މެކް ޑޮނަލްޑްސްގެ ރެސްޓޯރެންޓު ތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި ވަރަށް މަގުބޫލު ރެސްޓޯރެންޓު ތަކެކެވެ. މި ރެސްޓޯރެންޓުތައް މީހުންގެ ތެރޭގައި އެހާ މަގުބޫލީ މީރު ކާއެއްޗެހި، ހެޔޮ އަގެއްގައި ލިބޭތީއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ މީހަކަށް މިފަހަރު މިވަނީ މެކް ޑޮނަލްޑްސްގެ އަގުހެޔޮ ކެއުމުގެ އަގު، ފަސްތަރީގެ ރެސްޓޯރެންޓެއްގެ ކެއުމުގެ އަގަށް ވުރެ ބޮޑުވެފައެވެ.

އިނގިރޭސިވިލާތުގެ ކޭމްބްރިޖަށް ނިސްބަތްވާ މި މީހާ އަށް މި ވަނީ މެކް ޑޮނަލްޑްސްގައި ކެއުމުގެ ބޮޑު އަގެއް ދައްކަން ޖެހިފައެވެ. އޭނާގެ ހަމައެކަނި ކުށަކީ މާ ގިނައިން ކާއެއްޗެހި އޯޑަރު ކުރުމާއި، އެ އެއްޗެހި ހުސްކުރަން މާ ގިނަ ވަގުތު ހޭދަ ކުރުމެވެ.

ޝަޕޫރު މެފްތާހް ކިޔާ މި މީހާ، އެ ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު، ކޭމްބްރިޖުގައި ހުންނަ މެކް ޑޮނަލްޑްސްގެ ރެސްޓޯރެންޓެއްގެ ބޭރުގައި ޕާކު ކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި، ކާރު ޕާކު ކުރުމަށްފަހު ދިޔައީ، އަގުހެޔޮ މީރު ކެއުމެއް ކާލާށެވެ. އެތަނުން އޭނާގެ ބޭބެ އާއި ބައްދަލުކޮށް، ދެބެން ވެގެން ރަނގަޅު ކެއުމެއް ކާލައިގެން، ހަމަޖެހިލައިގެން ގެ އަށް އައީއެވެ.

ނަމަވެސް ދެން އޭނާއަށް ލިބުނީ ޖޫރިމަނާގެ ނޯޓިސް އެކެވެ. އެއީ އޭނާގެ ކާރު މާ ގިނައިރު މެކްޑޮނަލްޑްސް ގައި ޕާކު ކޮށްފައި އޮތުމުން، އިނގިރޭސި ވިލާތުގެ އަމިއްލަ ޕާކިން ކުންފުންޏަކުން ފޮނުވި ނޯޓިސްއެކެވެ.

އޭނާއަށް އެ ކުންފުނިން ފޮނުވާފައިވަނީ، މި އަހަރުގެ ދެ ދުވަހެއްގެ މަތިން އޭނާ މެކްޑޮނަލްޑްގައި 90 މިނެޓަށް ވުރެ ގިނަ އިރު، ކާރު ޕާކު ކޮށްފައި އޮތުމުގެ ސަބަބުން، 100 ޕައުންޑުގެ ޖޫރިމަނާގެ ނޯޓިސް އެކެވެ.

އިނގިރޭސި ނޫހަކަށް މައުލޫމާތު ދެމުން ޝަޕޫރު ބުނެފައިވަނީ އެއީ އޭނާ އަށް ކެވުނު އެންމެ އަގުބޮޑު މެކްޑޮނަލްޑްސް ކެއުން ކަމުގައެވެ.

"އެތަނުގައި އިނދެ، 90 މިނެޓް ތެރޭގައި ކައިގެން ދާން ޖެހޭނެ ކަން މެކްޑޮނަލްޑްސްގެ ބޭރަކު ލިޔެފައެއް ނުހުރޭ. އެއްވެސް މީހަކު އަވަސް އަރުވާލާފައި ކާކަށް ބޭނުމެއް ނުވާނެ. އަދި އަހަރެމެން ވަރަށް ގިނަ ކާ އެއްޗެހި އޯޑަރުވެސް ކުރިން." އޭނާ ބުނެފައިވެއެވެ.

އެއް ހަފްތާ ތެރޭގައި ޝަޕޫރު ޖޫރިމަނާ ނުދައްކައިފިނަމަ، ކޮންމެ ޓިކެޓަކަށް 100 ޕައުންޑަށް ޖޫރިމަނާ ބޮޑުވާނެއެވެ.