ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަން އަށް މިއަދު 78 އަހަރު ފުރިއްޖެއެވެ. އުފަން ދުވަހާ ގުޅިގެން ގިނަ އަދަދެއްގެ ސަޕޯޓަރުން އޭނާއަށް ތަހުނިޔާ ކިޔާފައިވާ އިރު އަމީތާބް ވަނީ އެ ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. އަމީތާބް ބައްޗަންއަކީ ބޮލީވުޑްގެ މަޝްހޫރު އެތައް ފިލްމެއް ކުޅެދީފައިވާ އެތައް ބައެއްގެ ތަރުހީބު ލިބިފައިވާ ކުޅަދާނަ ފަންނާނެކެވެ.

https://www.instagram.com/p/CGLRVibhlqM/?igshid=115z1zwh7e10d

އަމީތާބް ބައްޗަން އޭނާގެ ފިލްމީ ކެރިއާ ފައްޓާފައި ވަނީ 1969 ވަނަ އަހަރު ނެރުނު "ސާތް ހިންދުސްތާނީ" ފިލްމުންނެވެ. އޭގެ ފަހުން ފެނިގެން ދިޔައީ 1971 ވަނަ އަހަރު ނެރުނު "އަނަންދް" އިންނެވެ. އަދި 1973 ގައި ނެރުނު "ޒަންޖީރް" އިން އަމީތާބުގެ ނަން ހިންދީ ސިނަމާގައި މަގުބޫލުވާން ފެށިއެވެ. މި ފިލްމާއެކު އޭނާ ވެގެންދިޔައީ ހިންދީ ސިނަމާތަކުގައި "އެންގްރީ ޔަންގް މެން" އަށެވެ.

ފިލްމީ ދާއިރާގެ ދިގު ތާރީހުގެ ކުރީކޮޅު އަމީތާބް ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ދީވާރް (1975)، ޝޮލެއި (1975)، ޑޮން (1978) ހިމެނެއެވެ. މި ފިލްމު ތަކާއެކު އޭނާއަށް ގިނަ ބައެއްގެ ތަރުހީބު ލިބި މި ދާއިރާއަށް ނިކުންނަން ހިތްވަތު ލިބިގެން ދިޔައެވެ.

އަމީތާބް މިހާރު އެންމެ ގިނައިން ފެނިގެން ދަނީ ރިއަލިޓީ ޓީވީ ސީރީސެއް ކަމަށްވާ "ކޯން ބަނޭގާ ކަރޯޕަތީ" ގެ ސީޒަން 12 އިންނެވެ. އަމީތާބަށް ވަނީ ނުރައްކާތެރި ކޮވިޑް-19 އާ ވެސް ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް އޭނާ ވަނީ އޮގަސްޓް ހިސާބުގައި ބަލިން ރަނގަޅުވެފައެވެ.