ތެލުގޫ ފިލްމެއް ކަމަށްވާ އާރްއާރްއާރް އިން އިންޑިއާގެ ތާޜީހުގެ ފުރަތަމަ ގޯލްޑެން ގްލޯބް އެވޯޑް ހޯދުމުން، އިންޑިއާއިން އުފާ ފާޅުކުރަމުން އެބަ ގެންދެއެވެ.

ޓޭލަރ ސްވިފްޓް އާއި ރިހާނާ ފަދަ މަޝްހޫރު ތަރިން ފަހަތަށް ޖައްސާލާ މިފަހަރުގެ ގޯލްޑެން ގްލޯބްގެ އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑް ހޯދާފައިވަނީ އާރްއާރްއާރްގެ 'ނާޓު ނާޓު' ލަވައެވެ.

އެވޯޑާ ހަވާލުވަމުން މި ލަވައިގެ ކޮމްޕޯޒަރު، އެމްއެމް ކީރަވަނީ ބުނެފައިވަނީ މި ލަވައަށް މިހާބޮޑު ބައިނަލްއަގުވާމީ ކާމިޔާބެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

މި ހަބަރާއެކެ އިންޑިއާގައި ވަރަށް ގިނަ މީހުން ދަނީ އުފާ ފާޅުކުރަމުންނެވެ. އެގޮތުން އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ މިއުޒިކް ކޮމްޕޯޒަރ އޭއާރް ރެހެމާން ވަނީ ފިލްމަށް ލިބުނު މި ކާމިޔާބީއަކީ ތަފާތު ބަދަލެއް ކަމަށްބުނެ، ފިލްމުގެ ޓީމަށް މަރުހަބާ ކިޔާފައެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މި ހަބަރާއެކު އުފާ ފާޅުކުރުމަށްޓަކައި، ހޭލިގޮތަށް އޭނާ ނާޓު ނާޓުއަށް ނެށީ ކަމުގައެވެ.

ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު އެސްއެސް ރާޖްމޯލީ ލިޔެ، ޑައިރެކްޓް ކޮށްފައިވާ އާރްއާރްއާރް އަކީ އިންޑިއާގައި އިނގިރޭސީން ވެރިކަން ކުރި ޒަމާނުގައި، އެމީހުންނާއި ދެކޮޅަށް ނުކުތް ދެ މީހުންގެ ވާހަކައިގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ލީޑް ރޯލު އަދާކޮށްފައިވަނީ ސުޕަސްޓާރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީ ރާމާ ރާއޯ ޖޫނިއަރ އެވެ.

އިންޑިއާގެ އެންމެ އަގުބޮޑު އެއް ފިލްމު ކަމަށްވާ އާރްއާރްއާރް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އިންޑިއާގެ އެތެރޭންނާއި ބޭރުގައިވެސް މި ފިލްމު ވަނީ މަޝްހޫރުވެފައެވެ. އެގޮތުން އެ ފިލްމު ބެލުމަކީ "ޕާޓީއެއް ކަހަލަ ކަމެއް" ކަމުގައި ބުނެ، ހޮލީވުޑްގެ ބަތަލާ ޖެސިކާ ޗެސްްޓެއިންވެސް މިދިޔަ ހަފްތާ ވަނީ ޓްވީޓް ކޮށްފައެވެ.

މިދިޔަ އަހަރުގެ މޭ މަހު ރިލީޒް ކުރި އާރްއާރްއާރް ހިންދީ އަޑު އަޅާފައިވާ ފިލްމު، އެތައް ގައުމެއްގެ ނެޓްފްލިކްސްގެ ޓޮޕް ޓެންގައިވެސް ވަރަށް ގިނަ ދުވަހު އޮތެވެ.

ލޯބީގެ ލަވަތަކާއި، ނަށާ ލަވަތަކާއި، ގައުމީ ލަވަތައްވެސް ހިމެނޭ މި ފިލްމުގެ މިއުޒިކަށްވެސް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން 4 މިނެޓާއި ބައިގެ ނާޓު ނާޓު ލަވައަކީވެސް އެ ލަވައަށް ގިނަ ބަޔަކު ފައި ހަމަކުރަމުންދާ ލަވައެކެވެ. އިންޑިއާއާއި އިންޑިއާގެ ބޭރުގައިވެސް، މީސްމީޑިއާގައި މިލަވަ އަށް ނެށުމުގެ ޓްރެންޑުތައް ވަނީ ވައިރަލް ވެފައެވެ.

އިންޑިއާއަށް މި ލިބުނު ކާމިޔާބީ އާއި އެކު އިންޑިއާގެ ފިލްމީ ދާއިރާގެ ގިނަ ބައެއްގެ އިތުރުން އިންޑިއާގެ އެތައް ރައްޔިތުންނެއް ދަނީ އުފާ ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު