ވިޓަމިންތަކާއި މިނަރަލްތަކަކީ ހަށިގަނޑު ދުޅަހެޔޮ ކޮށް ބެހެއްޓުމަށާއި، ހަށިގަނޑުގެ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މުހިންމު ދައުރެއް އަދާކުރާ މާއްދާ ތަކެކެވެ. ހުރިހާ މާއްދާތަކުގެ ތެރެއިން މިފަހަރު ބަލާލަން މި އުޅެނީ ވިޓަމިން ބީގެ ވައްތަރެއް ކަމަށްވާ، ވިޓަމިން ބީ12، ނުވަތަ ކޮބާލަމިން އަށެވެ.

ވިޓަމިން ބީ12 އަކީ ލޭގައި ހުންނަ ރެޑް ބްލަޑް ސެލްތަކާއި، ހަށިގަނޑުގައި ޑީއެންއޭ އުފެއްދުމުގައި މުހިންމު ރޯލެއް އަދާކުރާ މާއްދާއެއްގެ އިތުރުން، ހަށިގަނޑުގެ ނާރުތަކަށާއި، ސިކުނޑި އަށްވެސް ވަރަށް މުހިންމު މާއްދާއެކެވެ.

ވިޓަމިން ބީ12 އަކީ އިންސާނާގެ ހަށިގަނޑުގައި އުފައްދާ މާއްދާ އަކަށް ނުވާތީ، މި މާއްދާ ލިބެނީ އަހަރެމެން ކާ ކާނާގެ ޒަރީއްޔާއިންނެވެ. ބީ12 ފުރަމޭގައި ވަރަށް ގިނަ އަހަރުތަކަކު ރައްކާ ކުރެވިފައި ހުންނަ އިރު، އާންމުގޮތެއްގައި ހަށިގަނޑުން މި މާއްދާ ދަށް ނުވި ނަމަވެސް، ބައެއް ފަހަރު ކާ ކާނާގެ ޒަރީއްޔާއިން އެކަށީގެންވާ މިންވަރަށް ބީ12 ނުލިބޭ ކަމަށް ވާނަމަ، ހަށިގަނޑުން ބީ 12 މަދުވަމުން ގޮސް، ބައެއް ކަހަލަ އަލާމާތްތައް ފެނުން އެކަށީގެން ވެއެވެ.

ވިޓަމިން ބީ12 ލިބެނީ ކޮން ކަހަލަ ކާނާއަކުން؟

ބީ12 ލިބޭނީ ޖަނަވާރުންގެ ފަރާތުން ލިބޭ ކާނާއިންނެވެ. އެގޮތުން ބީ12 ގިނައިން ލިބޭ ކާނާގެ ތެރޭގައި ބިސް، ކިރު، ޗީސް، ޔޯގަޓް، ކަނޑުމަސް އަދި ފަރުމަސް، ކުކުޅު މަސް، ގެރިމަސް، މޭ ހިމެނެއެވެ. އަދި މި ޒަމާނުގައި ސީރިއަލް ފަދަ އެކި ކާއެއްޗެއްސަށް ބީ12 އެއްކޮށްފައި ވެސް ހުރެއެވެ.

ވިޓަމިން ބީ12 މަދުވަނީ ކޮންބައެއްގެ؟

އާންމުކޮށް އަހަރެމެން ކައިއުޅޭ ގޮތުން ބީ12 މަދުވެގެން ބޮޑެތި އަލާމާތްތައް ފެންނަ ހިސާބަކަށް ނުދެއެވެ. ނަމަވެސް ބައެއް މީހުންނަކީ ޖަނަވާރުން ލިބޭ ކާނާ ނުކާ މީހުންނަށް ވުމުން، އެމީހުންގެ ހަށިގަނޑުން ބީ12 މަދުވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

ބައެއް މީހުންގެ އުމުރު މައްޗަށް ދިއުމުން މި ފަދަ މާއްދާތައް ހަށިގަނޑަށް ނަގައިގަންނަށް އުނދަގޫވެއެވެ. އަދި ބަނޑުގެ އޮަޕަރޭޝަންތައް ކޮށްފައި ތިބޭ މީހުންނާއި، ގޮހޮރުގެ އެކި ކަހަލަ ބަލިތައް ހުންނަ މީހުންނާއި، ބީ12 ހަށިގަނޑަށް ނަގައިދޭން ހުރަސް އަޅާ އެކި ބަލިތައް ހުންނަ މީހުންނާއި، އެކި ކަހަލަ ބޭސްތައް ކާ މީހުންނަށްވެސް. ބީ12 މަދުވުމުގެ ފުރުސަތު އޮވެއެވެ.

