ދުނިޔެ މަތީގައި އުޅޭ އިރު ބިރުވެރި އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ. ނާމާން ކަމުން ފުރިގެންވާ ވަގުތުތަކާ ވެސް ދިމާވެއެވެ. މިފަދަ ހާލަތްތަކުގައި ކަންތައް ކުރާނެ ގޮތެއް ބައެއް މީހުންނަށް ނޭނގެއެވެ. އެކަމަކު ބައެއް މީހުން އަނެކާ ބިރުގަނެފާނެ ކަމަށް ބަލައިގެން މިފަދަ ކަންކަމާ މާބޮޑަށް އަޅާ ނުލައެވެ.

މިއީ ރާއްޖޭގެ މެދު ތެރޭގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި ދިރިއުޅެމުން ދިޔަ ޒުވާން ފިރިހެނަކަށް ދިމާވި ބިރުވެރި ހާދިސާއެކެވެ. އެއީ މީގެ ފަސް ވަރަކަށް އަހަރު ކުރިއެވެ.

އޭނާއާ އެތައް އަހަރެއް އެކުގައިވީ ލޯބިވެރިޔާއާ އެކުގައި ދަންވަރުގެ ވަގުތެއްގައި އެރަށު ތުނޑި މަތީގައި ވަގުތުކޮޅެއް ހޭދަކޮށްލަން ތިއްބެވެ. މިއީ އާއްމުކޮށް އެ މީހުން މާ ފޮޅުވަން ދާ ސްޕޮޓެވެ. އެތަނުގައި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަގުތު ހޭދަ ކުރެއެވެ. އާދައިގެ މަތިން އެރޭވެސް ދެ މީހުންގެ ވަގުތުތައް ހޭދަ ކުރާ ސްޕޮޓަކަށް މި ތަން ވިއެވެ.

އެއީ ހަނދުވަރު ރީތި ސާފް ރެއެކެވެ. ކަނޑުމަޑު އަދި އެހާމެ ވައި މަޑުވެސް ދުވަހެކެވެ. ހަނދުވަރު ރީއްޗަށް ދީފައި އޮތުމުން، ތުނޑި މައްޗަށް އޮތީ އަލިކަން ވެރިވެފައެވެ. އެކަމަކު ދަންވަރުގެ ވަގުތު ކަމުން ސަރަހައްދު ވަރަށް ހަމަހިމޭނެއެވެ.

އެރޭ އެ މީހުން ގޮސް އިށީނދެލީ ތުނޑީގައި އިންނަ ބޮޑު ގަހެއްގައި އެލުވާލާފައިވާ އުދޯއްޔެއްގައެވެ. އެ ގަހަކީ އުނދޯލި އެލުވާފައިވާ ގަހަކަށް ވުމުން، އާއްމުކޮށް ލޯބިވެރިންނާއި، އެ ނޫންވެސް މީހުން ދުވަހުގެ އެކި ވަގުތުތަކުގައި އެތަނުގައި ވަގުތު ހޭދަކުރެއެވެ. ނަމަވެސް އެރޭ އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ.

އެހެންވެ އެތަނުގައި އިށީނދެގެން ތިބެ ލޯބީގެ މާތައް ފޮޅުވަމުން ދިޔައެވެ. ވައުދާއި އަހުދުތައް ވަމުން ދިޔައެވެ. އެކުގައި ލޯބިން މުޅި އުުމުރު ހޭދަކުރާނެ ކަމުގެ ވާހަކަތައްވެސް ދެއްކިއެވެ. އެފަަދަ ވާހަކަތަކުގެ ތެރެއިން، ކުއްލިއަކަށް އެ ޒުވާން ފިރިހެނާގެ ލޮލުގައި އަޅައިގަތީ އޭނާގެ ކޮނޑުމަތީގައި ބޯ އަޅާލައިގެން އޮތް ލޯބިވެރިޔާގެ ސިފައިގައި ހުރި މީހެއް އުނދޯއްޔާއި ވީ ދިމާލު މަތީގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުންނަ ތަނެވެ.

