ޒަމާނާއި އެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި އެކު، އަހަރެމެންގެ ތެރޭގައި ބަރުދަން އިތުރުވުމާއި، ގައިންގަޔަށް ނާރާ ބަލިތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހަމަ އެއާއެކު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވެ، އެކި ކަހަލަ މަސައްކަތްތައް ކުރާ މީހުންވެސް މި ވަނީ އިތުރު ވެފައެވެ. ހާއްސަކޮށް ބަރުދަން ލުއިކޮށް، ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ތަފާތު އެކި ކަހަލަ މަސައްކަތްތައް ކުރާ ތަން މިއަދު ފެނެއެވެ.

އެގޮތުން ބައެއް މީހުން ކޮފީ އަށް ލުނބޯ ހުތް ފެލައިގެން ބޯތަން ފެނެއެވެ. ބައެއް މީހުން އެއްގޮތަކަށްވެސް ފޮނި އެއްޗެއް ނުކައި އުޅެއެވެ. ބައެއް މީހުން ފެޓް ގިނަ އެއްޗެއްސާއި ދުރުވެގެން އުޅޭ އިރު، އަނެއްބައިމީހުން މި އުޅެނީ "ކީޓޯ ޑައިޓް" އެއް ގައޭ ބުނެ، ކަނީ ހުސް ފެޓް ހުންނަ އެއްޗެއްސެވެ. ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ޑައިޓް ކުރުމުގެ ގޮތުން ތަފާތު އެއްޗެހި ކައި ބޮއެ އުޅޭ މީހުން ފެނެއެވެ.

މިހާރު ޒުވާނުންގެ ތެރޭގައި އާންމުވެފައިވާ އެއް ކަމަކީ އިންޓަމިޓެންޓް ފާސްޓިންއެވެ. މިއީ ކާ އެއްޗެއްސަށް ވުރެ، ކާ ވަގުތުތަކުގެ މައްޗަށް ބިނާވެގެންވާ ވައްޓަފާޅިއެކެވެ. އެގޮތުން އިންޓަމިންޓެންޓް ފާސްޓިން އަކީ އެންމެ ފަހުން ކޭ ކެއުމާއި، ދެން ކާ ކެއުމާއި ދޭތެރޭގައި ވަރަށް ގިނަ ވަގުތު ނުކައި ހުރުމެވެ. އަދި އެއަށްފަހު ދުވާލަކު މަދު ގަޑިއިރުތަކެއްގައި ކެއުމެވެ. އާއެކެވެ. ތި ހީކުރީ ރަނގަޅަށެވެ. އަހަރެމެން މި ހިފާ ރޯދައަކީވެސް ހަމަ ވައްތަރެއްގެ އިންޓަމިޓެންޓް ފާސްޓިން އެކެވެ.

އެންމެ ގިނަ މީހުން އިންޓަމިޓެންޓް ފާސްޓިންގައި ގެންގުޅޭ އުސޫލަކީ 16:8 ގެ އުސޫލެވެ. މާނައަކީ 16 ގަޑިއިރު ނުކައި ހުރުމަށްފަހު، 8 ގަޑިއިރު ތެރޭގައި ކެއުމެވެ. ބައެއް މީހުން 18 ގަޑިއިރު ނުކައި ހުރެފައި ބާކީ 6 ގަޑިއިރު ތެރޭގައި ކައި އުޅެއެވެ. އަދި ބައެއް މީހުން 20:8 ގެ އުސޫލުވެސް ގެންގުޅެއެވެ. ދެން ތިބޭ މީހުން އެއް ދުވަހު އާދައިގެ ވަރަށް ކައިފައި، އަނެއް ދުވަހު ނުކައި، ނުވަތަ ވަރަށް ކުޑަކޮށް ކައިގެން ތިބެއެެވެ. އަދި ބައެއް މީހުން ހަފްތާއަކު ދެ ދުވަހު، އެއް ފަހަރު ކައިފައި ދެން ހުރި ދުވަސްތަކުގައި އާދައިގެ މަތިން ކައެވެ. މިގޮތަށް އިންޓަމިޓެންޓް ފާސްޓިންގައި އެކި މީހުން އެކި އުސޫލުތައް ގެންގުޅެއެވެ.

