އިނގިރޭސިވިލާތުގެ ޝާހީ ތަހުތާ ހަވަނައަށް އެންމެ ކައިރީގައި ހުރި ޕްރިންސް ހޭރީގެ އަންހެނުން، މޭގަން މާކެލްގެ ބައްޕަ، އަނެއްކާވެސް އިނގިރޭސި ޝާހީ އާއިލާއަށް މަލާމާތްކޮށް، ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

މޭގަންގެ ބައްޕަ، ތޯމަސް މާކެލް، މިފަހަރު ފާޑު ކިޔާފައިވަނީ އިނގިރޭސި ޝާހީ އާއިލާއިން ގެންގުޅެމުންދާ ބައެއް އާދަތަކަށާއި ހިފަހައްޓަމުންދާ ބައެއް އުސޫލުތަކަށެވެ.

އެގޮތުން، ތޯމަސްވަނީ، އެމީހުންނާ ދެކޮޅަށް އަދި އެމީހުންނާ ނިސްބަތްކޮށް މީޑިޔާގައި ދައްކަމުންދާ ބައެއް ވާހަކަތަކަށް، އެމީހުން ރައްދު ނުދޭ މައްސަލައަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި، ތޯމަސް ދައްކަމުންދާ ވާހަކަތަކަށް، އެމީހުން ބީރު ކަންފަތެއް ދީގެން ތިބޭތީވެސް، އޭނާވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހަމައެހެންމެ، އިނގިރޭސި ޝާހީ އާއިލާއިން، އެތައް ސިއްރެއް ހިފަހައްޓަމުން ދާތީ، އެކަމާވެސް އޭނާ މަލާމާތްކޮށް، ފާޑު ކިޔާފައިވެއެވެ. އެގޮތުން، އޭނާ ބުނެފައިވަނީ، އެމީހުން ސިއްރު ހިފަހައްޓާތީއާއި، އެމީހުން ސިއްރުން ކަންތައްތައް ކުރަމުންދާ މިންވަރަށް ބަލާކަމުގައިވާނަމަ، އެމީހުންގެ މެދުގައި ސިއްރުން ސަލާމްކުރުމަށް ނުވަތަ ހޭންޑް ޝޭކް އެއް ގެންގުޅުމަކީވެސް، ވެދާނެ ކަމެއްކަމަށް އޭނާ ބުނެފައިވެއެވެ.

އުމުރުން 74 އަހަރުގެ ތޯމަސް އިތުރަށް ބުނެފައިވަނީ، ޝާހީ އާއިލާ އިން ހިފަހައްޓަމުން އައި ދުވަސްވީ އުސޫލުތައް، މިހާރު ދޫކޮށްލަން ޖެހިފައިވާކަމުގައެވެ. އަދި، އެކަންކަމަކީ ވަރަށް މުސްކުޅި ގޮތްތަކެއްކަމަށާއި، އޭގެ ބަދަލުގައި އެމީހުންވެސް ޒަމާނީ ވާން ވެއްޖެކަމަށް ބުނެފައިވެއެވެ.

ތޯމަސްގެ ވާހަކަތަކާ ގުޅިގެން، މީޑިޔާގައި ވާހަކަ ދައްކާފައިވާ، ޕްރިންސަސް ޑަޔާނާގެ ކުރީގެ ބޮޑީގާޑަކު ބުނެފައިވަނީ، ތޯމަސް ދައްކަމުންދާ ވާހަކަތަކަށް، މިހާރު ޝާހީ އާއިލާއިން ރައްދު ދޭން ޖެހޭ މިންވަރަށް ބުނެފައިވާކަމަށެވެ.

ބޮޑީގާޑު އިތުރަށް ބުނެފައިވަނީ ތޯމަސް އަކީ މޮޔައެއް ނޫންކަމަށާއި، އޭނާއަކީ މީޑިޔާގެ ކަންކަން ރަނގަޅަށް އެނގޭ މީހެއްކަމަށެވެ. އެހެންކަމުން، ޕްރިންސް ހޭރީ، އޭނާ ދައްކަމުންދާ ވާހަކަތަކަށް ޖަވާބު ދޭން ޖެހޭކަމަށް ބުނެފައިވެއެވެ.