ޖީސީއެސްއީ އޯލެވެލް އިމްތިހާނަކީ ދަރިވަރެއްގެ ހަޔާތުގައި ކުރިމަތިވާ އެންމެ މުހިއްމު އެއް އިމްތިހާނެވެ. އެއަށް ތައްޔާރު ވުމަށް ދަރިވަރުން އެތައް އަހަރެއް ހެދާ އިރު، ޓެސްޓު ތެރޭގައި އެންމެންވެސް ބޭނުންވާނީ ހަމަޖެހިލައިގެން ހުރެ ޓެސްޓުތައް ނިންމާލާށެވެ. ނަމަވެސް، އިނގިރޭސި ވިލާތުގެ ހަނާ ފްރޭސާ އަށް ކަންތައް ވީ އެހެންނެއް ނޫނެވެ.

އިމްތިހާނެއްގެ ތެރޭގައި އިންދައި، އިންވިޖިލޭޓަރުން ވަނީ ހަނާ ހޯލުން ބޭރުކޮށް، އޭނާ އަށް ކެންސަރު ޖެހިފައިވާ ވާހަކަ އަންގާފައެވެ. ހަނާ ޑޮކްޓަރަށް ދެއްކީ ވަރުބަލި ވެފައި އެނޭމިއާ ހުރުމުންނެވެ. ބޭސް ކައިގެންވެސް ރަނގަޅު ނުވުމުން އޭނާ ދެން ހެދީ ސީޓީ ސްކޭނެކެވެ. ކުރިއަށް ބާކީ 6 ޓެސްޓު އޮއްވައި ހަނާ އަށް ސީޓީ ސްކޭންގެ ނަތީޖާ ލިބިގެން، ކެންސަރު ޖެހިފައި ހުރިކަން ހާމަވުމުން، އޭނާ ޓެސްޓުގައި ބައިވެރި ނުވާނެ އޭ ހިތަށް އަރާފާނެއެވެ.

ހަނާ ފްރޭސާ ހޮސްޕިޓަލުގައި

ނަމަވެސް، ހަނާ ވަނީ ކެންސަރާއި ހަނގުރާމަ ކުރަމުން ހުރިހާ ޓެސްޓެއްގައިވެސް ބައިވެރިވެ، ރަނގަޅު ނަތީޖާ އެއް ނެރެފައެވެ. މިހާރު އުމުރުން 17 އަހަރުގައި ހަނާ އަކީ ކެންސަރު ބަލިކޮށްފައި ހުރި ޒުވާން ފަހުލަވާނެއް ކަމަށް އިނގިރޭސި ވިލާތުގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ހަނާ ފާސް ވާނެ ކަމަށް ހުދު އޭނާ ވެސް އުއްމީދެއް ނުކުރެއެވެ. މިހާރު އޭ ލެވެލް ފެށުމަށް ތައްޔާރު ވަމުން އަންނަ ހަނާ ކުރިއަށް އޮތް 5 އަހަރު ވަންދެން ހޮސްޕިޓަލަށް ޒިޔާރާތް ކުރަން ޖެހޭނެއެވެ. ނަމަވެސް، ކެންސަރާއި ހަނގުރާމަ ކުރަމުން ހަނާ ޓެސްޓުން ފާސް ވާނަމަ، ރާއްޖޭގައި މި އަހަރު ޖީސީ ހަދާ ކުދިންނަށްވެސް އެ ފުރުސަތު އެބަ އޮތެވެ. ކާމިޔާބީގެ ސިއްރަކީ ހިތްވަރަކާއި އެކު ގަދަ އަޅައި މަސައްކަތް ކުރުންކަން ހަނދާން ބަހައްޓާށެވެ.