(ހއ. މުރައިދޫ) މިރަށުގައި ކުރިން މުޅިންހެން އޮތީ ކަށިކެޔޮ ގަހެވެ. ކަށިކެޔޮ ގަސްތައް ގިނަކަމުން އެއް ގަހުން، އަނެއް ގަހަށް ވެސް ގޮސް އުޅެވެއެވެ. އެ ކަށިކެޔޮ ގަސްތަކުން މުޅި ރަށުގެ ވަލުތެރެ އެއްކޮށްހެން ފުރާލަފައި އޮންނައިރު، މުޅި ރަށް ހިޔާވެފައި އޮންނަނީ ވެސް އެ ގަސްތަކުންނެވެ. އެއީ މިރަށުގައި ބަޔަކު ހެއްދި އެއްޗެއް ނޫނެވެ. ގަހަކަަށް ފަހު ގަހެއް ފަޅައިގެން ގޮސް ބޮޑު ޖަންގައްޔަކަށް ހެދުނީ އެ ގަސްތަކުންނެވެ.
ނަމަވެސް މިއަދު ރަށުގައި އެފަދަ ގަހެއް ނެތޭ ވެސް ބުނެވިދާނެއެވެ. ނަމަވެސް މިރަށުގެ ފަސްގަނޑަކީ ރަނގަޅު ފަސްގަނޑެއްކަމުން މިރަށުގައި ވަރަށް ފަސޭހައިން ކަށިކެޔޮ ގަސްތައް ހެއްދޭނެ ކަމަށް މިރަށު މީހުން ގަބޫލު ކުރެއެވެ. މިރަށުން ކަށިކެޔޮ ގަސްތައް ނެތިގެން ދިޔައީ މިރަށު ރައްޔިތުންގެ އިހުމާލުން ކަމަށް އެމީހުން ގަބޫލު ވެސް ކުރެއެވެ.
އެ ރަށުން ވާހަކަ ދެއްކި ފާތުމަތު ޒަހީރާ 59، ބުނީ ކަށިކެޔޮ ގަސްތަކަކީ މިރަށު މީހުންގެ މަސައްކަތުން ހެއްދި ގަސްތަކެއް ނޫން ކަމަށެވެ. އެއީ ވަލުގައި ހެދެން ފެށި ގަސްތަކެއް ކަމަށް ޒަހީރާ ބުންޏެވެ.
"ކުރިން މިރަށު ވަލު ތެރޭގެ ޖަންގައްޔަކީ އެއީ ކަށިކެޔޮ، އާއްމު ރައްޔިތުންގެ އިހުމާލުން ކަށިކެޔޮގަސްތައް ނެތިގެން ދިޔައީ،" ޒަހީރާ ބުންޏެވެ.
ޒަހީރާ ބުނީ، މިރަށުގައި ކަށިކެޔޮ ހައްދަން އޭނާ ވެސް ބޭނުންވާ ކަމަށެވެ.
މިރަށުގައި ކަށިކޭލުން ތައްޔާރުކުރާ ބައެއް އެއްޗެހި
- ކަށިކެޔޮ ބޮންޑަހެލި
- ކަށިކެޔޮ ފޯއް
- ކަށިކެޔޮ ފަނި
- ބަތްޕެން
- ކަށިކެޔޮ ލޮނުކޮށް، ފޮނިކޮށް މޮޑުން
މި އެއްޗިއްސަކީ މިހާރުވެސް ބައެއް ރަށްރަށުގައި ތައްޔާާރުކުރާ އެއްޗިއްސަށްވާ އިރު، ހަދިޔާގެ ގޮތުގައި ބައެއް ރަށްތަކަށް މިހާރުވެސް ކަށިކޭލާއި، ކަށިކޭލުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހި ފޮނުވައެވެ.
މިރަށުގައި ކަށިކެޔޮ އޮތް ޒަމާނުގައި، ކާޑަށް ޖެހުނު ދުވަސްވަރު ބަނޑުހައިހޫނުކަމުގެ ތެރޭގައި ކައިރި ރަށްތަކުގައި ދިރިއުޅުމުންދިޔަ މީހުން ދިޔައީ މިރަށުން ކަށިކެޔޮ ގެންގޮސް ކައިގެން ކަމަށް މިރަށު މީހުން ބުނެ އުޅެއެވެ.
"ބޮޑުތަދު އައިއިރު މިރަށުން ވަރަށް ގިނަ ރަށްރަށަށް ކެޔޮ ފޮނުވާ ހެދި، ދިއްދޫ އާއި ވަށަފަރު، އުތީމު، އިހަވަންދޫ، ހޯރަފުށި ފަދަ ރަށްތަަކަކީ މިރަށުން ބެލެހެއްޓި ރަށްތައް". އެރަަށު އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.
