ޗޮކްލެޓްއަކީ ގިނަބައެއްގެ ފޭވަރޭޓެކެވެ. ޗޮކްލެޓާއެކު އެތައް ބައެއްގެ މޫޑަށް ހެޔޮ ބަދަލެއްވެސް އާދެއެވެ. ޗޮކްލެޓްވެސް އެތައް ފްލޭވާއެއް ބާޒާރަށް ނެރެފައިވާއިރު، ކޮންމެ ވައްތަރެއްގައިވެސް ތަފާތު ރަހައެއް ދޭތީ އެކި ވައްތަރުތަކުގެ އަޖުމަ ބަލާ މީހުން މަދެއް ނޫނެވެ. މީގެ ތެރޭގައި ބައެއް ފްލޭވާތަކަކީ ބާޒާރުގައި އެންމެ ހިގާ އުފެއްދުންތަކަށްވެސް ވެއެވެ.

އެކަމަކު މިފަހަރު މި އުޅެނީ ވަރަށް ނުގުޅޭ ދެ ބާވަތެއް އެއްކޮށްގެން ހަދާފައިވާ ޗޮކްލެޓެއް ބާޒާރަށް ނެރެފައިވާ ވާހަކަ ހިއްސާ ކުރާށެވެ. އެތައް ބަޔަކު ބުނާގޮތުން މިއީ ވަރަށް ފަކުރު ކަން ބޮޑު ވައްތަރެއްގެ ޗޮކްލެޓަކަށް ވާނެއެވެ. އަދި އެއް ބަޔަކު މި އުޅެނީ ވާނުވާގައެވެ.

ދައްކަން މި އުޅެނީ ފިޔާ އަދި ޗީޒް އެއްކޮށްގެން ހަދާފައިވާ ޗޮކްލެޓެއްގެ ވާހަކައެވެ.

ޓްވިޓާގައި ސަތުނަމް ސަންގެރާ ނަމަކަށް ކިޔާ މީހަކު ވަނީ، މަޝްހޫރު ނޮދަން އައިރިޝް ބްރޭންޑެއް ކަމަށްވާ ޓައިޓޯ އިން ހަދާފައިވާ ލިމިޓެޑް އެޑިޝަން ޗޮކްލެޓް ބާއެއްގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ޗޮކްލެޓްގައި ރީނދޫ ކުލައިގެ ޕެކޭޖިންގއެއް ލާފައިވާއިރު، ލިސްޓުކޮށްފައިވާ މާއްދާތަކުގެ ގޮތުގައި ޗީޒް އާއި ފިޔާ ހިމެނެއެވެ.

އެ ޕޯސްޓުގެ ކެޕްޝަންގައި ސަންގޭރާ ވަނީ ފްލޭވާ ކޮމްބިނޭޝަނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް އޭނާ އަކީ ޗޮކްލެޓް ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށްވެސް ހިމެނެއެވެ.

އެ ފޮޓޯއަށް މިހާތަނަށް 60،000 އަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.

އެތައް ބަޔަކު ވަނީ މި ވައްތަރުގެ ޗޮކްލެޓް ނުކާނެ ކަމާއި، މިއީ ފަކުރު ވައްތަރުގެ ޗޮކްލެޓެއް ކަމަށް ބުނެފައެވެ.