އޭނާ ވަރަށް ބިރުގަތެވެ. ހަދާނެ ގޮތް ހުސްވިއެވެ. އޭނާ ކައިރީގައި، ކޮނޑުމަތީގައި ބޯ އަޅާލައިގެން އެ އޮތީ އޭނާގެ އަސްލު ލޯބިވެރިޔާކަން ކަށަވަރެވެ. އެކަމަކު އެ ފެނުނީ ކޮން އެއްޗެއް ބާއޭ ހިތަށް އަރައެވެ. ބިރުން ހުރި ވަރުން މާބޮޑަށް ވާނުވާ ވެސް ނޭނގެއެވެ. ނަމަވެސް އޭނާއާ ދިމާލަށް ބަލަހައްޓައިގެން މަތީގައި އެ އޮތީ އިންސާނެއް ނޫންކަން އޭނާއަށް ކަށަވަރެވެ. އެއީ ޖިންނިއެކެވެ. އަންހެން ޖިންނިއެކެވެ. އެކަމަކު އޭނާ އެ ހުރީ ލޯބިވެރިޔާ ސިފައިގައެވެ.

އޭނާއަށް ކުރިމަތިވެފައިވާ އެ ބިރުވެރިކަން ފޮރުވުމަށް ވަރަށް މަސައްކަތް ކުރިއެވެ. ލޯބިވެރިޔާއަށް އެ މަންޒަރު ދައްކަން އޭނާ ބޭނުމެއް ނޫނެވެ. އޭނާއަށް ދިމާވެފައިވާ ކަންކަންވެސް ކިޔައި ދޭން ބޭނުމެއް ނުވިއެވެ. ސަބަބަކީ އޭނާ މާބޮޑަށް ބިރުގަނެދާނެތީއެވެ. އެހެންވެ އޭނާ ނިންމީ އެތަނުން ދާށެވެ.

ލޯބިވެރިޔާ އާ ވާހަކަދައްކައިގެން ދެ މީހުން އެތަނުން ހިނގައިގަތެވެ. ފަހަތަށް ބަލާނެ ހިތްވަރެއްވެސް އެ ޒުވާނާގެ ނެތެވެ. ބާރުބާރަށް ހިނގާލާފައި ދެ މީހުންވެސް އެތަނުން ދިޔައެވެ. އެކަމަކު އޭނާއަށް ކުރިމަތިވި މި ކަންކަމުގެ ވާހަކަ ލޯބިވެރިޔާއަށް ކިޔާ ނުދެއެވެ.

އެ ދުވަހަށް ފަހު ދެ މީހުންވެސް ތުނޑިއަށް ނުދެއެވެ. އެ ތަަނަކީ މީގެ ކުރިންވެސް ވަަރަށް ނާމާން ތަނެއް ކަމަށް އަޑުތަކެއް އަރާފައިވާ ތަނެކެވެ. އެކަމަކު އެ ވާހަކަތައް ގަބޫލު ނުކޮށް އާއްްމުކޮށް ލޯބިވެރިން މާ ފޮޅުވަން އެތަނަށް ދެއެވެ.

އެ ޒުވާނާ ބައެއް މީހުންނަށް ކިޔައި ދިންގޮތުގައި، އެ ރޭ ފެނުނު ލޯބިވެރިޔާ އާ ވައްތަރު ޖިންނީގެ ކަންތަކަށް ފަހު، އޭނާއަށް ހަމައަކަށް ދެ ތިން ދުވަސް ވަންދެން ނުނިދެއެވެ. އެކަމަކު އޭނާއަށް އޭގެ އުނދަގުލެއް ނުވެއެވެ. އެހެންވެ މަޑުމަޑުން އެ ކަންކަން މަތިން ހަނދާން ނެތެމުން ދިޔައެވެ. ނަމަވެސް އޭނާ ރޭގަނޑު ގަޑީގައި ތުނޑިއަށް ދިއުން ހުއްޓާލިއެެވެ. އޭގެ ބަދަލުގައި ދެ މީހުން ވަގުތުތައް ހޭދަ ކުރަނީ މީހުން ތިބޭ ސަރަހައްދުތަކުގައެވެ.