އިންޓަމިޓެންޓް ފާސްޓިންގައި ގިނަ ގަޑިއރުތަކެއް ނުކައި ހުރޭ ---

ރޭގަނޑު ކެއުމާއި ދުރުވުމަކީ ސިއްހަތަށް ފައިދާ ހުރި ކަމެއްކަން އަބަދުވެސް އަހަރެމެންނަށް އެނގޭ ނޫން ހެއްޔެވެ؟ އަހަރެމެން އިންސާނުންގެ ހަށިގަނޑުގައި ބައިލޮޖިކަލް ގަޑިއެއް އިނދެއެވެ. މިއަށް މިކިޔަނީ ސާކޭޑިއަން ރިދަމްއެވެ. މި ގަޑި ބުނާގޮތުގައި ދުވާލަކީ ކާ ގަޑިއެވެ. އަދި ރޭގަނޑަކީ ނިދާ ގަޑިއެވެ. ހަށިގަނޑުެ މަސައްކަތްތައްވެސް ހުންނަނީ މި ގަޑިއާއި އެއްގޮތަށް ބައްޓަންވެފައެވެ. އެހެންކަމުން އިންޓަމިޓެންޓް ފާސްޓިން ހަދާއިރުވެސް އެންމެ ލަހުން ކާ ކެއުން ވީހާވެސް އަވަސްކޮށް، ރޭގަނޑު ފާސްޓް ކުރުން ބުއްދިވެރިވާނެއެވެ. އަދި ފައިދާވެސް ބޮޑުވާނެއެވެ.

މިސާލަކަށް އެންމެ ލަހުން ކާ ކެއުން އިރުއޮއްސި 6 ނުވަތަ 7 ޖަހާއިރު ކެއުމަށްފަހު، ދެން އެރޭ ނުކައި ހުންނާނީއެވެ. އެއަށްފަހު އަނެއް ދުވަހު ހެނދުނު 9 ނުވަތަ 10 ޖަހާ އިރު ހެނދުނުގެ ސައި ބުޔަސް އެ އޮތީ 15 ނުވަތަ 16 ގަޑިއިރު ފާސްޓް ކުރެވިފައެވެ.

ކާނީ ކޯއްޗެއް؟

ބައެއް މީހުންގެ ހިތުގައި މިހާރު އުފެދިފައި އޮތް ސުވާލަކަށް ޖަވާބު ދޭނަމެވެ. ރޯދަމަހުވެސް ހަމަ މި ކުރަނީ ތިޔަބުނާ އިންޓަމިޓެންޓް ފާސްޓިން އެއް ނޫން ހެއްޔެވެ؟ އެކަމަކު ރޯދަމަހު ބަރުދަން އެންމެ ތަންކޮޅެއް ލުޔެއް ނުވެއެވެ.

އިންޓަމިޓެންޓް ފާސްޓިން ކުރިޔަސް، އަދި ނުކުރިޔަސް، އަބަދުވެސް ކާން ޖެހޭނީ ދުޅަހެޔޮ، ސިއްހަތަށް ފައިދާހުރި ކާނާއެވެ. އަދި ކާން ވާނީ ވަކި މިންވަރަކަށެވެ. ރޯދަ މަހު އަހަރެމެން ދިވެހިންގެ ތެރޭގައި ކާންބޯން ގެންގުޅޭ އުސޫލުތަކުން، އާންމުކޮށް ކައި އުޅެވެނީ ސިއްހަތަށް ވަރަށް ގެއްލުން ހުރި ކާނާއެވެ.

އިންޓަމިޓެންޓު ފާސްޓު ކުރާ އިރު، ނުކައި ހުންނަން ޖެހޭ ވަގުތުގައި ހަމަ ހުންނަން ޖެހޭނީ ނުކައެވެ. ނަމަވެސް އެވަގުތު އެމީހަކު ބޭނުންވަރަކަށް ފެން ބޮއެވޭނެއެވެ. އަދި ބޯންވެސް ޖެހޭނެއެވެ. އެވަގުތުގައި ކެލަރީ ހުންނަ އެއްވެސް އެއްޗެއް، ނުވަތަ ކެލަރީ ނެތަސް އާޓިފިޝަލް ސްވީޓްނާ ހިމެނޭ އެއްވެސް އެއްޗެއް ބޭނުމެއް ނުކުރެވޭނެއެވެ. އެހެންކަމުން ދެން އިތުރަށް ބޭނުން ކުރެވޭނެ ހަމަ އެކަނި އެއްޗެއްސަކީ ކަޅު ކޮފީ އާ ސައެވެ. ނަމަވެސް ހަކުރާއި ކިރު ނާޅައެވެ.

ދެން ކާ ވަގުތު ތަކުގައި ކޮންމެހެން ގުނައިގެން އެއް ފަހަރު ނުވަތަ ދެ ފަހަރު ކާކަށް ނުޖެއެވެ. ނުވަތަ ކެލޮރީ ގުނާކަށް ނުޖެހެއެވެ. ޒުވާނުންގެ މެދުގައި މި ޑައެޓް އެހާ މަގުބޫލު އެއް ސަބަބަކީވެސް އެއެވެ. އެމީހަކު އާދައިގެ މަތިން ކައި އުޅޭ ގޮތަށް ކެއުމުން ރަނގަޅުވާނެއެވެ.

ނަމަވެސް ކުރިންވެސް ދެންނެވުނު ފަދައިން ދުޅަހެޔޮ ކާނާ ކެއުމަށް އިސްކަން ދޭށެވެ. ކެއުމުގައި ހޯލް ގްރެއިން އާއި މޭވާ އާއި ތަރުކާރީ އާއި މަހުގެ ބާވަތްތަކުގެ އިތުރުން ދުޅަހެޔޮ ފެޓްގެ ބާވަތްތައް ހިމަނާށެވެ. ހަކުރު ބޭނުން ކުރުން މަދުކުރާށެވެ. އަދި ނުކައި ހުންނަ ވަގުތުގައިވެސް ރަނގަޅަށް ފެންބޯށެވެ.

ބައެއް މީހުންނަށް ވާ ގޮތަކީ ބަނޑުހައި ވެފައި ހުރުމުން ތަނެއް ދޮރެއް ނުބަލާ ކެވެނީއެވެ. ނަމަވެސް އެއީ މާ ރަނގަޅު ގޮތެއް ނޫނެވެ. ކުއްލިއަކަށް ގިނައިރު ނުކައި ހުންނަން ފެށުމުން ބަނޑުހައިވެސް ވާނެއެވެ. ނަމަވެސް 2019 ވަނަ އަހަރު، ކުރު މުއްދަތަކަށް ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ފާސްޓިން ފަށާތާ ދުވަސްކޮޅެއް ވުމުން، އެކަމަށް ހަށިގަނޑު އާދަވެ، ނުކައި ހުންނަ ވަގުތުވެސް ބަނޑުހައިވާ ވަރު ކުޑަވެއެވެ.

އަބަދުވެސް ކާންވާނީ ދުޅަހެޔޮ، ސިއްހަތަށް ފައިދާހުރި ކާނާ ---

ދެން އޮތް ސުވާލަކީ އިންޓަމިޓެންޓް ފާސްޓިން އިން އެއްވެސް ފައިދާއެއް ލިބޭތޯ ކުރެވޭ ސުވާލެވެ. އިންޓަމިޓެންޓް ފާސްޓިން އާއި ގުޅިގެން އިންސާނުންގެ މައްޗަށް އެހާ ގިނަ ދިރާސާތަކެއް ކުރެވިފައެއް ނުވެއެވެ. ނަމަވެސް ޖަނަވާރު ބޭނުންކޮގެން ހެދިފައިވާ ދިރާސާތަކާއި، އަދި އިންސާނުންގެ މައްސަށް ހެދިފައިވާ މަދު ޓްރަޔަލް ތަކުން ދައްކާ ގޮތުގައި، ކެއުމުގެ ވައްޓަފާޅި މިގޮތަށް ބަދަލުކުރުމުން ހަށިގަނޑަށް ފައިދާތަކެއްވެސް ލިބެއެވެ.

