މާލެ އާއި 299.76 ކިލޯ މީޓަރު ދުރުގައިި އޮތް ތިލަދުންމަތީ އުތުރުބުރީ ތަަކަންދޫ އަކީ ނިސްބަތުން ކުޑަ ރަށަކަށް ވީ ނަމަވެސް މި ރަށަކީ ގިނަ އާސާރުތައް އެ ރަށަކުން ފެންނަން ހުރި ބޯދާ ތާރީޚެއް އޮތް ރަށެކެވެ. އަތޮޅުގެ ވެރިކަން ކުރާ ރަށް ދިއްދޫގެ އިރުމަތީ ފަރާތުން 13 ކިލޯމީޓަރު ދުރުގައި އޮންނަ ތަކަންދޫ އަކީ މިހާރު މީހުން ދިރިއުޅޭ ރަށްރަށުގެ ތަރުތީބަށް ބަލާއިރު 13 ވަނައަށް އޮތް ރަށެވެ. ރަށުގެ ދިގު މިނުގައި 1220 މީޓަރު އޮޮތްއިރު ފުޅާ މިނުގައި ހުރީ 460 މީޓަރެވެ.

948 މީހުންގެ އާބާދީއެއް އޮތް ތަކަންދޫގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުން ދަނީ ރަށުން ބޭރުގައެވެ. އެގޮތުން މި ރަށުގެ އާބާދީގެ 80 އިންސައްތަ މީހުން ދިރިއުޅެނީ ރަށުން ބޭރުގައެވެ. އޭގެ ތެރެއިން ވެސް ގިނަ ބަޔަކު ދިރިއުޅެމުން ދަނީ ފުރަ މާލޭގައެވެ. ތަފާތު އެކި ބޭނުންތަކަށް މި ރަށުން ހިޖުރަ ކުރާ މީހުންގެ ނިސްބަތް އިންތިހާ އަށް އިތުރުވުމުގެ ނަތީޖާއަކީ އެރަށުގެ ގިނަ ގެތަކެއް ފަޅުވެ، ވީރާނާވާން ދޫކޮށްލާފައިވުމެވެ.

ހއ. ތަކަންދޫ ކަނާތްފަޅިން

ކުރިންވެސް ފާހަގަކުރި ފަދައިން ރަށުގެ އުސްއައްޔަކީ ހަމަގައިމުވެސް ރަށުގެ ފުން ތާރީޚެވެ. މި ރަށް ތާރީޚީ ގޮތުން އެހާ ބޮޑަށް ޚާއްސަވާ އެއް ސަބަބަކީ ރާއްޖެ ސަލާމަތްކުރުމުގެ ޖިހާދުގައި އިސްނެންގެވި އުތީމު ތިންބެއިންގެ އާއިލާ އަށް ނިސްބަތްވެވަޑައިގަންނަވާ އަލިތަކުރުފާނުގެ ހަށިކޮޅު ފަސްދާނުލެވިފައިވާ ޒިޔާރަތް މި ރަށުގައި ހުރުމުގެ މަތިވެރި ފަޚުރު ލިބިފައި ވުމެވެ. އޭގެ އިތުރުން ހުޅަނގުގައި ޢަލިތަކުރުފާނު އިންދެވިކަމަށް އެރަށު މުސްކުޅިންބުނާ ކާނިގަހެއް މި ރަށުގައި އެބަހުއްޓެވެ. ދިވެހި ގައުމަށްޓަކާ އެންމެ ފުރަތަމަ ޝަހީދުވެވަޑައިގަތް ބަތަލަކީ އަލިތަކުރުފާނު ކަމަށް ވާއިރު މިއަދުވެސް މި ޒިޔާރަތުން އިހުސާސް ކުރުވައިދެނީ ދިވެހި ގައުމުގެ އިސްތިގުލާލާއި ކުޅެލާތަން ބަލަން ދިވެހި ދަރިންނަށް ހަމަހިލާ ކެތް ނުކުރެވޭނެ ކަމެވެ. ދިވެހި ޤައުމަށްޓަކައި މޭ އައްޑަނައަކަށް ދިއްކޮށްލަން ތައްޔާރަށް ތިބުމުގެ ހުއްބުލް ވަތަންގެ ރޫހު އިހުސާސްކޮށްދޭ އެއްތަނަކީ މިއީއެވެ.

މީގެ އިތުރުން މިއީ އުތީމު ޢަލީތަކުރުފާނު ދިރިއުޅުއްވި ރަށްވެސްމެއެވެ. އަދި އެތަކުރުފާނުގެ އަނބިކަނބަލުން ނިސްބަތްވެ ވަޑައިގަންނަވާ ރަށެވެ. ޕޯޗްގީޒުން ގެންގުޅުނު އިންޑިއާގެ މަލާބާރު ސިފައިން (ހޮޅިން) އެތަކުރުފާނު ޝަހީދުކޮށްލީ މިރަށުގައި އުޅުއްވަނިކޮށް ކަމަށް ވާއިރު ހޮޅިން ވަނީ އެ ތަކުރުފާނުގެ އިސްތަށިފުޅާއި ހަށިގަނޑު ވަކި ކުރުމަށް ފަހުގައި މާލެގައި އޭރު ގާއިމުވެގެން ތިބި ޕޯޗުގީޒުންގެ ވެރިޔާ އަށް ތަކުރުފާނުގެ އިސްތަށިފުޅު ވެދުމަށް އަރުވާފައެވެ. ނަމަވެސް، ދިވެހިންގެ ތެރެއިން ބަޔަކު ވަނީ ސިއްރިއްޔާތުގައި އަލި ތަކުރުފާނުގެ އިސްތަށިފުޅު ނަގައިގެން މާލެ އަތޮޅު ފުނަދޫގައި ފަސްދާނުލާފައެވެ. އަދިވެސް އެބޭފުޅާގެ ހަށިގަނޑު ފަސްދާނުލެވިފައި އޮތީ ތަކަންދޫގައި ކަމުގައިވާއިރު އިސްތަށިފުޅު އޮންނެވީ ފުނަދޫގައިކަން ފާހަގަކޮށްލެވެއެވެ. މިކަން ހިނގާފައިވަނީ ހިޖުރީ ސަނަތުން 980 ވަނަ އަހަރު ކަމާއި މިއީ މީލާދީ ސަނަތުން 1572 ވަނަ އަހަރުކަން ތާރީޚީ ފަތްފުތްތަކުން އެނގެން އެބައް ހުއްޓެވެ.

އަލިތަކުރުފާނުގެ ޒިޔާރަތް، ހއ.ތަކަންދޫ | ވަގުތު އިމޭޖަސް : އިބްރާހިމް ޝާބިލް
ހއ. ތަކަންދޫ ކުޑަމިސްކިތުގެ ގޯތިތެރޭގައިވާ ޤަބުރުސްތާނަކީ ވެސް ރާއްޖޭގެ ގަދީމީ ތާރީޚުން ސޮފުހާއެކެވެ. މިރަށުގައި ހުންނަ ތަކަންދޫ ކުޑަމިސްކިތުގެ ހަރިންމަ ތެރޭގައި ޚާއްސަ 4 މަހާނަގަލެއް ފެންނާން އެބަހުއްޓެވެ. އަދި އެހެން ގަބުރުސްތާނުތަކާއި ޙިލާފަށް މިގައުތަކުގެ ވަށައިގެން ރާނާފައި ހުރެއެވެ. މިއީ މައުލޫދު ހަރުގޭގައި ފޮތިދެމި މީހުންގެ މަހާނަކަމަށް ރަަށު މީހުން ބުނެއުޅެއެވެ. މިގައުތަކުގެ ތެރޭގައި ޙާފިޒުންގެ މަހާނަގައުވެސް ހުރިކަމަށް ވެއެވެ.

މީގެ އަހަރުތަކެއް ކުރިން ތަކަންދޫ ރައްޔިތުންނަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ލުނބޯ ހައްދައި، އަތޮޅުގެ އެހެން ރަށްތަކާއި މާލެ އަށް ވިއްކައި އުޅުނު ބައެކެވެ. މިއާއިއެކު އަތޮޅުގެ އެހެން ރަށްތަކުގެ މީހުން ވަނީ ”ލުނބޯ“ މި ނަން ތަކަންދޫ އަށް ވަނަމެއްގެ ގޮތުގައި ދީފައެވެ. އެހެންކަމުން އަތޮޅުގެ ރަށްތަކުގެ މީހުން މިރަށު މީހުންނަށް ”ލުނބޯ“ އޭ ކިޔާފައި ގޮވާލުމަކީ ސިހުން ގެނުވާނެ ކަމަކަށް ނުވާނެއެވެ. ތަކަންދޫގައި ލުނބޯ ހެއްދުން ނިމުމަކަށް އައީ ރަށުގެ ލުނބޯ ގަސްތަކަށް ނުބައި ބޭހެއް ބޭނުން ކުރެވު، ގަސްތައް މަރުވުމާއި ގުޅިގެން ކަމަށް ތަކަންދޫގެ ހަރު އުމުރުގެ މީހުން މައުލޫމާތު ދެއެވެ.


