(ހއ. ވަށަފަރު) މި ރަށަށް ދިއުމުގެ ކުރިން ރަށާ ގުޅޭ ގިނަ މައުލޫމާތުތަކެއް އެއްކުރީމެވެ. އެ މައުލޫމާތުތަކުން އެނގުނު ގޮތުގައި، ހއ. ވަށަފަރަކީ ތެދުއުއިވަޑާމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެކެވެ. މިރަށު މީހުން އެކަމުން ރަނގަޅު އާންމުދަނީ އެއް ވެސް ހޯދައެވެ. ކުރިން އެހާ ބޮޑު އާންމުދަނީއެއް ހޯދަމުން އައި ނަމަވެސް ފަހަކަށް އައިސް މިރަށުގައި އެ މަސައްކަތް ކުރަމުންދާ މީހުން ވަނީ މަދުވެފައެވެ.

މިރަށުގައި އަމިއްލަ ވަޑާންގެއެއްގައި އެ މަސައްކަތް ކުރަމުން އަންނަ ހަސަން ސޯބިރް 51، ބުނީ މިއީ ކިއްސަރު ވަޑާމާއި މުޅިން ތަފާތު ވަޑާމެއް ކަމަށެވެ. އެގޮތުން މިއީ ވަރަށް ތެދަށް މަށައިގެން ވަޑިފަތި އަޅައިގެން ކުރާ މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ.

ސޯބިރް މި މަސައްކަތުގައި އުޅޭތާ މިހާރު 30 ވަރަކަށް އަހަރު ވެދާނެއެވެ. މިއީ ވަރަށް ބުރަ މަސައްކަތެކެވެ. ވަރަށް ވަގުތު ދާ މަސައްކަތެކެވެ. ވަރަށް ފަށުވި މަސައްކަތެކެވެ.

ހއ. ވަށަފަރުގައި ތެދުއުއިވަޑާމުގެ މަސައްކަތެއް ކުރިއަށްދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ދަސްކުރި ގޮތަކީ އަހަރުމެން އެބަ ޖެހޭ ކޮންމެވެސް ކަމެއް ކުރަން އެގޮތަށް ކުރެވުނު ކަމައް މިއީ، މި މަސައްކަތް ފަށައިގަތީ އުމުރުން 18،20 ހިސާބުގައި،" އާއިލީ މީހުން މި މަސައްކަތުގައި އުޅުނުކަން ފާހަގަކުރަމުން ސޯބިރް ބުންޏެވެ.

އުތުރުގެ ރަށްތަކުގެ ތެރެއިން މިކަމުގައި ވަށަފަރާ ފައިހަމަކޮށްލެވޭނެ އިތުރު ރަށެއް ނެތް ކަން ޔަގީނެވެ. ޔަގީނުންވެސް ތެދުއުއިވަޑާމުގައި މިރަށް ވައްޓާލެވޭނެ އުތުރުގެ ރަށަށް ނޯންނާނެއެވެ. މިއީ މިރަށު މީހުން ފަހުރުވެރިވެލާފައި ބުނާ ވާހަކައެކެވެ.

ވަށަފަރު ގެއެއްގައި ޖަހާފައި ހުރި ކަބަޑު ސެޓެއް. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސޯބިރް މި މަސައްކަތުގައި ހޭދަވި ދުވަސްތަކުގައި އޭނާ ގިނަ ބަޔަކާއެކު މަސައްކަތް ކުރިއެވެ. އޭނާ ބުނާ ގޮތުން ނަމަ ރިސޯޓްތަކުގައި އާއި ބައެއް އެހެން ތަންތަނުގައި އެ މަސައްކަތް ކުރެވުނެވެ. އޭނާގެ ވާހަކަތަކުން އެ މީހުންނަށްވުރެ ވަށަފަރު މީހުން ހަމަ މިކަމަށް ގަދައީއެވެ.

"އެގޮތަށް އަހަރުމެންނަށް ބުނެވިދާނެ މިރަށަކީ ނަމްބަރު ވަންގައި ހިފަހައްޓާލެވޭނެ ރަށެކޭ". ސޯބިރު ކިޔައި ދިނެވެ.

ތެދުއުއިވަޑާމުގައިވެސް އެކި ވައްތަރު ހުރެއެވެ. އޭގެ ތެރެއިން ސޯބިރްކޮށް މި އުޅެނީ ފަރުނީޗަރު މަސައްކަތެވެ. ތެދުއުއިވަޑާމުގައި ގޮނޑި، މޭޒު ދޮރު، ދޮރުފަތް އެއްޗެހި މީހުން ޖަހާ އުޅެއެވެ. ނަމަވެސް ސޯބިރް ބޮޑަށް މަސައްކަތް ބިނާވެފައި އޮންނަނީ ފަރުނީޗަރު މަސައްކަތަށެވެ.

