ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ތެރޭގައި ތަފާތު ބިރުވެރި ހާދިސާތައް ހިނގާ ވާހަކަ އަޑު އިވެއެވެ. އެފަދަ މަރުކަޒުތަކުގެ ތެރެއިން ބިރުވެރި އެއްޗެހި ފެންނަ ކަމަށް ބައެއް މުވައްޒަފުންވެސް ބުނެފައިވެއެވެ. އެކަމަކު އެއީ ހީވާ ހީވުންތަކެއް ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. ބައެއް މީހުން ބުނާ ގޮތުގައި، އެ ތަންތަނުން އެފަދަ އެއްޗެހި ފެންނަ ކަމަށްވަނީ އެފަދަ ތަންތަނަކީ ފަރުވާއަށް އަންނަ ބައެއް މީހުންގެ މި ދުނިޔެ މަތީގައި އެންމެ ފަހު މަންޒިލަށް ވެފައި، ކޮންމެ ދުވަހަކު ހެން މި ތަންތަނުގައި މީހުން ނިޔާވެފައިވާތީއެވެ.

މިއީވެސް ރަށެއްގެ ސިއްހީ މަރުކަޒު ތެރެއިން އިންސާނެއްގެ ބޯ ބުރިއެއް މީހަކަށް ފެނުނު ކަމަށް ބުނާ ވާހަކައެކެވެ.

މީގެ ހަތް ވަރަކަށް އަހަރު ކުރިން، މެދު ރާއްޖެ ތެރޭގެ އަތޮޅުގެ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު އެނގޭ މީހަކު ކިޔައި ދިންގޮތުގައި، އެ ރަށުގައި އޭރު އުމުރުން 17 އަހަރު ފިރިހެން ކުއްޖަކާއި އޭނާގެ އެކުވެރިން ކަންކަން ތަޖުރިބާ ކޮށްލުމަށް ތަފާތު "އެކްސްޕެރިމެންޓްތައް" ހަދައެވެ. އަދި މިފަދަ އެކްސްޕެރިމެންޓްތައް ހެދުމަށް ސިއްހީ މަރުކަޒުން ވައްކަން ކުރާ ކަމަށް ވެއެވެ.

"ޓީނޭޖް އުމުރު ވީމަ ވަރަށް ލާނެތް ކަންކަން ކުރާނެތާ، މިގޮތަށް އެ ކުއްޖާ އާއި އޭނާގެ ގްރޫޕުން އުޅޭ ކަންކަން އެކްސްޕެރިމެންޓް ކޮށްލަން ތަފާތު ކަންކަން ކޮށް. މިގޮތަށް އެކްސްޕެރިމެންޓްތައް ހެދުމަށް ވައްކަންވެސް ކޮށް އުޅޭ".

މިގޮަތަށް ވައްކަން ކޮށްގެން ނަގަނީ ބޭނުން ކޮށްފައި ހުންނަ ސިރިންޖެވެ.

މިގޮތުން އެއް ރެއެއްގެ ދަންވަރެވެ. އޭނާ އެރަށު ސިއްހީ މަރުކަޒަށް ވަގަށް ވަންނަން ދިޔައީ ފާރުމަތިން ފުންމާލައިގެންނެވެ. އެރޭ ގާތްގަނޑަކަށް 1:00 ޖެހި ހާއިރު އޭނާ އެރަށު ސިއްހީ މަރުކަޒުގެ ފާރުމަތިން، އެތެރެއަށް ފުންމާލި ގަޑީގައި އޭނާއަށް މީހެއްގެ ފައި ފެނުނެވެ. އެވަގުތަކީ އެ ސަރަހައްދު އަނދިރިކޮށް އަޮތް ވަގުތެއް ކަމުން ސީދާ އެތަނުގައި މީހެއް ހުރިކަން ނުވަތަ ނޫންކަން އޭނާއަށް ކަށަވަރެއް ނޫނެވެ.

"ފާރު މަތިން އަރާފައި ސިއްހީ މަރުކަޒު ތެރެއަށް މި ފުންމާލީ، ދެން އޭނާ ވެއްޓޭނެ އެންނު، އެ ވެއްޓުނު ގަޑީގައި އޭނާއަށް މި ފެންނަނީ ފައެއް، ހަމައެކަނި ފައެއް ފެންނަނީ، މީހަކު ނުއެއް ފެނޭ. ހަމައެކަނި ފައިބުރިއެއް ފެންނަނީ، އެކަމަކު އަނދިރިވީމަ މަތި ބައި ނުފެނުނީމަ އެއީ މީހެއް ކަމަށް ބަލާފައި އެހާބޮޑަށް ޕެނިކެއް ނުވޭ އޭރަކު އެއް". މައުލޫމާތު އެނގޭ މިހާ ކިޔާދިނެވެ.

އެކަމާ އޭނާ އޭރު މާބޮޑަށް އަޅައެއް ނުލައެވެ. އަދި ސިއްހީ މަރުކަޒު ތެރެއަށް ވަދެގެން އޭނާ ދިޔައެވެ. އޭރު އެ ސިއްހީ މަރުކަޒުގެ އެތެރޭގައި ވަރަށް ބައިވަރު ގަސްތައް ހައްދަފައި ހުރެއެވެ. އެހެންވެ ވަރަށް ބޮޑަށް މަރުކަޒުގެ އެތެރެ ހުރީ އަނދިިރި ކޮށެވެ. އަދި އެ ސިއްހީ މަރުކަޒަކީ ވަރަށް މަދުން ނޫނީ މީހުން ވެސް އެނދުމަތި ކުރާ ތަނެއް ނޫނެވެ.

