މޭގަން މާކެލް އާއި ޕްރިންސް ހެރީގެ ކައިވެންޏަށް ފަހު މޭގަންގެ ބައްޕަ ތޯމަސް ކަންތައް ކުރާ ގޮތުން މޭގަންގެ ބަފައިބެ ޕްރިންސް ޗާލްސް ހުރީ މޭގަން އާއި މެދު ވަރަށް ބޮޑަށް ހަމްދަރުދީވެފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ޝާހީ އާއިލާގެ މައުލޫމާތު އެނގޭ މީހަކު މީޑީއާ އަށް މައުލޫމާތު ދެމުން ބުނީ މޭގަން އާއި ޕްރިންސް ހެރީގެ ދިރިއުޅުމަށް ފާޑުކިޔާ ތޯމަސް ދެމުން ގެންދާ އިންޓަވިއުތަކުގެ ސަބަބުން މޭގަން އަށް ވަނީ ވަރަށް ފުން އަސަރެއް ކޮށްފައެވެ. އެއިންޓަވިއުތަކުގެ ސަބަބުން މޭގަން އަށް ލިބިފައިވާ ހިތާމައަށް ލުއެއް ހޯދައި ދިނުމަށް ޕްރިންސް ޗާލްސް މޭގަން އާއި ވާހަކަ ދައްކާ ކަމަަށް މައުލޫމަތު ދިން މީހާ ބުންޏެވެ.

"މޭގަން އާއި ޝާހީ އާއިލާގެ ހުރިހާ މެންބަރުންގެ މެދުގައި ވެސް އޮތީ ވަރަށް ހާއްސަ އެކުވެރި ގުޅުމެއް. ޕްރިންސް ޗާލްސް ވެސް ދިމާވެގެން އުޅޭ މައްސަލައިގައި ދެން ކަންތައް ކުރަންވީ ގޮތް މޭގަން އަށް ވިދާޅުވެ ދެއްވާ. އަދި މޭގަން އަށް ލިބިފައިވާ ހިތާމަތައް ލުއި ކޮށްދިނުމަށް މަސައްކަތް ކުރޭ. މީޑިއާ އިން ކުރިމަތިކުރާ ޕްރެޝަރަށް ޖަވާބުދާރީ ވާނެ ގޮތް ވެސް ޕްރިންސް ޗާލްސް މޭގަން އަށް ވިދާޅުވެ ދެއްވާ." މައުލޫމާތު ދިން މީހާ ބުންޏެވެ.

ރާނީ އެލިޒަބަތު ވެސް މޭގަން އަށް ދިމާވެފައިވާ މައްސަލަ އާއި މެދު ފުންކޮށް ވިސްނަވާ އެކަމަށް އޮތް ހައްލެއް ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މޭގަންގެ ބައްޕަ އަނގަ މަޑުކޮށްގެން ހުންނާނެ ގޮތެއް ހޯދަން ޝާހީ އާއިލާ އިން މީގެ ކުރިން ވެސް މަޝްވަރާ ކުރިކަމަށް ރިޕޯޓްތައް ބުނެއެވެ.