އޭނާ ބުނީ، އޭރު މިރަށުގައި ބަނބުކެޔޮ ގަސްތައްވެސް ވަރަށް ގިނައިން އޮތެވެ. އެހެންވެ ބޮޑުތަދު ދުވަސްކޮޅު ކަށިކޭލުގެ އިތުރުން، ބަނބުކެޔޮވެސް ފޯރުކޮށްދެމުންދިޔައެވެ.
އޭރާއި މިހާރު ވެސް ރަށުގެ ރައްޔިތުން އެ ތަކެތިން ވިޔަފާރިކޮށެއް ނޫޅެއެވެ. ހަދިޔާއެއްގެ ގޮތުގައި ރަށްރަށުގައި މީހުންނަށް ދީ އުޅުނު އެއްޗެއްގެ ގޮތުގައި ކަށިކެޔޮ އޮތީ ވެފައެވެ.
މިރަށު އުމުރުން 54 އަހަރުގެ އަބްދުﷲ އަގްލީލް ބުނީ، މިރަށުން ކަށިކެޔޮގަސްތައް ކަނޑަން ޖެހުނީ ދަނޑުވެރިކަމުގައި އާއި ކެޔޮގަސްތައް އިންދަން ޖެހުމުން ކަމަށެވެ.
އިތުރު މީހަކު ބުނިގޮތުގައި، މިރަށުން ކަށިކެޔޮގަސްތައް ނެތިގެން ދިޔައީ ރައްޔިތުންގެ ނުލަފާ ކަމުންނެވެ.
"އެއީ ވީއެއްޗަކީ މިރަށުގައި ހުޅުޖެހީ، ހުޅުޖަހައިގެން،.... މިއީވެސް ކަށިކެޔޮ ވާ އޮތް ތަނެއް... މިތަނުގައިވެސް އެއްކޮށް އޮންނާނީ ވާ. މިހިސާބުގަނޑުގައި ދައްތަމެންނަށް ވީއިރުވެސް މީހުންނެއް ނޫޅޭނެ، އެ އެއްޗެހި ނެތިގެން ދިޔައީ ހުޅުޖަހާ އަންދައިގެން،، ހުޅުޖަހާފައި ވަނީ ކެޔޮ އިންދަން". މިރަށު އުމުރުން 55 އަހަރުގެ ގަމަރުއްނިސާ ހަސަން ބުންޏެވެ.
ގަމަރުއްނިސާ ބުނީ، މިރަށު މީހުން ކައިބޮއެ އުޅުމަށް އޭރު ބޭނުން ކުރަމުންދިޔައީ ކަށިކޭލެވެ. ނަމަވެސް ގެދޮރު އެޅުމަށާއި އެނޫން ބޭނުންތަކަށް ކަށިކެޔޮ ގަސްތައް ކަނޑާލީއެވެ.
"ދައްތަމެން ބޮޑެތި ވެގެން އައިއިރުގައި މިރަށަކީ ކަށިކޭލުން ޖަންގަލިވެފައި އޮންނަ ރަަށެއް". އެމީހާ ކިޔައި ދިނެވެ.
މިހާރުވެސް މިރަށުގެ ބައެއް ސަރަހައްދުތަކުގައި ވަރަށް މަދުން ނަމަވެސް ކަށިކެޔޮގަސްތައް ހުރި ނަމަވެސް، އެ ގަސްތައްވެސް ކަނޑަމުން އަނދަމުންދާ ކަމަށް ގަމަރުއްނިސާ ބުންޏެވެ.
މިރަށުގެ ބައެއް އަންހެން ވެރިން ބޭނުންވަނީ ރަށުގެ ވަކި ސަރަހައްދެއްގައި އެ އެއްޗެހި އިންދުމަށެވެ.
އެހެންކަމުން މިރަށުގެ ރައްޔިތުންގެ ވާހަކަތަކުން ބުރަވެވެނީ ފައިދާވާން އޮތް އެއްޗެއް މުޅި ރަށުގައި ހެއްދުމަށްޓަކައި ކަށިކެޔޮގަސްތައް ނައްތާލީއެވެ. ކަށިކޭލުން އެ މީހުންނަށް ފައިދާ ނުވީ ކަމެވެ. މިހާރު އެ ރަށު ރައްޔިތުންނަށް ފައިދާވަނީ ފަތްކޭލުން ކަމެވެ.
ގަސްތައްވެސް ކަނޑަމުން އަނދަމުން ދާންވީގިނަ ގިނައިން އެއްބަޔަކަށް ފާއިދާ، އަނެއް ބަޔަކަށް ގެއްލުން.
އަބަދު އެއްޗެހި ނެތިގޮއްސަ އޮންނަހަބަރު ތިލިޔަނީ ތިރަށުގެ