މި ރަށަށް ހާއްސަ ކުޅިވަރެެއް ކަމުގައިވާ ”ކުޑަ ސުއާ އަދި ބޮޑު ސުއާ“ އަކީ ޒަމާނުންސުރެ ކޮންމެ އީދެއްގައިވެސް ކުޑަބޮޑު، އަންހެން-ފިރިހެން ބައިވެރިވެގެން ކުޅޭ ފޯރިގަދަ ކުޅިވަރެކެވެ. މި ރަށުގެ ޚާއްސަ އަނެއްކަމަކީ މި ރަށުގައި މަސްވެރިކަން ކުރަން ގެންގުޅޭ ރީތި ބޮއްކުރާ ތަކުން ތަރުތީބުވެފައިވާ ބޮއްކުރާ ފަސްގަނޑެވެ. އަލި ތަކުރުފާނުގެ ޒިޔާރަތުގެ ފުރަގަހުގައި، ރަށުގެ ހުޅަނގު ފަރާތު ގޮނޑުދަށް ފުރާލެވިފައި ވަނީ އެތަކެއް ރީތި ބޮއްކުރާ ތަކަކުންނެވެ.
މި ރަށުގެ ރައްޔިތުން އާއްމުކޮށް ކާންބޯން ކުރާ މަސައްކަތަކީ އިމާރާތް ކުރުމުގެ މަސައްކަތްތަކާއި ފަރުމަސްވެރިކަން ކުރުމާއި ރިސޯޓްތަކުގައި ވަޒީފާ އަދާކުރުމެވެ. އަދި ރޯނު ވެށުމާއި ފަންގިވިނުން ފަދަ ކަންކަމަކީ މި ރަށުގައި ޒަމާނުއްސުރެ ކުރާ މަސައްކަތްތަކެވެ. ރަށުގައި ބިން ދޫކޮށްގެން ދަނޑުވެރިކަން ނުކުރި ނަމަވެސް، ރަށުގެ ރައްޔިތުން އަމިއްލަ ގޯތި ތަކުގައި ފަތް ކޭލާއި، އަނބު ފަދަ މޭވާތައް އިންދުމުގެ އިތުރުން މިރުސް ފަދަ ކާންބޯން ބޭނުންކުރާ ތަކެތި މި ރަށުގައިވެސް ހައްދާ އުޅެއެވެ.

ހއ. ތަކަންދޫ ކުޅި | ވަގުުތު އިމޭޖަސް އިބްރާހިމް ޝާބިލް

މި ރަށުން ލިބެން ހުރި ޚިދުމަތްތަކަށް ބަލާނަމަ ރަށުން އަސާސީ ޚިދުމަތްތައް ލިބެން އެބަހުއްޓެވެ. އެގޮތުން މިރަށުގައި 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދޭކަން ފާހަގަކޮށްލެވެއެވެ. ތައުލީމީ ޚިދުމަތަށް ބަލާ ނަމަ ތަކަންދޫގައި ޕްރީސްކޫލަކާއި ޕްރައިމަރީ ސްކޫލެއް ހުރެއެވެ. ޕްރައިމަރީ ސްކޫލްގައި ގްރޭޑް 10 އާހަމައަށް ކިޔަވައި ދެއެވެ. މީގެ އިތުރުން ޑޮކްޓަރަކާއި 2 ނަރުހުންނާއި އެކު ޚިދުމަތް ދެމުން އަންނަ ސިއްހީ މަރުކަޒުގެ ޚިދުމަތް ލިބެނީ 8 ގަޑި އިރުވަންދެންނެވެ. އެހެންނަމަވެސް ކަމެއްދިމާވެއްޖެ ހާލަތުގައި ޚިދުމަތް ދިނުމަށް މި ތަނުގެ މުވައްޒަފުން ތިބެނީ އަބަދުވެސް އޮންކޯލްގައި ނުވަތަ ތައްޔާރީ ހާލަތުގައެވެ.

މި ރަށުގައި މިހާރު ހިނގަމުން ދަނީ ޖުމުުލަ ހަ މަޝްރޫއެކެވެ. އޭގެ ތެރޭގައި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް، ނެރު ފައިކަށި އަޕްގްރޭޑް ކުރުން، ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމެންޓް، އައުޓް ޑޯ ޖިމް ފަދަ ކަންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ތިޔަރަށުގެ މަސްހޫރު އެހެންވާހަކައެއްވެސް އޮވޭ އެއީ ތިޔަރަށު ރައްޔިތުންގެ ފަރާތުން ބަޔަކުފޮނުވައިގެން ދީނީ މަސްހޫރު ސޭހަކު ކައިރީގަ ކުރި ސުވާލެކޭ އެއީ ލުނބޯ ވިއްކައިގެން ލިބޭ ރުފިޔާއިން ޒަކާތް ދޭންޖެހޭނެތޯ ކުރިސުވާލަކީ މަސްހޫރު ވާހަކައެއް

    7
    8
  2. ބޯޖަލީލު

    ތިޔައީ ޓޫ އެލް ވަގުކޮންޓުރަކުސަން ނިސްބަތްވާ ރަށް ދޯ....

    2
    2