ސޯބިރު "ވަގުތު" އާ ވާހަކަ ދައްކަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ތެދުއުއިވަޑާމުގެ މަސައްކަތްތައްވެސް ޒަމާނީވެ މިހާރު އާއްމުކޮށް މިރަށު ގިނަ މީހުންކޮށް އުޅޭ މަސައްކަތަކީ ފަރުނީޗަރު މަސައްކަތެވެ. ސޯބިރްގެ ވަޑާންގޭގައި އޭނާ މިހާރު އެންމެ ފުޅާކޮށް ކުރަނީ އެ މަސައްކަތެވެ. އެކަމަށް ވަރަށް ވަގުތު ދީގެންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އޭނާގެ ގާތަށް އެކަމުގައި އާދެއެވެ.

ސޯބިރް ބުނީ، އޭނާ ތެދުއުއިވަޑާމުގެ މަސައްކަތް ފެށުމަށްފަހު ކުރަމުން ދިޔައީ ފަރުނީޗަރު ހެދުމުގެ މަސައްކަތް ކަމަށެވެ. އޭރު އޭނާ އެ މަސައްކަތް ފަށައިގަތީ މާލޭގައެވެ. މާލޭގެ ލެކިއުޓް ކުރީމަތީ ހުންނަ މޭވިއާ ގޭގައި އޭނާއާ އިތުރު ބަޔަކު ވެގެން އެތަނުގައި ހުރި ވަޑާން ގެއެއްގައި އެ މަސައްކަތް ކުރަމުން ދިޔައެވެ. އެ މަސައްކަތް ކުރަމުން ގޮސް، މާލޭގެ ގިނަ ތަންތަނަށް ވަޑާމުގެ މަސައްކަތްކޮށްދިނުމުގައި ސޯބިރްގެ ދައުރު ބޮޑެވެ.

ސޯބިރްގެ ގޭތެރެއަށް ބަލާއިރުވެސް ފެނިގެން ދަނީ އޭނާގެ މަސައްކަތެވެ. ފެންޑާ އަށާއި، ބަދިގެ ތެރެއަށް ބެލިޔަސް އެ މަސައްކަތް ފެނިގެން ދެއެވެ. މަސައްކަތްތައް އެހާމެ ފުރިހަމައެވެ. ސޯބިރަކީ ހުނަރު ހުރި މީހެއް ކަން ފާހަގަ ކުރެވުނެވެ.

ވަށަފަރު ގެއެއްގައި ޖަހާފައި ހުރި ކަބަޑު ސެޓެއް. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދާއިރާގައި މިހާރު ތަޖުރިބާ ހުރި މީހަކަށް ސޯބިރްވި އިރު، އޭނާގެ މަސައްކަތްތައް ފެނިފައި ތިބި މިރަށު މީހުންވެސް އަޖައިބު އަންތަރީސްވާވަރު ކުރުވައެވެ. ބުނާ މުއްދަތަކަށް ފަރުނީޗަރު އެއްޗެހި ހަދާ ދެއެވެ. އަދި ބޭނުންވާ ގޮތަށް ވުރެ މޮޅުކޮށް ރީތިކޮށް އެ މަސައްކަތްތައް ފެންނަ ވަރު ކުރުވައެވެ.

"މިސާލަކަށް ފޮޓޯގަނޑެއް ދެއްކީ، އެ ފޮޓޯގަނޑު ދެއްކީމަ އެ ފޮޓޯގަނޑާ އެއްގޮތަށް ކުރަން ބުނާނީ، ދެން ބުނާނެ މަސައްކަތް ކުރާ މީހެއްގެ ހުންނާނެއޭ މޮޅު އައިޑީއާ ދޯ، ދެން ބުނާނެ ރީތިވާނެ ގޮތެއް ހުރިއްޔާ އެގޮތަކަށް ކުރަން. އަދި މަސައްކަތް ނިންމާފައި، ދައްކާއިރު، ބުނާނެ މިގޮތް މާ ފުރިހަމަ ކަމަށް".

ސޯބިރް ބުނީ، އެގޮތަށް ހަދާ ފަރުނީޗަރު އެއްޗެހީގެ ޑިޒައިންތައް މާބޮޑަށް ބަދަލު ނުކުރެވޭ ކަމަށެވެ.

"ވާގޮތަކީ އަހަރުމެން ރާއްޖެތެރޭ މީހުންނަށް ބަލާފައި އެ މީހުންނާއި ގުޅޭގޮތަށް އެއްޗެހި މި ހަދަނީ. އެގޮތަށް މި ހަދަނީ އެނދުގައިވެސް އެއްޗެހި ރައްކާކުރެވޭ ގޮތަށް، ސުނާމީގެ ކުރިން ހެދި ޑިޒައިނެއް އެންމެ ފަހުންވެސް ހަދާފައި މި ބޭރު ކުރީ. އެ ފެންނަ މީހާ ބުނަނީ މިގޮތަށް ހަދަން".

ސޯބިރް ބުނީ، ބެޑްރޫމް ސެޓެއް ފަރުނީޗަރު ފިލާގައި ހަދަން 10 ވަރަކަށް ދުވަސް ވާނެ ކަމަށެވެ. އަދި ލަކުޑި ކީހައިގެން ފްރޭމް ކޮށްގެން އެ މަސައްކަތް ކުރާނަމަ 15 ވަރަކަށް ދުވަސްވެސް ވާނެ ކަމަށް ބުންޏެވެ.

