މަޝްހޫރު ހިންދީ ރެޕް ލަވަކިޔުންތެރިޔާ ބާދްޝާ އާއި ޔޯ ޔޯ ހަނީ ސިންގް އެކީގައި މަސައްކަތް ނުކުރާ ސަބަބު ޕޮޑްކާސްޓް އިންޓަވިއުއެއްގައި ބާދްޝާ ހާމަކޮށްފިއެވެ.

ބާދްޝާ ބުނީ ޔޯ ޔޯ ހަނީ ސިންގަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް ކަމަށެވެ. އަދި ހަމައެއާއެކު، ޔޯޔޯ ހަނީ ސިންގް އޭނާ ލައްވާ 'ބްލޭންކް ކޮންޓްރެކްޓް' ތަކުގައި ސޮއި ކުރުވާފައި އޭނާ ގުޅީމާ ފޯނަށް ޖަވާބު ނުދޭ ކަމަށްވެސް ބާދްޝާ ބުންޏެވެ.

ބާދްޝާ ބުނި ގޮތުންނަމަ، ޔޯ ޔޯ ހަނީ ސިންގް އޭނާއާ ދޭތެރޭ މިފަދައިން ކަންތައް ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އަދި އެ އަހަރުތައް އޭނާއަށް ވަރަށް ދަތި ދުވަސްވަރަކަށް ވިއެވެ. އެކަމުގެ ސަބަބުން އޭނާގެ ނިންމުންތައް ބަދަލުކުރަން މަޖުބޫރުވި ކަމަށް ބާދްޝާ ބުންޏެވެ.

"އަހަރެމެން ލަވަތައް ހެދި ނަމަވެސް ރިލީޒް ނުކުރެވުނު. ހަނީ ހަމައެކަނި ސަމާލުކަން ދިނީ އޭނާގެ ކެރިއަރަށް. އަހަރެން 2006 ވަނަ އަހަރުން ފެށިގެން މާފިއާ މުންދީރް ބޭންޑާއި ގުޅިފައި. 2011 ވަނަ އަހަރު ހަނީއާއެކު އަހަރެންގެ ފުރަތަމަ ލަވަ ނެރުނީ" ބާދްޝާ ބުނީ ބޭންޑްގެ އެންމެންނާއިއެކު އެއްބަސްވުން ހަދާފައި ހަނީ ސިންގް އެއަށް ޖަވާބު ދީފައި ނުވާ ކަމަށެވެ.

ބާދްޝާ ބުނީ އޭނާގެ އާ އަލްބަމެއް ވަރަށް އަވަހަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އަލްބަމަކީ މެއި މަހުގައި އޭނާ ނެރުނު ލަވަ 'ސަނަކް'އާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެގެން މައާފަށް އެދެން ޖެހުނު ފަހުން ބާދްޝާ ނެރޭ އާ އަލްބަމެކެވެ. މި އަލްބަމްގައި ހިމެނޭނީ އޭނާގެ ސޯލޯ ލަވަތައް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު