ދުނިޔެއަކީ ވެސް ތަފާތު ތަނެކެވެ. އެއް ދުވަހު ކަންތައް ހިނގާ ގޮތަށް އަނެއް ދުވަހު ނުހިނގައެވެ. މިއީ އަޅުގަނޑުމެން އެންމެންނަށް އެނގޭ ހަޤީޤަތެކެވެ. މިފަދަ ތަފާތެއް އެންމެންގެ ލޯތަކަށް ފެންނަން ހުންނައިރު، އިންސާނުންނަކީވެސް ތަފާތު ބައެއްކަން އެނގެއެވެ. ބައެއް މީހުންނަކީ މިޒާޖުގެ ގޮތުން ތަފާތު މީހުންނެވެ. އަނެއްބައި މީހުންނަކީ ލިބިފައިވާ ހުނަރުގެ ގޮތުން ތަފާތު މީހުންނެވެ. ނޫނީ އުޅޭ އުޅުމުން ތަފާތު މީހުންނެވެ. އުފަންވާއިރު ވެސް ލިބިފައިހުރި އުނިކަމެއްގެ ސަބަބުން ތަފާތު މީހުންވެސް އުޅެއެވެ. މިފަދަ އެތައް ގޮތަކުން ތަފާތުވެއެވެ. އެކަމަކު އެފަދަ އުނިކަމެއް ހުރުމުގެ ސަބަބުން ދުނިޔެ ދެކެމުންދާ ގޮތް ބަދަލު ނުވާކަން މިހާރު އެނގެއެވެ. ސަބަބެއް ކަމަށް ވަނީ މީހުން ހޭލުންތެރިވުމުންނެވެ. ގިނަބަޔަކު އިންސާނުންގެ އެ ހުންނަ ތަފާތު ކަންކަމަށް ހޭނިއްޖެއެވެ. އެ ވަނީ ކީއްކަން އެނގިއްޖެއެވެ. ތަފާތު ތަކާއެކުވެސް މަސައްކަތް ކުރެވޭކަން އެނގިއްޖެއެވެ.

މިއީވެސް ތަފާތު ޒުވާނެކެވެ. އަހްމަދު އަހްޒާމް މުހައްމަދެވެ. ހއ. ތަކަންދޫއަށް އުފަން އަހްޒާމް އުމުރަކީ 22 އަހަރެވެ. އޭނާއާ އެހެން ޒުވާނުންނާއި އެންމެ ތަފާތުވާ އެއް ކަމަކީ އޯޓިޒަމްއެވެ. އެކަމަކު އޭނާއަކީ އެހެން މީހުންނަށްވުރެ މާ މޮޅު ޒުވާނެކެވެ. އެހެން މީހުންނަށް ނުވާ ކިތަންމެ ކަމެއް ޒުވާން އުމުރުގައި ކޮށްފިއެވެ. މިއީ ޙާފިޒެކެވެ. ފަތަން އެނގެއެވެ. ސްކައުޓް މަސައްކަތުގައި އުޅެމުން ވަޒީފާވެސް އަދާ ކުރެއެވެ. ވާހަކަ ދެއްކުމުގައި އުނދަގޫ ކަމެއް ނުވަތަ ތަފާތު ކަމެއް ހުއްޓަސް މި ޒުވާނާ ހާދަ ހިތްވަރުގަދައޭ ހިތަށް އަރައެވެ.

އޯޓިޒަމްއަކީ ކުއްޖާގެ ހެދި ބޮޑުވުމުގައި ދިމާވާ މައްސަލައެކެވެ. މިއީ ސިކުނޑި ހެދި ބޮޑުވުމުގައި ދިމާވާ އުނިކަމެކެވެ. މީގެ ސަބަބުން ވާހަކަދެއްކުމާއި މުއާމަލާތް ކުރުމުގައި އެހެން މީހުންނާއި ތަފާތު ވެދާނެއެވެ. އެކަމަކު ބައެއް ކުދިންނަށް ރަނގަޅު ފަރުވާ ލިބި، އެ ތަފާތުން އަރައިގަނެގެން ކުރިއަށް ދެއެވެ.