ބަރުދަން ލުއިވުން

ބަރުދަން ލުއިކުރަން އިންޓަމިޓެންޓް ފާސްޓިންގް ބޭނުން ކުރުމާއި ބައެއް ޑައިޓިޝަނުން ދެކޮޅު ހަދައެވެ.

ނަމަވެސް މިކަމާއި ގުޅިގެން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، އިންޓަމިޓެންޓް ފާސްޓިން އިން ބަރުދަން ލުއިވެއެވެ. ދުވާލަކު ކަނީ މަދު ފަހަރަށް ވާއިރު، ދުޅަހެޔޮކޮށް ކަނީ ނަމަ، ހަށިގަނޑަށް އެތެރެވާ ކެލަރީ މަދުވާނެ ކަން ޔަގީނެވެ. އަދި ހަމަ އެއާއެކު ގިނަ ގަޑިއިރުތަކެއް އެއްޗެއް ނުކައި ހުންނަން ޖެހޭތީ، އާންމުކޮށް ކައިއުޅޭ ޕެކްޓު ކުރި ކާނާ ފަދަ އެއްޗެއްސާއިވެސް ދުރުވެވެއެވެ. ހަށިގަނޑުން އަންދާ ކެލޮރީ އަށް ވުރެ އެތެރެވާ ކެލޮރީ މަދުނަމަ އިންޓަމިޓެންޓު ފާސްޓް ނުކުރިޔަސް ބަރުދަން ލުއިވާނެއެވެ.

އިންސާނާގެ ހަށިގަނޑު ހަކަތަ އުފައްދަން މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ހަކުރެވެ. ނުވަތަ ގުލުކޯޒްއެވެ. އެއީ ހަމައެކަނި ކެއުމުގައި މި ބޭނުންކުރާ މޭޒުމަތީ ހަކުރު އެކަންޏެއް ނޫނެވެ. ކާބޯހައިޑްރޭޓްސް ވެސް ހަށިގަނޑުގައި ހަކުރަށް ބަދަލުވާނެއެވެ. ހަކަތަ އުފެއްދުމަށްފަހު ބާކީ ވާ ހަކުރުގެ ބަޔާއި، ހަށިގަނޑުން އެބްޒޯބް ކުރާ ފެޓް، ހަށިގަނޑުގެ ސެލްތަކުގައި ފެޓްގެ ގޮތުގައި ރައްކާ ކުރެވެއެވެ. އަދި ނުކައި ހުންނަ ވަގުތުތަކުގައި ހަކުރުގެ ބަދަލުގައި ސެލްތަކުގައި ހުންނަ ފެޓް ބޭނުން ކުރެއެވެ.

އެއްވެސް އެއްޗެއް ނުކައި ގިނަ އިރު ހުންނަ ވަގުތުތަކުގައި ހަށިގަނޑުގެ އިންސުލިން ލެވެލް ދަށްވެއެވެ. އަދި އެއަށްފަހު ސެލްތަކުގައި ހުންނަ ފެޓް، ހަށިގަނޑުން ބޭނުން ކުރަން ފަށައެވެ. އެހެން ކަމުން ހަށިގަނޑުން ހަކަތަ ހޯދުމަށް ފެޓް އަންދަން ފަށައެވެ. އެހެން ކަމާއެކުވެސް މިގޮތަށް ފާސްޓުކުރުމުން ބަރުދަން ލުއިވުމަށް މަގުފަހިވެއެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކެލަރީ މަދު ޑައިޓަކުންނާއި އިންޓަމިޓެންޓް ފާސްޓިންއިންވެސް ބަރުދަނަށް ކުރަނީ ހަމަ އެއް އަސަރެކެވެ.

ހަކުރުބައްޔާއި ކޮލެސްޓްރޯލް މައްޗަށް ދިއުން ފަދަ ކަންކަމުން ރައްކާތެރިވުން

އިންޓަމިޓެންޓް ފާސްޓިން އިން ހަކުރު ބައްޔަށް ހިރާސްބޮޑު މީހުންގެ، ހިރާސް ކުޑަކޮށްދީ، ހަކުރު ބަލިން ރައްކާތެރިވުމަށް އެހީވެދޭ ކަމަށް، މިހާތަނަށް ކުރެވިފައިވާ ބައެއް ދިރާސާތަކުގެ އަލީގައި ސިއްހީ ފަރާތްތަކުން ލަފާކުރައްވައެވެ.

މިކަންވަނީ ބަރުދަން ލުއކުރުމުގެ ތެރެއިން ކަމަށްވުން އެކަށީގެންވެއެވެ. ފަލަވެ ބަރުވުމަކީ، ހަކުރު ބައްޔަށާއި، ކޮލެސްޓްރޯލް މައްޗަށް ދިއުންފަދަ ކަންކަމަށް މަގުފަހިވާ ކަމެކެވެ. ބަރުދަން ލުއިވުމަކީ ހަށިގަނޑުގައި ހަކުރާއި ފެޓްގެ މެޓަބޮލިޒަމް ރަނގަޅު ކޮށްދޭ ކަމެކެވެ.

ބަރުދަން އިތުރުވުމަކީ ވަރަށް ގިނަ ބަލިތަކަށް މަގުފަހިވާ ކަމެއް ---

ކުރިންވެސް ދެންނެވުނު ފަދައިން އިންޓަމިޓެންޓް ފާސްޓިންއާއި ގުޅިގެން އިންސާނުންގެ މައްޗަށް ހެދިފައިވަނީ ވަރަށް މަދު ދިރާސާއެކެވެ. އެގޮތުން ހެދިފައިވާ ކުރު މުއްދަތުގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އިންޓަމިޓެންޓް ފާސްޓިންގް ހުއްޓާލުމުން، ނުކައި ހުންނަ ގަޑީގައި ލޭގައި ހުންނަ ހަކުރުގެ މިންވަރަށް ބަދަލު ނައި ނަމަވެސް، އިންސުލިންގެ މިންވަރާއި އިންސުލިން ސެންސިޓިވިޓީ ރަނގަޅު ކޮށްދެއެވެ. އަދި ކޮލެސްޓްރޯލް އާއި ފެޓްގެ މެޓަބޮލިޒަމްވެސް ރަނގަޅު ކޮށްދެއެވެ.

މުސްކުޅިވާވަރު ލަސްކޮށްދޭ

އޮޓޯފެޖީ އަކީ އަކީ ހަށިގަނޑުގައި ހުންނަ ސެލްތަކުގައި ހުންނަބައިތައް ރީސައިކަލް ކުރަން ފަށާ ޕްރޮސެސްއެވެ. އޭގެ ތެރޭގައި ސެލްގައި ޑީއެންއޭ ރައްކާ ކޮށްފައި ހުންނަ ނިއުކްލިއަސް އާއި، ހަކަތަ އުފައްދާ މައިޓޯކޮންޑްރިއާ އާއި، ސެލްތަކުގައި ހުންނަ ބޭކާރު މާއްދާތައް ބޭރުކުރާ ލައިޒޮޒޯމްތައް ހިމެނެއެވެ. އެހެން ކަމުން މި ޕްރޮސެސްގެ ތެރެއިން ބޭނުންނެތް ނުވަތަ މަސައްކަތް ނުކުރާ ބައިތައް ނައްތާލާ، އާ ބައިތައް އުފައްދަން ފަށައެވެ.

