ވަރުބަލިކަން އިހުސާސްވާ ކޮންމެ ފަހަރަކު އަހަރުމެންގެ ތެރެއިން ގިނަ މީހުން އިހުތިޔާރު ކުރަނީ ކޮފީއެއް ބުއިމެވެ. ކޮފީ ބޯ ފަހަރުތަކުގައި ވަރު ޖެހޭކަން ބައެއް ފަހަރު އިހުސާސް ކުރެވުނު ނަމަވެސް އެއީ މާ ގިނަ އިރަށް ދެމިގެންދާ ކަމެއް ނޫނެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި އަނެއްކާ ވެސް ވަރުބަލިކަން އިހުސާސް ކުރެވެން ފަށާނެއެވެ.

ކޮފީގެ ބަދަލުގައި ހަށިގަނޑަށް ފައިދާ ހުރި، ވަރު ޖެހޭ ކަހަލަ ބުއިން ބުއިމަކީ މީހާގެ މަސައްކަތުގެ ރޭޓު ވެސް ރަނގަޅުކޮށްދޭ ކަމެކެވެ. އެހެން ކަމުން މީހާގެ ގައިގައި ވަރުޖައްސަން ބޯލަން ޖެހޭ ބުއިމަކީ:

ދޮންކެޔޮ މިލްކް ޝޭކް/ސްމޫތީ

ދޮންކޭލަކީ ޕޮޓޭސިއަމް އާއި މެގްނީޒިއަމް އެކުލެވިގެންވާ ބާވަތެކެވެ. މީގެ އިތުރުން ފައިބަރު ގިނަކަމުން ލޭގައި ހަކުރު ހުންނަ މިންވަރު ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. ހެނދުނު ދޮންކެޔޮ ކެއުމުން ރަނގަޅު އަދަދަކަށް ކާބްސް އާއި ނިއުޓްރިއެންޓްސް ހަށިގަނޑުގައި ގިނަ ކޮށްދެއެވެ.

ޔޯގަޓް، ކިރު، އާމަންޑް އަދި އެހެނިހެން މޭވާ/ތަރުކާރީއާ ވެސް އެއްކޮށްލެވިދާނެ ދޮންކޭލަކީ ހަޖަމުކުރުމުގެ ނިޒާމަށް ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. އެހެންކަމުން ދޮންކެޔޮ ކެއުމަކީ ގޮހޮރުގެ އާންމު މައްސަލަތަކުން ދުރުކޮށްދޭނެ އެއްޗެކެވެ.

ހާބަލް ޓީ

ފިހާރަތަކުން މިއަދު ގިނަ އަދަދެއްގެ ހާބަލް ޓީ އޮޕްޝަންތައް ލިބެން އެބަހުއްޓެވެ. އެކަމަކު ގޭގައި ހާބަލް ޓީއެއް ތައްޔާރު ކުރުމުން ފިހާރަތަކުގައި ހަދާފައިވާ ތަކެއްޗަށްވުރެ ހަށިގަނޑަށް ފައިދާ ހުރި ގޮތެއްގައި އެކަން ކުރެވޭނެއެވެ. އެއީ އެއަށް އަޅާފައި ހުންނަ ތަކެތި އަމިއްލައަށް ކޮންޓްރޯލް ކުރެވޭތީއެވެ.

ހާބަލް ޓީ ބިއުމަށް އެންމެ ފަސޭހަ ގޮތަކީ ގްރީން ޓީ ތައްޔާރުކޮށް އިނގުރު އަދި ފޮނިތޮށި އަދި ރީނދޫ އަޅައިގެންނެވެ. މިތަކެއްޗަކީ މިއީ ލޭ ދައުރުކޮށްދިނުން ފަސޭހަކޮށްދިނުމުގެ އިތުރުން ހަކަތައިގެ މިންވަރު ވެސް އިތުރު ކޮށްދޭ އެއްޗެކެވެ.

ހެނދުނު ނުވަތަ ނިދުމުގެ ކުރިން ހިތްގައިމު ބުއިމެއްގެ ގޮތުގައި މި ޓީ ގެ އުފަލުގައި އުޅެވިދާނެއެވެ. މިއީ ކުރު މުއްދަތާއި ދިގު މުއްދަތުގައި ވަރުބަލިކަން ނައްތާލުމަށް އެހީތެރިވެދޭނެ އެއްޗެކެވެ.

އަންނާރު ޖޫސް

އަންނާރަކީ ވިޓަމިން (ސީ، ކޭ އަދި އީ) އަދި މިނަރަލްސް (މެންގަނީޒް، އަޔަން، ފޮސްފަރަސް، ޕޮޓޭސިއަމް އަދި ޒިންކް) އިން މުއްސަނދި ވެފައިވާ މޭވާއެކެވެ. މިއީ ލޭގެ ޕްރެޝަރުގެ އިތުރުން ކޮލެސްޓްރޯލް ދަށްކޮށްދޭ ހަކަތައިގެ މިންވަރު އިތުރުކޮށްދޭ އެއްޗެކެވެ.

އަންނާރު ޖޫހަކީ ލުނބޯ ޖޫސް ކޮޅެއް އަޅައިގެން ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގައި އަޔަން ހިފެހެއްޓުމަށް އެހީތެރިވެދޭ މާއްދާއެއްކަން ފާހަގަކުރެވޭއިރު، މި މިނަރަލް މަދުވުމަކީ އާންމުކޮށް ވަރުބަލިވުމުގެ އިހުސާސްތަކާއި ނުވަތަ އެނީމިއާ ފަދަ ހާލަތްތަކާ ވެސް ގުޅިފައިވާ އެއްޗެކެވެ.

ކަރާ ޖޫސް ޗިއާ ސީޑްސް އާއި އެކީ

ކަރާ ޖޫހަކީ ހަމައެކަނި ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ޖޫހެއް ނޫނެވެ. އެއީ އަޔަން ވެސް ހިމެނޭ ޖޫހެކެވެ. މި ޖޫހަކީ މިއީ ހޫނު މޫސުމުގައި މީހާގެ ހަށިގަނޑު ފިނިކޮށްލާ، ގައިގައި ވަރު ޖައްސާލަން ހަމަ އެއްވަނައޭ ބުންޏަސް ގޯހަކަށް ނުވާނެއެވެ.

ކަރާ ޖޫސް ބުއިމުގެ ކުރިން އޭގެ ތެރެއަށް ޗިއާ ސީޑް އަޅައިގެން ބުއިމަކީ މީހާގެ ހަށިގަނޑަށް އިތުރު ބާރެއް ލިއްބައިދޭ ކަމެކެވެ. ޗިއާ ސީޑްގައި އޮމެގާ-3 ފެޓީ އެސިޑްސް އާއި ގިނަ އަދަދެއްގެ ނިއުޓްރިއަންޓްސް އެކުލެވިގެންވެއެވެ.