ނިދީގައި ބިރުވެރި ކަންކަމާ ދިމާވެއެވެ. އެކަމަކު ގިނަ ފަހަރަށް އެއީ ހުވަފެނުގެ ތެރެއިންނެވެ. އެއީ އަސްލެއް ކަމަށް ބައެއް ފަހަރު ހީވެއެވެ. އަދި މިހާރުވެސް ވަމުންދާ ބައެއް ކަންކަމާއި، ބައެއް ފަހަރު އެ ހުވަފެންތަކާ ގުޅިގެން ދާތީ ވަރަށް ބޮޑަށް އަސްލެއް ގޮތަށް ހީވާ ފަހަރު ވެސް އާދެއެވެ. އެކަމަކު ނިދިން ހޭލާއިރު، ގިނަ ފަހަރު ހުވަފެނުގައި ދިމާވި ކަންކަން ހަނދާނެއް ނުހުރެއެވެ.

މިއީ ދިވެހި ޒުވާނަކަށް ނިދިން، ހޭލެވިގެން ދިމާވި ކަމެއްގެ ވާހަކައެވެ. ދެކުނުގެ އަތަޅަކަށް ނިސްބަތްވާ އެ ޒުވާނާ ކިޔައި ދިންގޮތުގައި، މިއީ އޭނާގެ ރަށުގެ އަމިއްލަ ގޭގައި އުޅެމުންދިޔަ ދުވަސްވަރެއްގައި ދިމާވި ކަމެކެވެ. އެގޮތުން އޭނާ އަށް ނިދީގައި އެއް ހުވަފަނެއް ފެންނަތާ ފަސް ވަރަކަށް ދުވަސް ވީއެވެ. އެކަމަކު ހުވަފެނުގައި ސީދާ ވަނީ ކޮން ކަމެއްކަން ސާފެއް ނުވެއެވެ. އޭނާއަށް ކޮންމެ ފަހަރަކު ހޭލެވެނީ ސިއްސައިގެން ގޮސްގެންނެވެ. މީހާ ހުންނަނީ ދާހިތްލާ ފޯވެފައެވެ. ވާނުވާ ނޭނގޭ ހިސާބަށް ގޮސްފައެވެ.

އެގޮތަށް ހަތަރު ރޭ ވަންދެން އެއް ހުވަފެނެއް އޭނާ ފެނެއެވެ.

"އެކަމަކު ސީދާ އަސްލު މިހާރު ވެސް ނޭނގެ ހުވަފެނުގައި ވަނީ ކީއް ކަމެއް". އޭނާ ކިޔައި ދިނެވެ.

އެކަމަކު މިހާރުވެސް ދޭތެރެއަކުން އެ ހުވަފެން ފެންނަ ކަމަށް އޭނާ ބުންޏެވެ.

އެމީހާ ކިޔައި ދިންގޮތުގައި، އެ ހުވަފެންތަކުން ފެންނަނީ "ކޮންމެވެސް އެއްޗެއް ބޭނުން ކޮށްގެން އެއްޗެއް ހަދާ ތަން" ކަމަށެވެ. އެކަމަކު އެއީ ކޮން އެއްޗެއްކަން އޭނާއަށް ސާފެއް ނުވެއެވެ.

"ހީވަނީ ޓައިމާއެއްވެސް ޖައްސާފައި އިންނަހެން، އެ ބުނާ ވަގުތެއްގެ ތެރޭގައި ނިންމަންވެސް ޖެހޭހެން، ކޮންމެވެސް ދެ އެެއްޗެއް ބޭނުންކޮށްގެން ހަދަން، އެއީ ވަށްކޮށް އިންނަ ދެ އެއްޗެއްކަން ކަށަވަރު" އެ ޒުވާނާ ކިޔައި ދިނެވެ.

