އިންޑިއާގެ ސިކްމްއަށް ނިސްބަތްވާ އަންހެން ފުލުހެއް "ލަކްޑްބަގްހާ" ފިލްމްގައި މައިގަނޑު ރޯލްއެއް ކުޅެފިއެވެ.

ސުޕަރމޮޑެލްއެއް ކަމަށްވާ އެކްޝާ ކެރުންގްގެ މައިގަނޑު މަސައްކަތަކީ ފުލުހެއްގެ ވަޒީފާއެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ ތަފާތު ހުނަރުތަކުގެ ސަަބަބުން އޭނާ އެކި އެކި މަސައްކަތުގައި ޝާމިލްވެ އުޅެއެވެ.

ފުލުހަކަށް ވުމުގެ އިތުރުން އޭނާ ކުރާ އިތުރު މަސައްކަތްތަކަކީ މޮޑެލް ކުރުމާއި، ބޮކްސިންގ ތެޅުމާއި، ބައިކް ރޭސިންގ އަދި މިހާރު އޭނާ އެ އުޅެނީ އެކްޓިންގ ދާއިރާގައެވެ.

ފުލުހުންގެ ޚިދުމަތުގައި އުޅޭ މީހަކަށް ކެމެރާ ކުރިމަތީގައި މަސައްކަތް ކުރެވޭނެ ކަމަށް ގިނަ ބަޔަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. މިހެންވުމުން، އެމްޓީވީ އިން އޭރު ދެއްކި ރިއަލިޓީ ޝޯވއަކަށް ހޮވުނު ވާހަކަ އޭނާގެ ސީނިއަރުންނަށް އެންގުމުން އެމީހުންނަށް ޤަބޫލެއްވެސް ނުކުރެވުނެވެ. އެހެން ނަމަވެސް، އާއިލާގެ އެއްބާރުލުމާއިއެކު، އޭނާ ރިއަލިޓީ ޝޯވގައި ބައިވެރިވެގެން މުމްބާއީއަށް ދަތުރުކުރިއެވެ. އެކްޝާ ބުނީ އޭނާގެ އާއިލާ މީހުން އޭނާ މުމްބާއި ފަދަ ބޮޑު ސިޓީއަކަށް އޭނާ ފޮނުވަން އެންމެ ފުރަތަމަ ފަސްޖެހުނު ކަމަށެވެ

މުމްބާއީގައި ފެށި ދަތުރުވީ އެކްޝާއަށް މުޅިން ތަފާތު ތަޖްރިބާއެކެވެ. މި ރިއަލިޓީ ޝޯވއަށްފަހު، ވަޒީފާއާއި މޮޑެލިންގ އާއި ދެމެދު ކޮންމެވެސް އެއް ކަމެއް އިޚްތިޔާރުކުރަން އޭނާއަށް މަޖުބޫރުވި ކަހަލައެވެ. އެހެން ނަމަވެސް، އޭނާ ދެކަމާއިގެން ކުރިއަށްދިޔައެވެ.

ޖަނަވަރީ 13 ގައި ފިލްމު ތިއޭޓަރތަކުގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމު ބަލާލުމުގެ ފުރުޞަތު އަދި އޭނާއަށް ނުލިބޭ ކަމުގައި އެކްޝާ ބުނެފައި ވެއެވެ. އެހެންވިޔަސް، ވިކްޓަރ މުކަރްޖީގެ މި ފިލްމު ބޮލީވުޑްގައި ކާމިޔާބީ ގެނެސްދޭނެ ހަރުފަތަކަށް ވެގެންދާނެ ކަމަށް އެކްޝާ ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު