ސްޕެއިންގެ ބާސެލޯނާ އަށް ކުޅުނު ޑިފެންޑަރު ޖެރާޑް ޕީކޭއާ އޭނާގެ ކުރީގެ އަނބިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ކައިވެނި ރޫޅުނު ފަހުން ދެ މީހުންގެ ދެމެދު ހިނގާ ކޯޅުމުގެ ތެރެއިން ޝަކީރާ އޭނާގެ ކުރީގެ މައިދައިތައަށް ވެސް ވަރަށް ބޮޑަށް ފުރައްސާރަ ކުރަން ފަށައިފިއެވެ.

ޝަކީރާގެ ގޭގެ ބެލްކަނީގައި މިހާރު ވަނީ ސިހުރު ހަދާ އަންހެނެއް ސިފަވާ ބުދެއް ބަހައްޓައިފައެވެ. އެ ބުދު ބަހައްޓާފައި ހުރީ ޝަކީރާގެ މައިދައިތަގެ ގޭގެ ކުރިމައްޗަށްވާ ގޮތަށެވެެ.

އަދި މީގެ ދުވަސްތަކެއް ކުރިން އެ ބުދު ބަހައްޓައި ކުރި ކަންތައްތަކަކާ ގުޅިގެން ކަންބޮޑުވާ ކަމަށް ވެސް މައިދައިތަ ބުނެފައި ވެއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕީކޭ ޝަކީރާއަށް ބޭވަފާތެރިވީ ދުވަސް ވަރު އެހެން އަންހެނަކު ގެނެސްގެން އުޅުނީ ޝަކީރާގެ މައިދައިތަގެ ގޭގައެވެ. އަދި އެކަން މައިދައިތައަށް ވަރަށް ރަނގަޅަށް އެނގެއެވެ.

މައިދައިތަގެ އިތުރުން ޝަކީރާ ދަނީ ޕީކޭއަށް ވެސް ވަރަށް ބޮޑަށް މަލާމާތް ކުރަމުންނެެވެ. އަދި ދާދި ފަހުން ވަނީ ޕީކޭއަށް މަލާމާތްކޮށް ލަވައެއް ވެސް ނެރެފައެވެ.

އެ ލަވަ ވަރަށް ބޮޑަށް ވައިރަލް ވެފައިވާ އިރު ޝަކީރާ ވަނީ ޕީކޭގެ އާ ލޯބިވެރިޔާއަށް ވެސް މަލާމަތްކޮށްފައެވެ.

އެގޮތުން ޝަކީރާ ކަހަލަ މަޝްހޫރު ތަރިއަކު ދޫކޮށް އާދައިގެ ލޯބިވެރިޔަކު ހޯދުމަކީ އަގުބޮޑު ރޮލެކްސް ގަޑިއެއްގެ ބަދަލުގައި އަގު ހެގު ހެޔޮ ކޭސިއޯ ގަޑިއެއް އެޅުން ކަމަށް ވަނީ ސިފަކޮށްފައެވެ.

ޝަކީރާ އާއި ޕީކޭ 11 އަހަރު ވަންދެން އެކުގައި އުޅުމަށް ފަހު ވަކިވީ މިދިޔަ އަހަރުއެވެ. ދެ މީހުން ވަކިވި އިރު ދެ ފިރިހެން ކުދިން ތިބެއެވެ. އެއީ ހަތް އަހަރުގެ މިލާން އާ ފަސް އަހަރުގެ ސާޝާއެވެ.