އޭނާ ބުނާގޮތުން ނަމަ، މިއިން ކޮންމެ ރެއެއްގައިވެސް ފެންނަނީ އެއް ހުވަފެނެކެވެ. އެކަމަކު އޭނާއަށް ބިރުވެރިކަމާއި ކުރިމަތިލާން ޖެހުނީ އެ ހުވަފެން ފެންނަތާ ފަސް ވަނަ ރޭގައެވެ. އޭނާ އެރޭ ނިދިފައި އޮއްވާ ހުވަފެން ފެނިގެން ހޭލެވުނު ނަމަވެސް، އެއްވެސް ގޮތަކަށް އޭނާއަށް ހަރަކާތެއް ނުކުރެވެއެވެ.

އެކަމަކު އެނދުގައި އޮންނައިރު ފާހަނައިގެ ދޮރު ރިއްޗަށް ފެންނަ ކަމަށް އޭނާ ބުންޏެވެ. އެ ފާހަނަ ދޮރު މަތިން އޭނާއަށް މި ފެންނަނީ ކަޅު ހިޔަނި ކޮޅަށް ހުންނަ ތަނެވެ. އެ ހީވަނީ އިންސާނެއް ހެނެވެ. އެ ހިޔަނި ހުރީ އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.

"އަހަރެން ހަޅޭއްލަވަން މަސައްކަތް ކުރިން އެގަޑީގައި، އެކަމަކު އަޑެއް ހަމަ އެއްގޮތަކަށްވެސް ނުނިކުތް، ތެދުވާންވެސް މަސައްކަތް ކުރިން، އެކަމަކު ތެދެއްވެސް ނުވެވުނު، ހަމަ އެކަނި ލޯ ހަރަކާތް ކުރަނީ". އެމީހާ ކިޔައި ދިނެވެ.

އެހެންވެ އޭނާއަށް ހަދާނެ ގޮތް ހުސްވިއެވެ. އެހީތެރިކަމަށް ގޮވޭނެ އެއްވެސް ގޮތެއް ނެތުމުންނާއި ގަނެފައި ހުރި ބިރެއްގެ ބޮޑުކަމުން އޭނާ ލޯ މަރާލިއެވެ. އެކަމަކު އަނެއްކާވެސް ލޯ ހުޅުވާލިއިރު، އޭނާއަށް އޭތި ފެނުނީ އިށީންދެގެން އިންނަ ކަހަލަ ގޮތަކަށް ހަމަ އެތަނުންނެވެ.

"ދެންވެސް ބިރުން ހަމަ ލޯ މަރާލައިގެން އޮތީ، އެފަހުން ލޯ ނުހުޅުވަން، އެހެން އޮއްވާ ބޯ ހަރަކާތް ކުރެވެން ފެށީ، ދެން ލޯ ހުޅުވާ ބެލިއިރު، ނެތް ފެންނާކަށް، ދެން މަޑުމަޑުން ހަރަކާތް ކުރެވެން ފެށީ، އެއްކޮށް ހަރަކާތް ކުރެވުނު ތަނާހެން އިރުކޮޅަކުން ފަތިސް ނަމާދަށް ބަންގި ގޮވީ". އޭނާ ކިޔައި ދިނެވެ.

އޭނާ ބުނީ ބަންގި ގޮވުމުން އެނދުން ތެދުވެގެން ގޮސް، ފަހުން ނިދީ މަންމަ ކޮޓަރީގައި ކަމަށެވެ.

އެފަހުން އޭނާއަށް އެފަދަ ހުވަފެންތައް މާބޮޑަށް ނުފެންނަ ކަމަށްވެއެވެ.

"އެކަމަކު މިހެން ހުރެލާފައި ދޭތެރެއަކުން ފެނޭ، އެގޮތަކުން މިފަހަކުން ރަށަށް ގޮސް ހުއްޓާ ދެ ރެއަކު ފެނުނު".

އޭނާއަށް މިހެން ވާތީ އެކަން އޭނާ ދިރާސާ ކުރިއެވެ. އަދި އިތުރު ރަހުަމަތްތެރިއަކާއި އެ ވާހަކަތައް ހިއްސާކޮށްގެން އޭނާއަށްވެސް އެހެންވިކަމަށް ބުންޏެެވެ.

އޭނާ ބުނާގޮތުން ނަމަ މިއީ "ސްލީލް ޕެރެލައިސިސް" އެވެ.