މި ޒުވާނާއަކީވެސް މި ތަފާތުކަން ހުންނަ ޒުވާނެކެވެ. އޭނާ މަސައްކަތް ކުރަމުން ދަނީ އެސްޓީއޯގެ ސްޓޭޕްލްފުޑްސް އެޑްމިން އެސިސްޓަންޓެއްގެ މަގާމުގައެވެ. ތަފާތު ތަކާއެކުވެސް މަސައްކަތުގެ މާހައުލުގައި އުޅެވޭކަން މި ޒުވާނާ އެބަ ސާބިތުކޮށްދެއެވެ.

އެސްޓީއޯގައި މަސައްކަތް ކުރަމުންދާ އަހްޒާމް - ވަގުތު އިމޭޖްސް: އަހްމަދު އަލީ

އަހްޒާމް އެސްޓީއޯގެ މަސައްކަތުގައި ޝައުގުވެރި ދުވަސްތަކެއް..

އެސްޓީއޯގައި އޭނާގެ މަސައްކަތަކީ އެޑްމިނިސްޓްރޭޓިވް އަދި ޓައިމް މެނޭޖްމެންޓް މަސައްކަތްތަކެވެ. އެ މަސައްކަތް ކޮންމެ ދުވަހަކު ކުރެއެވެ.

"އޭނާ ކުރަން ހުރި މަސައްކަތްކޮށް ނިންމާފައި އެތަނުން ތެދުވާނީވެސް.". މިއީ އިންޓަވިއު ނަގަން ދިޔަ ދުވަހު އެތަނުގައި މަސައްކަތް ކުރަމުންދާ މީހަކު ބުނި ވާހަކައެކެވެ.

މަސައްކަތުގައި އުޅޭއިރު ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރެއެވެ. އޭނާގެ ސުޕަވައިޒަރު މަސައްކަތްތައް ވަރަށް ގާތުން ބަލައެވެ. އަހްޒާމް ބުނާ ގޮތުން މަސައްކަތުގައި އޭނާއަށް ދަތިކަމެއް ނެތެވެ. އޭނާގެ މަސައްކަތުގައި މާހައުލާއި މެދު ހިތްހަމަ ޖެހެއެވެ. ހުރިހާ ކަމެއް ރަނގަޅަށް ދާކަން ފާހަގަކުރިއެވެ.

އެސްޓީއޯގައި މަސައްކަތް ކުރަމުންދާ އަހްޒާމް - ވަގުތު އިމޭޖްސް: އަހްމަދު އަލީ

އަހްޒާމް އެސްޓީއޯއާ މީގެ ނުވަ މަސް ކުރިން ކުރިން ގުޅުނުއިރު، މި ވަޒީފާގެ ސަބަބުން އޭނާއަށް ވަރަށް ގިނަކަންކަން ފުރިހަމަ ވުމުގެ ފުރުސަތު ލިބޭ ކަމަށް ބުންޏެވެ.

"ދިރިއުޅުމަށް އިތުރަށް ފުރިހަމަ ކުރުމާއި، އާ އުއްމީދުތައް ފުރިހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބުނު." އަހްޒާމް ބުންޏެވެ.

އަހްޒާމް ވަނީ އެސްޓީއޯގައި އޭނާގެ މަސައްކަތުގެ އެއް ދުވަސް ދާ ގޮތްވެސް ކިޔައި ދީފައެވެ.

"ފުރަތަމަ އޮފީސްއަށް އައިސް އުޅެނީ އެޑްމިނިސްޓްރޭޓުވް މަސައްކަތުގައި، ސޭލްސް ތައްޔާރު ކުރުމާއި ބިލްތައް އެޅުން، ނަމާދުވެސް ކުރަން. މެންދުރު ކައިގެން އައިސް ބިލްތައް އެޅުމަށް ފަހު މެއިލް ކުރުން". އަހްޒާމް ބުންޏެވެ.