ވިޓަމިން ބީ12 މަދުވީމަ އެނގޭނީ ކިހިނެތް؟

ބީ12 މަދުވުމުން ހަށިގަނޑުން އަހަރެމެންނަށް ކޮންމެވެސް ކަހަލަ އިޝާރާތްތަކެއް ކުރާނެއެވެ. ނަމަވެސް ހަށިގަނޑު ދައްކާ އަލާމާތްތައް ބައެއް ފަހަރު އެހެން އާދައިގެ ބައްޔަކާއި އޮޅުވާލެވި، އެކަމަށް އަޅާނުލާ ތިބެވެއެވެ.

ބޮލުގައި ރިއްސުން

އެކަށީގެންވާ ވަރަށް ހަށިގަނޑަށް ވިޓަމިން ބީ12 ނުލިބޭ ކަމަށްވާނަމަ، ނާރުގެ އަދި ސިކުނޑީގެ މަސައްކަތް ތަކަށް ބަދަލު އާދެއެވެ. މި މާއްދާއަކީ ސިކުނޑީގެ ނިޒާމަށް އެހީވެދީ، ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ މާއްދާއެކެވެ، އެހެންކަމުން މި މާއްދާ މަދުވެއްޖެނަމަ، ބޮލުގައި ރިއްސުން އެކަށީގެންވެއެވެ.

2020 ވަނަ އަހަރު ނެޝަނަލް ލައިބްރަރީ އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ބޮޑެތިވަމުން އަންނަ ކުދިންގެ ތެރޭގައި ވިޓަމިން ބީ12 މަދުވުމުގެ އެންމެ އާންމު އަލާމާތަކީ ބޮލުގައި ރިއްސުމެވެ. 2019 ވަނަ އަހަރު ޝާއިއުކުރެވުނު އެހެން ދިރާސާއަކުން ދައްކާ ގޮތުގައި، ބީ12 ގިނައިން ހުންނަ މީހުންނަށް މައިގްރޭން ވުމުގެ ފުރުސަތު، ބީ12 މަދުން ހުންނަ މީހުންނާއި އަޅާ ބަލާއިރު ކުޑައެވެ.

ވިސްނަން އުނދަގޫވުމާއި، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން

މިވެސް ހަމަ ވިޓަމިން ބީ12 މަދުވުމުން ސިކުނޑީގެ މަސައްކަތްތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ފެންނަ އަލާމާތްތަކެވެ. ދިރާސާ ކުރާ ވަރަށް ގިނަ ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ބީ12 މަދުވުމާއި، މީހާގެ ވިސްނުމާއި ހަނދާން ބަލިވުމާއި ގުޅުމެއް ވެއެެވެ. ބީ12 އަކީ ސިކުނޑިއަށް މުހިންމު މާއްދާއެއް ކަމުން، އެ މާއްދާ މަދުވުމުން، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވެ، އަވަހަށް ކަންކަން ހަނދާންނެތުން އެކަށީގެންވެއެވެ.

ވަރުބަލިވުމާއި ބޯ އަނބުރާގޮތްވުން

ވިޓަމިން ބީ12 އަކީ ލޭގައި އޮކްސިޖަން އުފުލާ، ދުޅަހެޔޮ ރެޑް ބްލަޑް ސެލްތައް އުފެއްދުމަށް މުހިންމު މާއްދާއެކެވެ. އެހެން ކަމުން މި މާއްދާ ހަށިގަނޑުގައި ދަށްވެއްޖެނަމަ، މެގަލޯބްލާސްޓިކް އެނީމިއާ ކިޔާ ހާލަތަކަށް ހަށިގަނޑު ދެއެވެ. މެގަލޯބްލާސްޓިކް އެނީމިއާގައި ހަށިގަނޑުގައި ހުންނަން ޖެހޭ ވަރަށް ވުރެ މާ ބޮޑެތި ރެޑް ބްލަޑް ސެލްތަކެއް އުފައްދައެވެ. މި ސެލްތަކަކީ ދުޅަހެޔޮ ސެލްތަކަށް ނުވުމުން، ރަނގަޅަށް މަސައްކަތް ނުކުރެވި، އޮކްސިޖަން އުފުލައިދިނުމަށް އަސަރު ކުރެއެވެ. މި ހާލަތުގެ އެންމެ އާންމު އަލާމާތަކީ އާދަޔާ ހިލާފަށް ވަރުބަލިވުމާއި، ބޯ އަނބުރާ ގޮތްވެ، މޫނު މައްޗަށް އަނދިރިވާ ކަހަލަ ގޮތްގޮތް ވުމެވެ. އަދި ބައެއް މީހުންނަށް ވަރަށް ފަސޭހައިން ނޭވާ ކުރުވާކަންވެސް ފާހަގަ ވާނެއެވެ.

