ހޮލީވުޑްގެ މަޤްބޫލު ފިލްމު ސީރީޒް "ފާސްޓް އެންޑް ފިއުރިއަޒް" ސިލްސިލާގެ ކުރިއަށް އޮތް ފިލްމު "ފާސްޓް އެކްސް" ގައި އެ ފިލްމުގެ ކުރީގެ ތަރި ޕޯލް ވޯކާގެ އަސްލު ދަރިފުޅު މެޑޯ ވޯކަރ ތޯންޓަން-އެލެން، ކެމިއޯ ރޯލްއަކުން ފެނިގެންދާނެ ކަމަށް އޭނާ ހާމަކޮށްފިއެވެ. މިއީ މި ސިލްސިލާ ފިލްމުގެ 10 ވަނަ ސީރީޒްއެވެ.

މެޑޯ ވަނީ މި ޚަބަރު އޭނާގެ ސަޕޯޓަރުންނާއި އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފައިއެވެ.

"ފާސްޓް އެންޑް ފިއުޒިއަޒްގެ ފުރަތަމަ ބައި ނެރުނު އިރު އޭރު އަހަރެންގެ އުމުރުން އެންމެ އަހަރެއް. އަހަރެން ބޮޑުވެގެންދިޔައީ ފާސްޓް އެންޑް ފިއުރިއަޒްގެ ހުރިހާ ބައިތައް ބަލަމުން. މިހާރު އަހަރެންނަށް ޤަބޫލެއްވެސް ނުކުރެވޭ އެންމެ ފަހުން އަހަރެންވެސް މި ފިލްމުގެ ހިއްސާއަކަށް ވާން އުޅެތީ" އޭނާ ބުނެފައިވެއެވެ.

މޮޑެލް ކުރަމުންދާ މެޑޯއަކީ 2013 ވަނަ އަހަރުގައި އުމުރުން 40 އަހަރުގައި މަރުވެގެންދިޔަ އެމެރިކާގެ މަޝްހޫރު ފިލްމީ ތަރި ޕޯލް ވޯކަރގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ.

ޕޯލް މަރުވެފައި ވަނީ ފާސްޓް އެންޑް ފިއުރިއަސްގެ ފިލްމެއް ނެރެން ތައްޔާރުވެފައި ވަނިކޮށެވެ. އޭނާ މަރުވީ ފާސްޓް އެންޑް ފިއުރިސް ފިލްމުތަކުގައި ފެނިގެންދާ ފަދަ ސްޕޯޓްސް ކާރެއް އެހެން މީހަކާއިއެކު ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެގެން ގޮސް އެކްސިޑެންޓްވެ ކާރުގައި އަލިފާން ރޯވެގެންނެވެ.

އޭނާގެ ބައްޕަގެ ފިލްމީ ހަޔާތުގައި ކުޅެފައިވާ އެންމެ ފާހަގަކޮށްލެވޭ ފިލްމުގައި އޭނާ ފެނިގެންދާއިރު، މިއީ އާންމުކޮށް ފިލްމު ކުޅުމާއި ދުރުހެލި އުމުރުން 24 އަހަރުގެ މެޑޯ މޮޑެލިންގ ނޫން މަސައްކަތަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.