ވަށަފަރު ގެއެއްގައި ހަދާފައި ހުރި އެނދެއް. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސޯބިރް ކުރާ މި މަސައްކަތްތަކުގެ އަގަށް ބަލާއިރު، ތިން ދޮރުފަޅީގެ ސެޓެއްގެ އަގު އުޅެނީ 19،500 ރުފިޔާ އަށެވެ. އެއީ އަމިއްލަ ތަކެތީގައި އެ މަސައްކަތް ކުރާއިރު، އަރާ އަގެވެ. ހަތަރު ދޮރުފަޅި ނަމަ އަގަކީ 22،500 ރުފިޔާއެވެ.

މިއީ ރަނގަޅު އާއްމުދަނީއެއް ލިބޭ މަސައްކަތެއްކަން އޭނާ ފާހަގަކުރެއެވެ.

މިރަށުގައި އެ މަސައްކަތް ކުރަމުން އަންނަ 55 އަހަރުގެ ހަސަން ހުސައިން ބުނީ، އޭނާ އެ މަސައްކަތް ދަސްކުރީ މާލެ އިން ކަމަށެވެ. އޭނާ ބުނިގޮތުގައި، އޭނާ މާލެ އަށް ގޮސް އެ މަސައްކަތް ދަސްކުރުމުގައި އުޅުނުއިރު، ލަކުނޑިގަނޑެއްގެ ކޮޅެއް ތެދަށް ބުރިކޮށްލަންވެސް ނޭނގެއެވެ.

"ދެން މި ވަޑާން ގޭގައި އުޅެމުން އުޅެމުން އައިސް އެތައް ޒަަމާނެއް ވީފަހުން މި އެނގުނީ ކުޑަކޮށް ރޮންދާއިން އެއްޗެއް މަށާލަންވެސް،" ހަސަން ހުސެއިން ބުންޏެވެ.

ވަށަފަރު ގެއެއްގައި ބަހައްޓާފައި ހުރި ކަބަޑެއް. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ އެ މަސައްކަތް ދަސްކޮށް ވަޑާންގެ ދޫކޮށް ދިޔައީ ރިސޯޓްތަކަށް ކޮންޓްރެކްޓަށް މަސައްކަތް ކުރުމަށެވެ. އެގޮތަށް ގްރޫޕް ހަދާލަފައި ގޮސް އަނެއްކާވެސް އޭނާއަށް ވަދެވުނީ ވަޑާމުގެ މަސައްކަތުގެ ތެރެއަށެވެ.

އޭނާ އެ މަސައްކަތް ރަނގަޅަށް ދަސްކޮށް، އަމިއްލައަށް ވެސް މަސައްކަތް ފެށިއެވެ. އެ މަސައްކަތުގެ ތެރެއިން އޭނާގެ ގޭގެ ފަރުނީޗަރާއި، ބަދިގެ ސެޓް ފަދަ އެއްޗެހި ހަދާފައި އެ ހުރީ އޭނާގެ އަމިއްލަ ދެ އަތުންނެވެ. އޭނާ އަމިއްލައަށް އެެކަމަށް ވަގުތު ދީގެންނެވެ.

ސޯބިރް ބުނީ، އެ މަސައްކަތްތައް ދަސް ކުރާ ކޮށްދިން މަސައްކަތުގައި މާބޮޑަށް ޝާމިލްގެ އުޅޭތަން ނުފެންނަ ކަމަށެވެ.

"އެއީ ވަރަށް ހިތާމަވެސް ކުރާ ކަމެއް، އަހަރުމެން މި ކަމުން ދުރުވެއްޖެއްޔާ މިކަމުގައި ދެން މިރަށުގައި އުޅޭނެ ބަޔަކު ނުތިބޭނެ،" އޭނާ ބުންޏެވެ.

މިރަށުގައި މިހާރު އާއްމުކޮށް އުޅޭ މީހުން މި މަސައްކަތް ނުކުރެއެވެ. މިއާއެކު މިކަން މިރަށުން ނެތި ހިނގައިދާނެ ކަމުގެ ބިރުވެރިކަން މިރަށު ބައެއް ރައްޔިތުންގެ އޮވެއެވެ. އެއީ ތަޖުރިބާ ލިބިގެންވެސް މި މަސައްކަތަށް ހުސްވެ މި މަސައްކަތް ކުރާ ބަޔަކު ނެތީމައެވެ.

"ކުރުކޮށް ބުނަންޏާމުން މިހާރު މިރަށުގައި މިކަމެއް ނެތް، ޒުވާނުން ނޫޅޭ މި މަސައްކަތުގައި، ވަރަށް ފަށުވި ކަމެއް ވީމަ، ތެދުއުއިވަޑާން ކުރިޔަކަސް، ފަރުނީޗަރު މަސައްކަތެއް ނުކުރެވޭނެ، ފަރުނީޗަރު މަސައްކަތަކީ ވަރަށް ކަވި ކަމެއް ވީމަ މިކަމުގައި މީހުން ނޫޅެނީ". ސޯބިރު ބުންޏެވެ.