އެސްޓީއޯގައި މަސައްކަތް ކުރަމުންދާ އަހްޒާމް މަސައްކަތުގައި - ވަގުތު އިމޭޖްސް: އަހްމަދު އަލީ

އޭނާ މި މަސައްކަތްތައް ކުރާއިރު، ލީޑާޝިޕް އާއި އިސް ބޭފުޅުންގެ ލޯތްބާއި ހިތްވަރު ވަރަށް ބޮޑަށް ލިބިގެން ދާކަންވެސް ފާހަގަކުރިއެވެ.

ސްކޫލް ދައުރުގެ ހަނދާންތައް

މާލޭގެ ގިނަ ސްކޫލްތަކުގައި ކިޔެވި އަހްމަދު ގްރޭޑް 10 ނިންމާލިއިރު، އިތުރު ހަރަކާތްތަކުގައި ވަރަށް ބޮޑަށް ޝާމިލްވެ އުޅުނެވެ. އޭގެ ތެރޭގައި ސްކައުޓް ހަރަކާތްތަކާއި، ބޭންޑާއި ކެޑޭޓް ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

އަހްޒާމް ސްކޫލް ހަރަކާތްތަކުގައި

އަހްޒާމް ބުނީ އޭނާ ސްކައުޓަށް ވަނީ 2013 ގައި ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ސްކައުޓްގެ ބޭސިކްސް ދަސްކުރިއެވެ. އަދި ސްކައުޓް ބައްދަލުވުންތަކުގައިވެސް ބައިވެރިވިއެވެ. އޭނާ ވަނީ 2015 ގައި ސްކައުޓުން ވަކިވެފައެވެ. އެއީ ބޭންޑަށް ވަންނަން ބޭނުން ވެގެންނެވެ.

އަހްޒާމް ސްކޫލް ހަރަކާތްތަކުގައި

އޭނާ ވަނީ ފަތަންވެސް ދަސްކޮށްފައެވެ.

"އެއީ 2018 ގައި، އެއި ކެޑޭޓް ކޭމްޕްގައި ފަތަން ދަސްކޮށްދިނުމުގެ ތެރެއިން".އަހްޒާމް ބުންޏެވެ.

މި ނިމުނީއެއް ނޫނެވެ. ސްކޫލުގައި ހިންގާ މުބާރާތްތަކުގައިވެސް އޭނާ ބައިވެރިވެފައި ވެއެވެ.

ހާފިޒަކަށް ވާން ކުރި ދަތުރު

އަހްޒާމަކީ ގުރުއާން ހިތުދަސް ހާފިޒެކެވެ. އޭނާއަށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ރައީސްގެ އިނާމާއި މެޑަލް އަދި ހަނދާނީ ފިލާ އާއި ތާޖު ލިބިފައެވެ.

އަހްޒާމް ކިޔާދިންގޮތުގައި އޭނާ ގުރުއާން ހިތުދަސް ކުރަން ފެށީ 2013 ވަނަ އަހަރެވެ. އެގޮތުން ފުރަތަމަ އޭނާ ފެށީ އަލް ގުރުއާން ޗެނަލް ބަލައި ދަސް ކުރާށެވެ. އޭގެ ފަހުން 2015 ގައި ސައުދީ ގުރްއާން ފެށިގެން ބަލައި ދަސް ކުރަން ފެށިއެވެ.

