މީގެ ހަތަރު އަހަރު ކުރިން ބުޅަލެއް، ޑެންމާކްއަށް ނިސްބަތްވާ ފިރިހެނެއްގެ އިނގިލީގައި ދަތްއެޅި ހާދިސާއަށްފަހު، ބެކްޓީރިއާގެ ސަބަބުން އެ މީހާ މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ހެންރިކް ކްރީގްބައުމް ޕްލެޓަނަރ ނަމަކަށް ކިޔާ އެ ފިރެހެން މީހާ 2018 ވަނަ އަހަރު އަންހެން ބުޅަލަކާއި އޭތީގެ ދަރިން އެޑޮޕްޓްކޮށް، އޭގެ ތެރެއިން އެއް ބުޅާ ގެންދަން އުޅުމުން އޭނާގެ އިނގިލީގައި ދަތް އެޅީއެވެ.

މިއީ އެއިރު މާބޮޑު ކަމެއް ކަމަށް އޭނާ ބަލާފައެއް ނުވެއެވެ. އެކަމަކު ގަޑިިއިރުތަކެއް ފަހުން އޭނާގެ އިނގިލި ބޮޑުވާން ފެށިއެވެ.

އޭނާ ޑޮކްޓަރަށް ގުޅައި އެކަން ސަމާލުކަމަށް ގެނައި ނަަމަވެސް، ޖެހިގެން އައި ދުވަހާ ޖެހެންދެން މަޑުކުރަން އެންގިއެވެ. ނަމަވެސް އެތައް ފަހަރަކު ޑޮކްޓަރަށް ދެއްކުމަށް ފަހު ޑެންމާކުގެ ކޯލްޑިން ހޮސްޕިޓަލަށް އޭނާ ދިޔައެވެ.

އެގޮތުން މަހެއްހާ ދުވަސް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އޭނާ އަށް ފަރުވާދިންެއިރު، 15 އޮޕަރޭޝަނެއް ކުރިއެވެ.

ނަމަވެސް އޮޕަރޭޝަންކުރިތާ ހަތަރު މަސް ވީއިރުވެސް އިނގިލި ރަނގަޅަށް މަސައްކަތް ނުކުރެވުމުން ޑޮކްޓަރުން ނިންމީ އިނގިލި ބުރިކޮށްލުމަށެވެ. އެކަން ޑޮކްޓަރުން ކުރިއެވެ.

އެކަމަކު އުމުރުން 33 އަހަރުގެ ޒުވާނާގެ ސިއްހީ ހާލަތު ދަށްވާން ފެށިއެވެ. އޭނާގެ މަންމަ މީޑިއާ ތަކަށް އެއިރު ބުނިގޮތުގައި، އޭނާގެ ހާލު ވަރަށް ސަކާރާތް ކަމަށެވެ.

"އޭނާގެ ދިފާއީ ނިޒާމު ބަލިކަށިވެ، ނިއުމޯނިއާ، ހަކުރު ބަލީގެ މައްސަލަތައް އެބަހުރި". އޭނާގެ މަންމަ ބުނެފައި ވެއެވެ.

އެ ބުޅާ ހުރީ ސީދާ ލޭހޮޅިއެއްގެ ތެރޭގައި ދަތް އަޅާފައެވެ.

އެ ޒަހަމްތަކުގައި ޓިޝޫ އިންފެކްޝަންތައް އާންމުގޮތެއްގައި ޖެހެނީ ޕެސްޗޫރެލާ މަލްޓޯސިޑާ ނަމަކަށް ކިޔާ ޕެތޮޖެނިކް ބެކްޓީރިއާގެ ސަބަބުންނެވެ.

ބައެއް ހާލަތްތަކުގައި މިކަމުގެ ސަބަބުން ބައެއް ފަހަރު ނެކްރޮޓައިޒިން ފެސިޓައިޓިސް ނަމަކަށް ކިޔާ ވަރަށް މަދުން ނޫނީ ނުފެންނަ ބެކްޓީރިއަލް އިންފެކްޝަނެއް ޖެހުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާއަށް ވީގޮތަކީ ބުޅާ އޭނާގެ އިނގިލީގައި ދަތް އެޅުމާއެކު، އެ ބެކްޓީރިއާތައް ނާރުގެ ތެރެއިން އޭނާގެ ލޭގެ ތެރެއަށް ވަދެ، އޭތީ ހަށިގަނޑުގެ ތެރެއަށް ފެތުރިގަތީއެވެ.

ޕްލެޓަނަރުގެ އާއިލާއިން ބުނަނީ އޭނާ މަރުވީ މިދިޔަ އޮކްޓޯބަރު މަހު ކަމަށެވެ. ނަމަވެސް އެހެން މީހުންވެސް ބުޅާ ދަތް އަޅައިނަމަ އެކަން ސީރިއަސްކޮށް ނަގަން މިހާރު އެ މީހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    ބުޅާ ދަތް އެޅުމުން ސިކުނޑި ދުޅަވާ ބައްޔެއް ކަމަށްވާ ރޭބީސް ޖެހުން އެކަށީގެންވެއެވެ. ބުޅާ ދަތް އަޅައިފިނަމަ މި ރޭބީސް ވެކްސިން ޖަހަންޖެއެވެ. ރާއްޖޭގައި މިހާރު ބުޅާ ގިނަވަނީ ވަކި ވަރަކަށް ނޫނެވެ. މިކަމަށް ޙައްލެއް ހޯދަން މަޖްބޫރު ވެއްޖެއެވެ. ބުޅަލެއް ދަތް އަޅައިފިނަމަ ޖަހަން ޖެހޭ ރޭބީސް ވެކްސިން ރާއްޖެ އަކު ނެތެވެ.

    • ރޭބީސް

      ކުއްތާއެއް ދަތްއަޅައިފިނަމަވެސް ތޯ؟