ނިންމުނު ކަމަށްޓަކައި އުޝާ މިއަދު ހުރީ އުފަލުންނެވެ. މިއަދު އުޝާ ދޭން ބޭނުންވާ މެސެޖަކީ އެފަދަ މީހަކު ބަދަލުވެދާނެކަމުގެ އުންމީދުގައި ފުރުސަތު ދީގެން ތިމާގެ ދިރިއުޅުން ބޭކާރުކޮށް ނުކޮށްލާށެވެ. އަނިޔާ ލިބޭ އިރު އެ ކަންތައް ފޮރުވައިގެން ހުރުމަކީ އަނިޔާކުރާ މީހާއަށް ދެވޭ ހިތްވަރެކެވެ. އެއްވެސް މީހަކަށް އަނިޔާ ތަހައްމަލްކުރުން ހައްގެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މިނީ

    ކިޔާލެވިއްޖެ. އެކަމަކު އަންހެންމީހާ ވެސް ސިއްރު ކަންތައްތަކެއް ހިންގާފައިވާ ކަމަށް އެބަ ޝައްކުވޭ މުޅި ވާހަކައިގެ މަންޒަރަށް ވިސްނާލުމުން. ދެން ހަގީގަތް ދެނެވޮޑޮގެންވާނީ މާތްﷲ. ވައްﷲ އަޢުލަމް..

    28
    6
  2. ހަބީބަ

    ތީ ކުޑަ މިންވަރެއް އަހަރެން ތަހައްމަލް ކުރަނީ އަދި މާ އަސަރުގަދަ ހަޔާތެއް ކެތްކުރުން ނޫން ގޮތެއް އަދި ނެތް ވައްﷲ އަޢުލަމް

    26
    2
  3. ޑެނީ

    މަ ދޫކޮށް ދިޔާމަ ވީގޮތް ތި

    8
    4
  4. Anonymous

    ހުރިހާވެސް މައްސަލައަކީ ވަރިވާތީ ނުންތަށް ، ކޮންމެހެން ފިރިހެނުން ނޫޅޭ އަންހެނުން ލައްވާ ދަރިން ހަރަދުދީގެން ބަލުވާން، އަންހެންވެރިން އުޅެނީ ދަރިންް އެއީ އާމްދަނީ ހޯދާ މުދާ މުދާގަޑަކަށް ހަދައިގެން ، ތިމާމެން ވަޒީފާއޭ ކިޔާއިގެން ހިލޭ ފިރިހެނުން ގޮވައިގެން އުޅެނީ !

    4
    9
  5. މިނީމީ

    "ކައިވެންޏަށް އަހަރެއް ވީތަނުން، އުޝާ ބަނޑުބޮޑުކަން އެނގުނެވެ." (6ވަނަ ޕެރެގްރާޕް)
    މިނީ ބުނާގޮތަށް ޝައްކު އުފެދޭ ކަންތަށް ތަކެއް އެބަހުރި.
    "ދެ މީހުންގެ ދެމެދުގައި ގުޅުމެއް ނުހިނގާތަކު، އެއް އެނދެއްގައި ނިދުންވެސް ފޫހިކަމަށްވިއެވެ." (13ވަނަ ޕެރެގްރާޕް)
    ޑީއެންެއޭ ޓެސްޓު ނަހަދާތަ؟ ވާހަކަ މިއޮތީ ހަމަ އެކަނި އަންހެންމީގަ ފަޅި އެކަނި.

    10
    2