"2014 ގައި ގަޅޮޅު ސްކޫލް ވަދެ ހިފްޒު ކުލާހުގައި ބައިވެރިވެ ދެ އަހަރުތެރެގައި ދަސްކޮށް 2016 ގައި ކީރިތި ގުރްއާނާއި ބެހޭ ގައުމީ މަރުކަޒުގައި ކުލާހުގައި ބައިވެރިވީ. ދެން 2017 ގައި އަލުން ގަޅޮޅު ސްކޫލް އެނބުރި ގޮސް، އަނެއްކާވެސް ގުރުއާން ދަސްކޮށްގެން 2018 ގައި އަލުން މަރުކަޒުގައި ބައިވެރިވިން. އަދި 2020ގެ ތެރޭގައި ކޮވިޑް އާ ޖެހިގެން ލަސްވެގެން ދިޔަ. އޭގެ ފަހުން 2021 ވަނަ އަހަރު 23 ސެޕްޓެމްބަރުގައި ގުރުއާން ހިތުދަސްކޮށް ނިމުނީ. ލިބުނީ ތިންވަނަ ދަރަޖަ. 2023 ގައި ރައިސްގެ އިނާމާއި މެޑަލް އަދި ހަދާނީ ފިލާ އަދި ތާޖު ލިބުނު.".

 

އަހްޒާމްގެ އަމިއްލަ ދިރިއުޅުން

އަހްޒާމް ބުނާގޮތުން ނަމަ އޭނާ ދިރިއުޅުމުގައި ވަރަށް ކަންކަން ކުރެވެއެވެ. އަދި ހާސިލް ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެގޮތުން މިހާރު ރައްޓެހިންނާއެކު ބޭރަށް ނުކުމެ ހަދާކަމަށް ބުންޏެވެ.

އަދި ހައްޖުގެ އަޅުކަން އަދާ ކުރަން ބޭނުންވާ ކަމަށް އޭނާ ބުނެފައިވާއިރު، ޕައިލެޓަކަށް ވުމަކީ ދެކޭ ހުވަފެނެއް ކަމަށްވެސް ބުންޏެވެ.

އެސްޓީއޯގައި އެންމެ ދެކެން ބޭނުންވާ ދުވަސް

"އެއި އެސްޓީއޯ ކްލަބް މޯލްޑިވްސް މުބާރަތްތުކައި ކުޅެން ވަރަށް ބޭނުން. އޮފީސް މުބާރަތްތަކާއި އިވެންޓްތައް ބާއްވާ އެ ހަރަކާތްތަކުގައި އުޅެން ވަރަށް ބޭނުން. ދަތުރުތައް ރޭވުމާއި އޮފީސް މީހުންނާއެކު މަޖާ ކުރަން ވަރަށް ބޭނުން"، އަހްޒާމް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގަދައޭކަލޭ

    މާޝާﷲ ވަރަށްް ބަރާބަރު ޒުވާނެއް އިތުރު ކާމީޔާބީ މިންވަރު ކުރެއްވުން މަގޭ ދުއާއަކީ

    47
  2. ހަސަނު

    ގަދަފަދަ ސަލާމަތުން ތިބި މީހުނަށް ނަމޫނާ ދަރިއެއް..
    މާޝާﷲ..އަބާދުވެސް ކާމިޔާބީއަށް އެދެން..ގުރުއާނާއި އިސްލާމްދީނަށް ލޯބިކުރުމުން ކާމިޔާބީ އޮންނާނީ ވަރަށްކާރީގައެ...

    18
  3. އަޙުމަދު- އައްޑޫ

    ރަނގަޅަށް ތިބި މީހުން މޫނުމަތިން ނުފެނުނު ނަމަވެސް އުނދަގުލާއި އެކު ދިރު އުޅޭ ބަޔަކު މުޖުތަމަޢުގައި އުޅޭކަން ދަންނަން ޖެހޭ. މިގޮތުން ސްޓްރެސް، އެންޒައިޓީ، ރުޅިގަދަ، އަވަހަށް އިތުގައި ޖެހުން. ޑިސްލެކްސިއާ ފަދަ ގިނަ ކަންތައް ހިމެނޭ