ދަރިންނަކީ މާތް ﷲ މައިންބަފައިންނަށް ދެއްވާ ވަރަށް މަތިވެރި ނިއުމަތެކެވެ. އަދި އެއީ މައިންބަފައިންނާއި ހަވާލުކުރެވޭ އަމާނާތެއްވެސް މެއެވެ. ދަރިއަކު ގެއްލުމުން ނުވަތަ މަރުވުމުން މަންމަ ނުވަތަ ބައްޕަވާނެ ދެރައަކީ އެހެން އެކަކަށްވެސް ތަސައްވަރު ކުރެވޭނެ ވަަރަށް ވުރެއް ބޮޑު ދެރައެކެވެ.

ދެކުނު ކޮރެއާއަށް ނިސްބަތްވާ އަންހެނެއްކަމަށްވާ ލީ ކެއުމް ސިއޮމް އަކީ އެފަދަ ހިތާމައެއް ކޮށްފައިވާ އަންހެނެކެވެ. ހުރި ހަމައެކަނި ދަރިފުޅު، ލީ ސަންގް ޗުލް ގެ އުމުރުން ހަތަރު އަހަރުގައި ވީނުވީއެއް ގެއްލިފައިވާއިރު ދަރިފުޅު ހޯދުމަށް އެތަކެއް މަސައްކަތެއް ލީ ކެއުމް ވަނީ ކޮށްފައެވެ. ނަމަވެސް އެހުރިހާ މަސައްކަތެއްވެސް ވީ ބޭކާރެވެ.

1950 ވަނަ އަހަރުގެ ޖޫން މަހުގެ 25 އިން ފެށިގެން 1953 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އުތުރު ކޮރެއާއާއި ދެކުނު ކޮރެއާއާއި ދެމެދުގައި ހިނގާދިޔަ ހަނގުރާމައިގެ ތެރޭގައި ލީ ސަންގް އަށް އޭނާގެ ދަރިފުޅު ގެއްލިފައިވާއިރު ދަރިފުޅު އަލުން ފެންނާނެ ކަމަށް އަބަދުވެސް އޭނާ ދިޔައީ އުންމީދު ކުރަމުންނެވެ.

ނަތީޖާއަކަށްވީ ގެއްލުނުތާ 67 އަހަރު ފަހުން ލީ ސަންގްއަށް އޭނާގެ ދަރިފުޅާއި އަލުން ބައްދަލުވުމެވެ.

މިހާރު އުމުރުން 92 އަހަރުގެ ލީ ސަންގްއަށް އޭނާގެ ދަރުފުޅާއި ބައްދަލުވީ ގާތް ތިމާގެ މީހުންނާއި ބައެއް ރަށްޓެހިންގެ ކިބައިން އަހައިގެން މަންމަ ދިރިއުޅެމުން އަންނަ ތަން ހޯދައިގެން ކަމަށް ލީ ސަންގްގެ ދަރިފުޅު ލީ ކެއުމް ބުނެއެވެ.

މަންމައާއި ދަރިފުޅު އެތަކެއް އަހަރަކަށް ފަހު ބައްދަލުވެފައިވާއިރު މީގެ ކުރިން އެކި ފަހަރު މަތިން ވަނީ ދެ ކޮރެއާ ދެމެދުގައި ހިނގާދިޔަ ހަނގުރާމައިގައި އާއިލާއާއި ވަކިވެފައިވާ އެތަށް ބަޔަކު އަލުން އާއިލާއާއި ގުޅިފައެވެ.