ސިއްހީ މަރުކަޒުގެ އެންމެ އެތެރެއަށް ވަދެ ބޭނުންކޮށްފައި ހުންނަ ސިރިންޖް ވަގަށް ނަގަން އުޅުމުގެ ތެރޭގައި ބާރު އަޑުފައްގަނޑެއް އިވުނެވެ. އޭނާ ދިޔައީ ސިއްސައިގެންނެވެ. އޭނާ ހުރީ ބިރުން ހަލާކުުވާވަރު ވެފައެވެ.

އޭނާ އެހެންވެ އަވަހަށް އެތަނުން ބިރުން ނުކުތެވެ. ބިރުން ނުކުތް ތަނާހެން އޭނާއަށް ފެންނަނީ ކުރިން އެ މަރުކަޒަށް ވަތްއިރު ފެނުނު ފައެވެ. ސީދާ އަލި އެޅިފައި ހުރުމުން، އެއީ ބުރިކޮށްލާފައި ހުރި ފައެއްކަން އޭނާއަށް ޔަގީންވިއެވެ. އަދި ފައިގައި ލޭގަނޑު ވެފައި ހުރިތަން ފެނުނުއިރު، ތަންކޮޅެއް ދުރުން ބުރިކޮށްލާފައި އޮތް އިންސާނެއްގެ ބޯ ބުރިއެއްވެސް ފެނުނެވެ. އޭގައި ވެސް ލޭ ހުއްޓެވެ.

"އޭނާ ބޭރަށް ނުކުތްއިރު، އޭނާއަށް ފެންނަނީ ފައި.. އަލި އެޅިފައި ހުރީމަ، އޭނާއަށް ހަމަ ރީއްޗަށް އެ ފައި ފެނޭ، އެ ފައި ފެންނަނީ ލޭގަނޑުވެފައި ހުންނަ ކަހަލަ ގޮތަކަށް، އެއީ ބުރީކޮށްލާފައި ހުރި ފައެެއް. އޭތީގެ މަތީ ބައެއް ނުފެނޭ، ދެން ފެންނަނީ އޭނާއަށް ހަމަ އެތަނުން އިންސާނެއްގެ ބޯބުރިއެއް، އެ ބޯ ބުރީގައި ހުރި ލޭ".

މިއާއެކު އޭނާ ވަރަށް ބިރުގަތެވެ. ބިރުން ތުރުތުރުލާން ފެށިއެވެ. އަދި ކުރަން އައި ކަންތައް މަތިން ހަނދާން ނެތި، އަވަހަށް ބިރުން އެތަނުން ނުކުމެގެން ދިޔައެވެ. އެރޭ އޭނާ ހުރީ ހުން އައިސްގެން ރަތް ވެފައެވެ. ފެނުނު މަންޒަރާއެކު މީހާ މުޅިން ހާސްވެ، ވަރަށް ބިރު ގަނެފައެވެ.

އެ ހާދިސާ އެނގޭ މީހާ ކިޔައި ދިންގޮތުގައި، މަރުކަޒު ތެރެއިން އެފަދަ އެއްޗެހި މީގެ ކުރިންވެސް ބައެއް މީހުންނަށް ފެނިފައި އެބަހުއްޓެވެ. ހާއްސަކޮށް އެތަނުގައި އެޓެންޑުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް އެފަދަ އެއްޗެހި ފެނިގެން އެ މައުލޫމާތު ހިއްސާކޮށްފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަންނަ

    ސުވާލަކީ ޑިއުޓީ ބަހައިގެން ސައުވީސްގަޑިއިރު މމީހުން ހޭލާއުޅޭތަނަކަށް ވައްކަން ކުރަން ވަންނާނެ ތޯ.؟

    އަދި އެވެސް ބޭނުން ކޮށްފަ އޮތް ސިރިންޖެއް ހޯދަން

    17
    3
  2. ސަނީ

    (ޓީނޭޖް އުމުރު ވީމަ ވަރަށް ލާނެތް ކަންކަން ކުރާނެތާ،!! ) މިއީ ވަރައް ދެރަކަމެއް. ވަރައް ދެރަ ވިސްނުމަކާ ވާހަކައެއް! ޓީން އޭޖޭ ކިޔާފައި މިކަހަލަ ކުއްތަކަށް އަރައިގަންނަ އިރުވެސް ކުރާނެތާއޭ، އެއީ މާކަ ބޮޑު ކަމެއް ނޫންތާއޭ، ވަރައް ގިނަ ދިވެހިންގެ ހުންނަ ކޮށި ވިސްނުމެއް. މީހުނައް ދުއްތުރާކޮށް ވައްކަންކޮށް މީހުންގެ މުދަލައް ގެއްލުން އެ އުމުރުގެ ކުއްޖަކު ކޮށްފިޔާ މިއޮންނަނީ ލާނެއް ވެފައި އަބަދުވެސް. އެހެން ބަޔަކައް ލިބޭ ގެއްލުމެއް ދެރައެއް ބަލާނެ މީހަކު ނުހުރޭ.

    25
    2
  3. އަވަށުމީހުން

    ޙިޔާލީ ކަރައެއް ފަޅާލާފަ

    12
    1