އަތާއި ފައި އައްސިވުން

ޕެރަސްތީސިއާ، ނުވަތަ އަތާއި ފަޔަށް ކަށިތަކެއް ހެރޭ ފަދަ އިހުސާސެއް ކުރެވުމަކީ ވެސް ބީ12 މަދުވުމުން ފެނިދާނެ އަލާމާތެކެވެ. ބައެއް ފަހަރު އަތްތިލަ، އަތް، ފައިތިލަ، ނުވަތަ ފައިން ދިލަ ނަގާ ފަދަ އިހުސާސެއް ކުރެވުމަކީވެސް ދިމާވެދާނެ ގޮތެކެވެ. މަދު ފަހަރުތަކުގައި ހަށިގަނޑުގެ އެހެން ތަންތަނުންވެސް މިފަދަ އިހުސާސްތައް ކުރެވުން އެކަށީގެންވެއެވެ. އެގޮތުން ބައެއް މީހުންނަށް ކަށި ހެރޭ ކަހަލަ އިހުސާސެއް ކުރެވޭ އިރު، ބައެއް މީހުންނަށް ދިލަނަގާ ނުވަތަ ކަހާ ކަހަލަ އިހުސާސެއްވެސް ކުރެވިދާނެއެވެ.

ހަންގަނޑުގެ ކުލަ ފަނޑުވުން، ނުވަތަ ހަންގަނޑަށް ރީނދޫ ކުލައެއް އެރުން

ވިޓަމިން ބީ 12 މަދުވުމުން އެނީމިއާ އޭ ކިޔާ ހާލަތެއް ކުރިމަތިވެއެވެ. ކުރިންވެސް ދެންނެވުނު ފަދައިން މި ހާލަތުގައި ހަށިގަނޑުން އެކަށީގެންވާ މިންވަރަށް ދުޅަހެޔޮ ރެޑް ބްލަޑް ސެލް އުފައްދައެއް ނުދެއެވެ. އެއާއެކު ހަންގަނޑުގެ ކުލައަށް ބަދަލުއައުން އެކަށީގެންވެއެވެ. ބައެއްފަހަރު ހަންގަނޑުގެ ކުލަ ހަމައެކަނި ފަނޑުވާއިރު، ބައެއް ފަހަރު ހަންގަނޑަށް މަޑު ރީނދޫ ކުލައެއް އަރައެވެ.

ދޫ ދުޅަވުމާއި، ދުލުގަޔާއި އަނގައިގައި ފާރު ހެދުން

ގްލޮސައިޓިސް ކިޔާ އަޑު އަހަން ހެއްޔެވެ؟ އެއީ އަނގައިގެ އިންފްލެމޭޝަން ވެ، ދޫ ދުޅަވެ، އިންފްލޭމް ވާން މެދުވެރިވާ ހާލަތެކެވެ. މިއީވެސް ވިޓަމިން ބީ 12 މަދުވުމާއި ގުޅިފައިވާ އަލާމާތެކެވެ. ވިޓަމިން ބީ 12 މަދުވުމުން މެގަލޯބްލާސްޓިކް އެނީމިއާ އަށް މަގުފަހިވާ ކަމަށް ކުރިންވެސް ފާހަގަ ކޮށްފައިވާނެއެވެ. ދޫ ދުޅަވުމަކީ އެކަމާއި ގުޅުންހުރި ކަމެކެވެ. އެގޮތުން ބައެއް މީހުން މިހާލަތު ސިފަކޮށްދޭނީ، ދޫ ދުޅަވެ، ރަތްވެ، ދުލުން ދިލަނަގާ، ނުވަތަ ތަދު އިހުސާސް ވާ ކަމުގައެވެ.

 

ހަށިގަނޑުން ބީ12 މަދުވުމުން މީގެ އިތުރުންވެސް އެކިކަހަލަ އަލާމާތްތައް ފެނުން އެކަށީގެންވެއެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ މަސްތަކުގެ ވަރުދެރަވުމާއި، ބަރުދަން ލުއިވުމާއި، ހިތުގެ ހިނގުމަށް ބަދަލު އައުމާއި، ޑިޕްރެޝަން ފަދަ ކަންތައްތައްވެސް ހިމެނެއެވެ.

ނަމަވެސް ސަމާލުކަން ދޭންވީ ކަމަކީ މި އަލާމާތްތައް ހަމައެކަނި ފެންނާނީ ބީ12 މަދުވުމުން ނޫންކަމުގައެވެ. އެހެން ކަމުން އަލާމާތްތައް ހުރުމުގެ މާނައަކީ އަދި ބީ12 މަދުވުމެއް ނޫނެވެ. ނަމަވެސް އެކަން އެހެންވުން އެކަށީގެންވެއެވެ. ވީމާ މިފަދަ އަލާމާތަތްތަކެއް ފެންނަނަމަ ޑޮކްޓަރަށް ދައްކާ ޓެސްޓު ކުރެއްވުން ބުއްދިވެރިއެވެ.