ބޮލީވުޑް އެކްޓްރެސް ދިޕިކާ ޕަދުކޯނާއި އެކްޓަރު ރަންވީރް ސިންގްގެ ކައިވެންޏަށް ބާޒާރު ކުރަން ފަށައިފި ކަމަށް ބޭރުގެ ޚަބަރުތަކުން ބުނެފިއެވެ.

ދިޕިކާ އާއި ރަންވީރް ރައްޓެހިވެގެން އެތައް ދުވަހަކު އުޅުމަށްފަހު މިހާރު ދެމީހުން އެންގޭޖްވެ، ކައިވެނީގެ ކަންތައްތަކަށް ތައްޔާރުވަމުން ދާއިރު، މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި މި ދެ ލޯބިވެރިން ކައިވެނި ކުރަން އުޅޭ ޚަބަރު މީގެ ކުރިން ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، މީގެކުރިންވެސް ދިޕިކާ ވަނީ އޭނާގެ މަންމައާއިއެކު ކައިވެންޏާއި ގުޅިގެން ހެނދުން ގަތުމަށް ބާޒާރުކޮށްފައެވެ. އެހެންކަމުން، މިފަހަރު އޭނާ ބާޒާރުކުރުން ޚާއްސަކޮށްފައިވަނީ ގަހަނާ ގަތުމަށެވެ. އަދި ރަންވީރްވެސް ވަނީ ދިޕިކާއާއިއެކު ބާޒާރު ކުރުމުގައި ބައިވެރިވެފައި ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

ދިޕިކާއާއި ރަންވީރް ކައިވެނި ކުރާ ދުވަހު ލާނީ ކޮންކަހަލަ ހެދުމެއްތޯ ބަލާލަން ގިނަ ބަޔަކު ކެތްމަދުވެފައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކައިވެނީގެ އުފަލުގައި ދިޕިކާއާއި ރަންވީރް، ގިނަ ފަރާތްތަކަށް ދައުވަތު ދީގެން ބޮޑު ޕާޓީއެއް ބޭއްވުމުގެ ވިސްނުމެއް ނުގެންގުޅޭއިރު، ދެފަރާތު އާއިލާއަށާއި ރައްޓެހިންނަށް ހިމެނޭ ގޮތަށް ކުޑަކުޑަ ޕާޓީއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

"މިހާރު މިވަނީ އިޓަލީގެ ލޭކް ކޮމޯ އެމީހުންގެ ކައިވެނި ހަފްލާގެ މަންޒިލަކަށް ފައިނަލް ވެފަ. މި ހިތްގައިމު ތަން ޚިޔާރު ކުރީ ދުރުދުރުން ފެންނަ މަންޒަރު ތަކާއި މޫދުގެ ވިއު ރީތި ކަމުންކަމަށްވެސް އެދެމީހުން ބުނެފައިވޭ." މީޑިއާތަކަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވެއެވެ.

ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ދިޕިކާއާއި ރަންވީރް، ބާޒާރު ކުރުން ފަދަ އެތަކެއް ތައްޔާރީތަކެއް ވަމުންދާ ކަން ފާހަގަކޮށްލެވެއެވެ.