ޖަނަވާރުންގެ މައްޗަށް ކުރެވިފައި ހުރި ދިރާސާތަކުން ދައްކާ ގޮތުގައި އޮޓޯފެޖީ އިން އުމުރު ދިގު ކޮށްދެއެވެ. އިންސާނުންގެ މައްޗަށް ކުރެވިފައި ހުރި ދިރާސާތަކުން މިކަން އަދޮ ސާބިތުކުރެވިފައި ނެތްނަމަވެސް، ފާހަގަކޮށްލަން ޖެހޭ ކަމަކީ މިކަމާއި ގުޅިގެން ދިގު މުއްދަތެއްގެ ދިރާސާއެއް އިންސާނުންގެ މައްޗަށް ކުރެވިފައި ނުވާކަމެވެ.

ނަމަވެސް އެހެން ޖަނަވާރުތަކުގެ ދިރާސާތަކުން ދައްކާ ގޮތުގައި، އޮޓޯފެޖީ އިން ދިފާއީ ނިޒާމަށްވެސް ރަނގަޅު ބަދަލުތަކެއް އާދެއެވެ.

އޮޓޯފެޖީއަކީ ގިނަމީހުންގެ ނިދީގައި ހިނގާ ކަމަކަށް ވާއިރު، ކަސްރަތުކުރުމުންނާއި، ނުކައި ހުރުމުންވެސް މި ޕްރޮސެސް ހިނގައެވެ.

ގިނައިރު ނުކައި ހުންނަ އިރު ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށްޓަކައި، ހަށިގަނޑުން ކީޓޯސިސް ކިޔާ ޕްރޮސެސް އަކުން ކީޓޯން ކިޔާ މާއްދާއެއް އުފައްދަން ފަށައެވެ. ކީޓޯސިސް ފެށޭ ހިސާބުން އޮޓޯފެޖީއަށްވެސް މަގު ފަހިވެއެވެ.

އެހެނިހެން ބަލިތަކުން ރައްކާތެރިކަން ލިބިދޭ

މީގެ އިތުރުންވެސް ހަށިގަނޑުގެ ސެލްތަކުގެ އޮކްސިޑޭޓިވް ސްޓްރެސްވެސް ކެލޮރީ މަދު، އިންޓަމިޓެންޓް ފާސްޓިންގެ އުސޫލަކުން ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. އޮކްސިޑޭޓިވް ސްޓްރެސް އަކީ ސެލްތަކަށް ގެއްލުންދޭ އޮކްސިޑޭޓިވް މާއްދާތަކާއި، އެއިން ދިފާއުކުރާ އެންޓިއެކްސިޑެންޓްސް އުފައްދާ މިންވަރު ބެލެންސް ނުވުމެވެ. ގެއްލުންދޭ ފްރީ ރެޑިކަލްސް އުފެދުން މަދުވެ، އެންޓިއޮކްސިޑެންޓްސް ގިނަވުމުން، އޮކްސިޑޭޓިވް ސްޓްރެސް ދަށްވެ، ހަށިގަނޑުގެ އިންފްލެމޭޝަން ދަށްކޮށްދެއެވެ.

އެއާއެކު އިންފްލެމޭޝަން އާއި ގުޅިފައިވާ އެކި ބަލިތަކުންވެސް ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބިގެންދެއެވެ. އޭގެ ތެރޭގައި ނޭވާ ހިއްލުމާއި، އާތްރައިޓްސް އާއި ސިކުނޑިއާއި ނާރުގެ ބައެއް ބަލިތައްވެސް ހިމެނެއެވެ.