ސްލީޕް ޕެރެލައިސިސް އަކީ ކޮބާ؟

ސްލީޕް ޕެރަލައިސިސް އާ ގުޅޭގޮތުން ލިޔެފައިވާ ލިޔުމެއްގައިވާ ގޮތުން، މިއީ ހޭ ހުރި ނަމަވެސް ހަރަކާތެއް ނުކުރެވި ނުވަތަ ގަނބުވެފައި އޮންނަން ޖެހުން ފަދަ ހާލަތްތަކަށް ކިޔާ ނަމެކެވެ. މިއީ މީހާ ހޭލެވުމާއި ނިދުމުގެ މަރުހަލާތަކުގައި ދިމާވާ ކަމެކެވެ. މި ޓްރާންސިޝަންތަކުގެ ތެރޭގައި މަދު ވަގުތުކޮޅަކާއި ހަމައަށް ހިނގާބިނގާވެ، ނޫޅެވޭއިރު، ވާހަކަ ދެއްކުމަށް ވެސް ނުކުޅެދިދާނެއެވެ. މި ހާލާތު މެދުވެރިވާ ބައެއް މީހުންނަށް ޕްރެޝަރު ނުވަތަ ކަރުހިއްކުމުގެ އިހުސާސް ވެސް ކުރެވިދާނެއެވެ.

މިއީ ބިރުވެރި ކަމަކަށް ވިޔަސް އެއީ ގެއްލުމެއް ނެތް ކަމެއް ކަމަށް ބައެއް ދިރާސާތަކުގައި ބުނެފައި ވެއެވެ. އަދި ގިނަ މީހުންނަށް މިކަން މެދުވެރި ވަނީ ހަޔާތުގައި އެއް ފަހަރު ނުވަތަ ދެ ފަހަރު ކަމަށްވެސް ދިރާސާތަކުގައި ވެއެވެެ.

ސްލީޕް ޕެރަލައިސިސް ގައި ދިމާވާ ކަންކަން!

ސްލީޕް ޕެރަލައިސިސް ގައި ތިބާއަށް އިހުސާސް ކުރެވިދާނެ ކަންކަމުގެ ތެރޭގައި ހޭލެވިފައި ވީނަމަވެސް، ހިނގާބިނގާވެ ނޫޅެވޭނެއެވެ. އަދި ވާހަކަ ނުދެއްކޭއިރު، ލޯވެސް ނުހުޅުވޭނެ ކަމަށް ވެއެވެ. އަދި ކޮޓަރީގައި މީހަކު އުޅޭހެން ހީވާއިރު، ބައެއް ފަހަރު ބަރު އެއްޗެއް ގައިމައްޗަށް ވެއްޓޭހެންވެސް ހީވާނެއެވެ.
ކަމެއް ތިޔަބައިމީހުން ތިރިއަށް ވައްޓާލާ ފަދައިންނެވެ. އަދި އެފަދަ ހާލަތެއްގައިވާ މީހާ ވަރަށް ބޮޑަށް މި އިހުސާސްތައް އެތައް މިނެޓަކަށް ދެމިގެން ދާ ކަަމަށް ބުނެފައި ވެއެވެ.

ސްލީޕް ޕެރަލައިސިސް މެދުވެރިވާ ސަބަބުތައް

ސްލީޕް ޕެރަލައިސިސް މެދުވެރިވަނީ ކީއްވެގެންކަމެއް ނޭނގުނު ނަމަވެސް، އެކަމާ ގުޅިފައިވާ ބައެއް ކަންކަން ވެއެވެ. އެގޮތުން ނުނިދޭ ގޮތްވުމާއި، ނިދުމުގެ ވައްޓަފާޅިއަށް ބުރޫއެރުމާއި، ނާރކޯލެޕްސީ، ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ)، ޖެނެރަލް އެންޒައިޓީ ޑިސްއޯޑާ، ޕެނިކް ޑިސްއޯޑާ ސްލީޕް ޕެރަލައިސިސްގެ ޢާއިލީ ތާރީހެއް އޮތުން ހިމެނެއެވެ.