ސައިބީރިއާގެ ހިތްގައިމު ގަނޑުވެފައިވާ ފެންގަނޑު، "ފްރޯޒެން ލޭކް ބައިކެލް" ގައި ޝޫޓް ކުރި ފުރަތަމަ ހިންދީ ފިލްމުގެ ލަޤަބު "ޕަތާން" އަށް ލިބިއްޖެއެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޝާހްރުކް ހާނާއި، ދިޕީކާ ޕަޑުކޯން އަދި ޖޯން އަބްރަހަމް ފަދަ ބޮލީވުޑްގެ ވަރުގަދަ ތަރިންތަކެއް ކުޅެފައިވާ ފިލްމު ޕަތާން މިމަހު 25 ވަނަ ދުވަހު ސިނަމާތަކަށް އަންނައިރު، މިފިލްމުން ސައިބީރިއާގެ ގަނޑުވެފައިވާ ފެންގަނޑު، "ފްރޯޒެން ލޭކް ބައިކެލް" ގެ ހިތްގައިމު މަންޒަރުތައް ފެނިގެންދާނެއެވެ.

މީގެ ކުރިން މިލޭކުގައި ހިންދީ ފިލްމެއް ކުޅެފައިނުވެއެވެ. އެހެންކަމުން ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ޕަތާން ބެލުމަށް ބެލުންތެރިން ތިބީ ކެތްމަދުވެފައެވެ. މިފިލްމުގެ ޓްރެއިލާގެ އިތުރުން ފިލްމުގެ ޕޯސްޓަރުތަކުން ފިލްމު ބަލާލަން ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.

ދާދި ފަހުން ނެރުނު ޕަތާން ފިލްމުގެ ޕޯސްޓަރުތަކުން ފެނިގެން ދަނީ ފިލްމުގެ ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ޚާން "ފްރޯޒެން ލޭކް" މަތިން ސައިކަލުގައި މީހެއްގެ ފަހަތުން ބަޑި ޖަހަމުން ދުއްވާ މަންޒަރެވެ.

ޑައިރެކްޓަރު ސިދްރަތާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ފްރޯޒެން ލޭކުގައި ސީން ޝޫޓުކޮށްފައި ވަނީ ސީދާ ރަޝިއާގެ މޮސްކޯއިން ރައްކާތެރިކަމުގެ ސާމާނު އެތެރެ ކޮށްގެންނެވެ. އެ ފެންގަނޑު މަތިން ދުއްވާފައި ދާ މަންޒަރު ޝޫޓުކުރެވުނު ގޮތާ މެދު ޑައިރެކްޓަރު ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

ސިދުރަތު ބުނާގޮތުން ޕަތާންގެ ހުރިޙާ އެކްޝަންތަކެއް ވެސް މީގެ ކުރިން އިންޑިއާގެ ސިނަމާތަކުން ނުފެންނަހާ ރީތިކޮށް ވަނީ ގެނެސްދީފައެވެ. އަދި މި ފިލްމުގައި ނަގާފައިވާނީ މީގެ ކުރިން އިންޑިއާގެ ފިލްމަކުން ނުނަގާ ފަދަ އެކްޝަން ސިކުއެންތަކެއް ކަމަށް އޭނާ ވަނީ މައުލޫމާތުދީފައެވެ.

އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ސިދްރަތު އާންނަދުގެ އެ ފިލްމުގެ ޕްރޮމޯޝަނަލް ހުރިހާ ކޮންޓެންޓުތަކަށް ވަނީ ބޮޑު ހިޓެއް ލިބިފަ އެވެ. އެގޮތުން، ފިލްމުގެ ޓްރެއިލާގެ އިތުރުން އެންމެ ފުރަތަަމަ ރިލީޒް ކުރި ފިލްމުގެ ދެ ލަވަ، "ބެޝަރަމް ރަންގް" އަދި "ޖޫމެ ޖޯ ޕަތާން" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ޝާހުރުކް ޚާން ފެނިގެންދާ މިފިލްމަކީ އަދިތުޔާ ޗޮޕްރާގެ "ސްޕައި ޔުނިވާސް" ގެ ފިލްމުތަކުގެ ތެރެއިން ހިިމެނޭ ފިލްމެކެވެ.