އާތްރައިޓްސް ހުރި މީހެއްގެ އަތުގެ ހުޅުަތައް ދުޅަވެފައި ---

ހުރިހާ އެންމެންނަށް ކުރެވޭނެތަ؟

އާންމު ގޮތެއްގައި އިންޓަމިޓެންޓް ފާސްޓިން އަކީ ރައްކާތެރި ކަމަކަށް ވީ ނަމަވެސް، ބައެއް މީހުން މިކަން ކުރުމުގެ ކުރުން އެހާ ބުއްދިވެރިއެއް ނޫނެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި، ހުންނަންވާ ވަރަށްވުރެ ބަރުދަން މާ ލުއި މީހުންނާއި، މާބަނޑު މީހުންނާއި، ގާތުންދޭ މައިންނާއި، ހަކުރު ބަލި ހުންނަ މީހުންނާއި، އީޓިން ޑިސްއޯޑާސް ހުންނަ މީހުނާއި، ކިޑްނީ ހިލަ ހުންނަ މީހުން ހިމެނެއެވެ. މި މީހުންގެ އިތުރުންވެސް، އިތުރު ބައްޔެއް ހުންނަ މީހަކު ނަމަ، އިންޓަމިޓެންޓް ފާސްޓް ކުރަންވާނީ ސިއްހީ އެހީތެރިޔެއްގެ ލަފާ ހޯދުމަށް ފަހުގައެވެ.

އުނދަގުލެއް ވެދާނެތަ؟

އިންޓަމިޓެންޓް ފާސްޓިން އިން އެކި މީހުންނަށް ކުރާނީ އެކި އަސަރުކަން ހަނދާނުގައި ބަހައްޓަންވާނެ އެވެ. ކުއްލިއަކަށް ގިނަ އިރު ނުކައި ހުންނަން ވުމުން ބައެއް މީހުންނަށް އުނދަގޫތަކެއް އިހުސާސް ކުރެވުން އެކަށީގެންވެއެވެ. ބޮލަށް އެނބުރުން އަރާ، ހޮޑުލަވާ ވަރުބަލިވުމަކީ ވެދާނެ ގޮތެކެވެ. އަދި ބައެއް މީހުންނަށް ނިދަންވެސް އުނދަގޫ ވެއެވެ. ގިނަ ފަހަރަށް، ދުވަސްކޮޅަކުން މިކަމަށް ފަރިތަވެ، މި އަލާމާތްތައް ފިލާނެއެވެ. ބައެއް މީހުންނަށް އިންޓަމިޓެންޓް ފާސްޓިން އާއި އެކު އެންޒައިޓީ އިތުރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ބައެއް މީހުންނަކީ އާންމުކޮށްވެސް ރޭގަނޑު ނުކާ މީހުންނެވެ. ނުވަތަ ހެނދުނުގެ ނާސްތާ ނުކާން އާދަވެފައި ތިބޭ މީހުނެވެ. އެމީހުންނަށް އިންޓަމިޓެންޓް ފާސްޓިން މާ އުނދަގުލެއް ނުވާނެއެވެ. ނަމަވެސް ބައެއް މީހުންނަށް ދުވާލުގެ ހުރިހާ ވަގުތެއްގެ ކެއުންވެސް މުހިންމު ވެއެވެ. އެހެންކަމުން އެމީހަކަށް ނުވާ ވަރަކުން މިފަދަ ކަންކަން ކުރަން އުޅުން ބުއްދިވެރިއެއް ނޫނެވެ. ރަހުމަތްތެރިޔާ ކުރަނީ އޭ ކިޔާފައި ކޮންމެހެން ތިމާ އެކަން ކުރާކަށް ނުޖެހެއެވެ. ދުޅަހެޔޮ ކާނާ ކައި، ކަސްރަތުކޮށް، ދިރިއުޅުމުގައި ދުޅަހެޔޮ އާދަތައް ގެންގުޅުނީމާ އެ ނިމުނީއެވެ.

ކޮންމެއަކަސް އިންޓަމިޓެންޓް ފާސްޓިން އިން އިންސާނުންނަށް ކުރާ އަސަރުތަކުގެ އެންމެ ފުރިހަމަ މައުލޫމާތު އެނގޭނީ އެކަމަށް އެކަށީގެންވާ ދިގު މުއްދަތެއްގެ ދިރާސާތަކެއް ކުރެވިގެންނެވެ.